Roadha Mihaaru
ހުރިހާ އެންމެން އަފްގާނުން ބޭރަކަށް ނުގެންދެވޭނެ

ހުރިހާ އެންމެން އަފްގާނުން ބޭރަކަށް ނުގެންދެވޭނެ: އިނގިރޭސި ވިލާތް

24 އޯގަސްޓް 2021

ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާނު ދިޔުމުން، އެ ގައުމު ދޫކޮށް ދާން ބޭނުންވާ ހުރިހާ އެންމެން، އެ ގައުމުން ބޭރަށް ގެންގޮސްނުދެވޭނެ ކަމަށް އިނގިރޭސި ވިލާތުން މިއަދު ބުނެފި އެވެ.

ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާނު ދިޔުމުން، އެ ގައުމު ދޫކޮށް ދާން ބޭނުންވާ ހުރިހާ އެންމެން، އެ ގައުމުން ބޭރަށް ގެންގޮސްނުދެވޭނެ ކަމަށް އިނގިރޭސި ވިލާތުން މިއަދު ބުނެފި އެވެ.

އިނގިރޭސި ދިފާއީ ވަޒީރު ބެން ވޮލެސް ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިދިޔަ އެޕްރީލް މަހުން ފެށިގެން މިއަދާ ހަމައަށް، އަފްގާނިސްތާނުން 10،000 މީހުން ބޭރަށް ގެންގޮސްދީފައިވާނެ ކަމަށެވެ. އަދި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 2،000 މީހުން އަފްގާނިސްތާނުން ބޭރުކޮށްދީފައިވާނެ ކަމަށެވެ.

ނަމަވެސް، މިހާރު ކާބުލް ވައިގެ ބަނދަރަށް ތޮއްޖެހިފައި ތިބި އެންމެން އެ ގައުމުން ބޭރަށް ގެންގޮސްދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވޮލެސް ވިދާޅުވި އެވެ.

"އަހަރެމެންގެ އަމާޒަކީ ވީހާ ގިނަ ބަޔަކު ބޭރުކޮށްދިނުން. ނަމަވެސް ކުރިމަތިވެފައި އޮތް ގޮންޖެހުމުގެ ބޮޑުމިނަށް ބަލާއިރު، އެ ހުރިހާ މީހުން ބޭރެއް ނުކުރެވޭނެ. އެހެންވެ އަހަރެމެން ބޭރަށް މި ގެންދަނީ، އެކަމުގައި އިސްކަން ދޭންޖެހޭ މީހުން ބަލައިގެން،" ވޮލެސް ވިދާޅުވި އެވެ.

"އެކަން އެގޮތަށް ވާކަމަށް ވާނަމަ، (އޮގަސްޓް 31)ގެ ފަހުން ވެސް އަފްގާނިސްތާނުގައި ތިބެން އަހަރެމެން ބޭނުން. މިކަމުގައި ގޮތެއް ނިންމަން ތިބި ބަޔަކީ އެމެރިކާ އާއި ތާލިބާނުން،" ބިދޭސީ ސިފައިން އަފްގާނިސްތާނުން ބޭލުމާ ގުޅޭ ގޮތުން، އެމެރިކާ އާއި ތާލިބާން ޖަމާއަތާ ދެމެދު ވެފައިވާ އެއްބަސްވުމަށް އިޝާރާތް ކުރައްވައި، ވޮލެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ތާލިބާނުންގެ ބާރު ހިނގަން ފެށުމުން، އަފްގާނިސްތާނުގައި ދިރިއުޅުމަކީ ބައެއް އާންމުންނަށް ވަރަށް ދަތި ކަމަކަށް ވާނެ އެވެ. އެހެން ނަމަވެސް، އިތުރު މީހުން އަފްގާނިސްތާނުން ބޭރަށް ގެންދިޔުމަށްޓަކައި، ކާބުލްގެ ވައިގެ ބަނދަރުގައި އިތުރު މުއްދަތަކަށް އެމެރިކާ ސިފައިން ތިބުމާ މެދު ގޮތެއް ނިންމާނީ، އެމެރިކާ އާއި ތާލިބާނުންގެ މެދުގައި ދެކެވޭ ވާހަކަތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބޭ މުއްދަތު އިތުރު ނުކުރަން އެމެރިކާ އިން ނިންމައިފިއްޔާ، އަހަރެމެން ވެސް އޮގަސްޓް 31 ގައި އަފްގާނިސްތާނުން ފައިބާނަން،" ވޮލެސް ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ކޮންޒަވޭޓިވް ޕާޓީ ތަމްސީލު ކުރައްވާ މެމްބަރެއް ކަމަށްވާ، އަދި އަފްގާނިސްތާނުގައި އިނގިރޭސި ސިފައިންގެ މީހެއްގެ ގޮތުން ހަރަކާތްތެރިވެފައިވާ ޓޮމް ޓޫގެންޑާޓް ވިދާޅުވީ، އެމެރިކާ ސިފައިން އިތުރު މުއްދަތަކަށް ތިބުމާ މެދު، އެމެރިކާ އަށް އެކަނި ގޮތެއް ނުނިންމޭނެ ކަމަށެވެ.

