Roadha Mihaaru
ތާލިބާނުންނާ މުއާމަލާތު ކުރަން އިނގިރޭސީން ތައްޔާރު

ތާލިބާނުންނާ މުއާމަލާތު ކުރަން ތައްޔާރު: އިނގިރޭސި ވިލާތް

14 ޖުލައި 2021

އަފްގާނިސްތާނުގައި މިހާރު ހިނގަމުންދާ ދާހިލީ ހަނގުރާމަ ކޮޅެއްގައި ޖެހޭއިރު، އެ ގައުމުގެ ވެރިކަން ތާލިބާނުން ލިބިއްޖެ ނަމަ، އެ ޖަމާއަތާ އެކުގައި މުއާމަލާތު ކުރަން ތައްޔާރަށް އޮތް ކަމަށް އިނގިރޭސި ވިލާތުން ބުނެފި އެވެ.

އަފްގާނިސްތާނުގައި މިހާރު ހިނގަމުންދާ ދާހިލީ ހަނގުރާމަ ކޮޅެއްގައި ޖެހޭއިރު، އެ ގައުމުގެ ވެރިކަން ތާލިބާނުން ލިބިއްޖެ ނަމަ، އެ ޖަމާއަތާ އެކުގައި މުއާމަލާތު ކުރަން ތައްޔާރަށް އޮތް ކަމަށް އިނގިރޭސި ވިލާތުން ބުނެފި އެވެ.

އިނގިރޭސި ދުވަހު ނޫސް ޓެލެގްރާފަށް ދެއްވި އިންޓަވިއުއެއްގައި އިނގިރޭސި ދިފާއީ ވަޒީރު ބެން ވެލަސް ވިދާޅުވީ އަފްގާނިސްތާނުގައި ކޮންމެ ބައެއްގެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް، އެ ސަރުކާރަކުން ބައިނަލްއަގުވާމީ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތަށް ކަންތައް ކުރާ ނަމަ، އެ ސަރުކާރަކާ އެކު އިނގިރޭސި ވިލާތުން މުއާމަލާތު ކުރާނެ ކަމަށެވެ.

ބެން ވެލަސް ވިދާޅުވީ އިނގިރޭސި ވިލާތުން މިފަދަ ނިންމުމެއް ނިންމުމުން އެކަމަށް ފާޑުކިޔާނެ ބަޔަކު ތިބޭނެ ކަމަށެވެ. ނަމަވެސް ކޮންމެ ކަމެއްގެ ވެސް އެންމެ ފަހުގެ ހައްލަކީ ސުލްހަ ކަމަށް ވާއިރު، ސުލްހަ ގާއިމުކުރާ ހާލަތުގައި އަދުއްވުންނާ އެކު ސުލްހަވާންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތާލިބާން ޖަމާއަތް ބޭނުންވަނީ ބައިނަލްއަގުވާމީ މުޖްތަމައުން އެ ޖަމާއަތް ބަލައިގަތުމަށެވެ. އެހެންކަމަށްވާ ނަމަ، ތާލިބާނުންވެސް ހަރުކަށި ވިސްނުން ދޫކޮށްލަން ޖެހޭނެ ކަމަށް ވެލަސް ވިދާޅުވި އެވެ. ދައުލަތެއް ބިނާކުރާ އިރު އެ ބަޔަކަށް މާލީ އެހީތެރިކަމާއި ސިޔާސީ އެއްބާރުލުން ބޭނުންވާނެ ކަމަށާއި، އެކަންކަން ތާލިބާން ޖަމާއަތަށް ހާސިލްވާނީ، އެ ޖަމާއަތުން ޓެރަރިޒަމްގެ އަމަލުތައް ހުއްޓާލައިގެން ކަމަށް ވެސް ވެލަސް ވިދާޅުވި އެވެ.

އަފްގާނިސްތާނުގައި ތިބި އެމެރިކާ އާއި ނޭޓޯގެ ސިފައިން 20 އަހަރަށް ފަހު އެ ގައުމުން ފައިބައިގެން ދިޔުމާއެކު، ތާލިބާން ޖަމާއަތުން މިހާރު އަންނަނީ، އަފްގާނިސްތާނުގެ ގިނަ ސަރަހައްދުތަކެއް އެމީހުންގެ ބާރުގެ ދަށަށް ގެންނަމުންނެވެ. އެގޮތުން އަފްގާނިސްތާނުގެ 85 ޕަސެންޓަށް ވުރެ ބޮޑު ބައެއް މިހާރު އޮތީ އެ ޖަމާއަތުގެ ބާރުގެ ދަށުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ތާލިބާނުންގެ ހަމަލާތައް ވަރުގަދަވަމުން އަންނަ އިރު، އަވައްޓެރި ތަޖަކިސްތާނާއި ތުރުކުމެނިސްތާނުގެ އިތުރުން، ޕާކިސްތާނުން ވެސް ވަނީ، އަފްގާނިސްތާނުގައި ދާހިލީ ހަނގުރާމައެއް ފެށިދާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ގައުމުތަކާއި އަފްގާނިސްތާނު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި، ސަލާމަތީ ފިޔަވަޅުތައް މިހާރު ވަނީ ވަރުގަދަ ކޮށްފަ އެވެ.