Roadha Mihaaru
ޓްރީ ޓޮޕަށް އިތުރު އެމްއާރްއައި މެޝިނެއްގެ ހިދުމަތް

ކްލޮސްޓްރޮފޯބިއާ ހުންނަ މީހުންނަށް އެމްއާރުއައި ހަދަން ފަސޭހަ މެޝިނެއް ޓްރީ ޓޮޕަށް

02 ޑިސެމްބަރ 2023

ޓްރީ ޓޮޕް ހޮސްޕިޓަލްގައި އިތުރު އެމްއާރްއައި މެޝިނެއްގެ ހިދުމަތް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓްރީ ޓޮޕް ހޮސްޕިޓަލްގައި އިތުރު އެމްއާރްއައި މެޝިނެއްގެ ހިދުމަތް ފަށައިފި އެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި މި މެޝިނަކީ އެންމެ ފަހުގެ ޓެކްނޮލަޖީއާ އެކު، އަޑު މަޑު އަދި ސްކޭން ހަދާ ވަގުތު، ހާސްކަން ކުޑަކޮށްދިނުމުގެ ގޮތުން ހިތްފަސޭހަ އޯޑިއޯ ޖަހައި ވީޑިއޯ ޕްރޮޖެކްޓު ކުރެވޭ މެޝިނެއް ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އާ އެމްއާރުއައި މެޝިނުގެ ސަބަބުން، ކާޑިއެކް އިމޭޖިން އެންޑް ނިއުރޮލޮޖީ އިމޭޖިންގެ އެހީގައި ބަލިތައް ދެނެގަނެވޭނެ އެވެ. އަދި މި މެޝިނުން އެމްއާރުއައި ކާޑިއެކް، އެމްއާރްއައި ޓްރެކްޓޯގްރަފީ، އެމްއާރްއައި ފަންކްޝަނަލް، އެމްއާރްއައި ޕެރިފެރަލް އެންޖިއޯގްރާމް، އެމްއާރްއައި ލިވަ އަޔަން ކޮންޓިފިކޭޝަން، އެމްއާރްއައި ފީޓަލް، އެމްއާރްއައި ޑީފެކޯގްރާމް، އެމްއާރްއައި އޯޓޯގްރާމް، އެމްއާރްއައި ކާޓިލޭޖް މެޕިން އަދި އެމްއާރްއައި ހޯލްބޮޑީ ހެދޭނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ މި މެޝިނުގެ ސަބަބުން، އެމްއަރުއައި ހެދުމަށް ކިއުގައި ހޭދަކުރަން ޖެހޭ ވަގުތު މަދުވާނެ ކަމަށެވެ. އާ އެމްއާރުއައި މެޝިނުގެ އިމޭޖު ކޮލިޓީ ރަނގަޅުވުމުން ޕޭޝަންޓުގެ ކޮންޑިޝަނާއި ޑޮކްޓަރުން ކުރައްވާ ޑައިގްނޯސްގައި އިތުރު ޔަގީންކަން މި އެމްއާރުއައި މެޝިންގެ ސަބަބުން ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޓްރީ ޓޮޕުން އެމްއާރުއައިގެ ހިދުމަތް އެ ހޮސްޕިޓަލުގެ ރޭޑިއޮލިޖީ ޑިޕާޓްމަންޓުން ހެދނުނު 8:00 އިން ރޭގަނޑު 10:00 އަށް ލިބޭނެ އެވެ.