"މުއްދަތު އިތުރުކޮށްދޭން މިއެދެނީ އެމެރިކާގައި އެކަންޏެއް ނޫން. އެމެރިކާ އަށް މިކަމުގައި ވަރަށް ބޮޑު ދައުރެއް އެބަ އޮތް. އެކަމަކު، ތާލިބާން ޖަމާއަތުގައި ވެސް އަހަރެމެން އެކަމަށް އެބަ އެދެން. އެކަމަކު އެއީ ވަރަށް އުނދަގޫ ކަމެއް، ސަބަބަކީ، ތާލިބާނުންނަކީ އެއްވެސް ވަރަކަށް އިތުބާރު ކުރެވޭނެ ބައެއް ނޫން،" ޓޮމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިންނާ ނުލައި، ގުޅިފައިވާ ލަޝްކަރުގެ ސިފައިންނަށް އަފްގާނިސްތާނުގައި މާ ބޮޑު ކަމެއް ނުކުރެވޭނެ ކަމަށެވެ.

"އެމެރިކާ ސިފައިން ގާތުގައި އަހަރެމެންނަށް އެހިދާނެ، އެމީހުން އަހަރެމެންނާ އެކުގައި އަފްގާނިސްތާނުގައި މަޑުކޮށްދޭނަންތޯ. އެމީހުން ނުތިބޭ ނަމަ، ކާބުލް ވައިގެ ބަނދަރު ސަރަހައްދު އަހަރެމެންނަށް ހިމާޔަތެއް ނުކުރެވޭނެ، އަދި ކާބުލްގެ ވައިގެ ސަރަހައްދު ވެސް އަހަރެމެންނަށް ނުބެލެހެއްޓޭނެ. އެހެންވެ ކަންބޮޑުވަނީ، އޮގަސްޓް 31 ގެ ފަހުން އެމެރިކާ ސިފައިން ކާބުލް އިން ފައިބަފާނެތީ."

އެމެރިކާ އާއި ތާލިބާނުންނާ ދެމެދު 2020 ވަނަ އަހަރުގެ ކުރީކޮޅު އެއްބަސްވެފައިވާ ގޮތުން، މިއަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް، ބިދޭސީ ސިފައިން އަފްގާނިސްތާނުން ފައިބައި ނިންމަންޖެހޭނެ އެވެ. ނަމަވެސް، މިއަހަރުގެ ކުރީކޮޅު، ޖޯ ބައިޑެން އެމެރިކާގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މުއްދަތު ވަނީ އޮގަސްޓް 31 އަށް ބަދަލުކޮށްފަ އެވެ.