Roadha Mihaaru
އަފްގާނުގައި ސިފައިންގެ ލަޝްކަރެއް އުފައްދަނީ

އަފްގާނުގައި ސިފައިންގެ ލަޝްކަރެއް އުފައްދަނީ

16 ސެޕްޓެމްބަރ 2021

އަފްގާނިސްތާނުގައި ރަސްމީ ސިފައިންގެ ލަޝްކަރެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ގައުމުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުގެ ވަގުތީ ސަރުކާރުން ބުނެފި އެވެ.

އަފްގާނިސްތާނުގައި ރަސްމީ ސިފައިންގެ ލަޝްކަރެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ގައުމުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުގެ ވަގުތީ ސަރުކާރުން ބުނެފި އެވެ.

ވަގުތީ ސަރުކާރުގެ ސިފައިންގެ އިސް ވެރިޔާ ގާރީ ފަސީހުއްދީން ވިދާޅުވި ގޮތުގައި އަފްގާނިސްތާނުގައި މުޅިން އާ ސިފައިންގެ ލަޝްކަރެއް އުފެއްދުމުގެ މަޝްވަރާތައް މިހާރު އަންނަނީ ކުރަމުންނެވެ. އެ ލަޝްކަރުގެ ހަމައެކަނި މަގްސަދަކަށް ވާނީ، ބޭރުގެ އުދުވާންތަކުން އަފްގާނިސްތާނު ދިފާއު ކުރުމެވެ.

ފަސީހުއްދީން ވިދާޅުވީ އަފްގާނިސްތާނުގައި ވަރުގަދަ އަސްކަރީ ލަޝްކަރެއް ގާއިމުކުރުމާ ގުޅޭ ގޮތުން ކުރީ ސަރުކާރުގެ ކަމާ ބެހޭ މަސްއޫލުވެރިންނާ އެކުގައި ތާލިބާނުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. ފަސީހުއްދީން ވިދާޅުވި ގޮތުގައި އަފްގާނިސްތާނުގެ އަމާންކަން ނަގާލައި ހަމަނުޖެހުން އުފެއްދުމަށް އެކަކަށް ވެސް ފުރުސަތެއް ނުދެވޭނެ އެވެ.

އަފްގާނިސްތާނުގައި އުފައްދާ އަސްކަރީ ލަޝްކަރަކީ، ވަކިވެގަތުމުގެ ނަމުގައާއި ޑިމޮކްރެސީގެ ނަމުގައި އެ ގައުމުގެ އަމަންއާންމު ނަގައިލަން މަސައްކަތް ކުރާ ކޮންމެ ބަޔަކު މައިތިރި ކުރާނެ ވަރުގަދަ ލަޝްކަރަކަށް ވާނެ ކަމަށް ސިފައިންގެ ވެރިޔާ ވިދާޅުވި އެވެ.

ތާލިބާނުން އަފްގާނިސްތާނު ހިފުމުން ވެސް ހަތިޔާރު ނުބަހައްޓައި އެންމެ ފަހު ވަގުތާ ޖެހެންދެން، ޕަންޖްޝޭރް ވާދީގައި ހަނގުރާމަކުރި ހަތިޔާރު އެޅި ޖަމާއަތުގެ މީހުން ބޭނުންވަނީ އަފްގާނިސްތާނު އަނެއްކާ ވެސް ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ވައްޓައިލަން ކަމަށް ފަސީހުއްދީން ތުހުމަތު ކުރެއްވި އެވެ. ނަމަވެސް ވަކި ދަރިކޮޅެއްގެ ބާރު ގަދަވެ، ނަސްލީ ތަޅާފޮޅުމެއްގެ ތެރެއަށް ގައުމު ވައްޓާލަން ފުރުސަތު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަފްގާނިސްތާނުގެ ކުރީގެ މުޖާހިދުންގެ ކޮމާންޑަރެއް ކަމަށްވާ އަހްމަދު ޝާހް މަސްއޫދުގެ ދަރި، އަހްމަދު މަސްއޫދަށް ވަފާތެރި ހަނގުރާމަވެރިން ޕަންޖްޝޭރް ވާދީގައި ވަކި ވެރިކަމެއް ގާއިމުކުރަން ކުރި މަސައްކަތް ތާލިބާނުން ވަނީ ނާކާމިޔާބު ކޮށްލައި، އެ ޕްރޮވިންސް ވެސް ތާލިބާނުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.

އަފްގާނިސްތާނުގައި އެމެރިކާ އާއި ނޭޓޯ ސިފައިން ތިބި ދުވަސްވަރު އެ ގައުމުގައި އޮތް ސަރުކާރުން އުފެއްދި ލަޝްކަރުގެ ސިފައިން ވަނީ، ތާލިބާނުން އެ ގައުމު ހިފުމާއެކު މަސްއޫލިއްޔަތުން އެކަހެރިވެ އަމިއްލަ އަށް ފިލައިފަ އެވެ. މިއަހަރުގެ ކުރީކޮޅުން ފެށިގެން އެމެރިކާ ސިފައިން އަފްގާނުން ފައިބަން ފެށުމާއެކު، ސަރުކާރު ސިފައިންނާ ދެކޮޅަށް ތާލިބާނުންގެ ހަމަލާތައް ވަރުގަދަކުރި އެވެ.

ބައެއް ޕްރޮވިންސްތައް ތާލިބާނުންގެ ބާރުގެ ދަށަށް ގެނައީ، ސިފައިންގެ ފަރާތުން މާ ވަރުގަދަ ރައްދު ހަމަލާތަކަކާ ކުރިމަތިލާން ނުޖެހި އެވެ. ތާލިބާނުންގެ ހަމަލާތައް ވަރުގަދަ ކުރަމުން އައި ވަރަކަށް، ސިފައިންގެ ތެރެއިން ފިލައިގެން ދާ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. ބައެއް ޕްރޮވިންސްތައް ތާލިބާނުންގެ ބާރުގެ ދަށަށް ދިޔައީ، އެއްވެސް ކުރިމަތިލުމަކާ ނުލައި، ސަރުކާރު ސިފައިން ހަތިޔާރު ބަހައްޓައި އަމާން ދިނުމުންނެވެ. އެހެންކަމުން އަފްގާނު އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ހަތިޔާރާއި އަސްކަރީ ހުރިހާ ސާމާނެއް ތާލިބާނުންގެ ބާރުގެ ދަށަށް ދިޔަ އެވެ.

ހުސްވި އޮގަސްޓް 15 ވަނަ ދުވަހު ވެރިރަށް ކާބުލް އަށް ތާލިބާންގެ ހަނގުރާމަވެރިން ވަދެގަތް އިރު، ސިފައިންގެ ފަރާތުން އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ނުފެނެ އެވެ. އަދި ތާލިބާނުން ކާބުލް އަށް ވަތް އިރު ސިފައިންގެ އެކަކު ވެސް ރަށު ތެރެއިން ނުފެނެ އެވެ.