Roadha Mihaaru
ޕަންޖްޝޭރް ވާދީގައި ވަރުގަދަ ހަނގުރާމައެއް

ޕަންޖްޝޭރް ވާދީގައި ވަރުގަދަ ހަނގުރާމައެއް

05 ސެޕްޓެމްބަރ 2021

އަފްގާނިސްތާނުގެ 34 ޕްރޮވިންސްގެ ތެރެއިން މިހާތަނަށް ތާލިބާން ހަނގުރާމަވެރިން ބާރުގެ ދަށަށް ނުގޮސް އޮތް ހަމައެކަނި ޕްރޮވިންސް ކަމަށްވާ ޕަންޖްޝޭރް ވާދީ ހިފުމަށް، ތާލިބާނުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި އެވެ.

އަފްގާނިސްތާނުގެ 34 ޕްރޮވިންސްގެ ތެރެއިން މިހާތަނަށް ތާލިބާން ހަނގުރާމަވެރިން ބާރުގެ ދަށަށް ނުގޮސް އޮތް ހަމައެކަނި ޕްރޮވިންސް ކަމަށްވާ ޕަންޖްޝޭރް ވާދީ ހިފުމަށް، ތާލިބާނުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި އެވެ.

މީގެ ހަތަރު ދުވަސް ކުރިން ފެށި ހަނގުރާމައިގައި، މިހާތަނަށް އެންމެ ވަރުގަދަ ހަމަލާތަކެއް ދިނީ ރެޔާއި މިއަދު އެވެ. ތާލިބާނުންގެ ސިޔާސީ އޮފީހުގެ ތަރުޖަމާނު ސުހައިލް ޝާހީން ބުނި ގޮތުގައި ޕަންޖްޝޭރް ވާދީގެ ގާތްގަނޑަކަށް ހުރިހާ ސަރަހައްދެއް މިހާރު އޮތީ، ތާލިބާނުންގެ ބާރުގެ ދަށުގަ އެވެ. އެ ވާދީގެ ދެތިން ސަރަހައްދެއްގައި އަދިވެސް ވަރަށް ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރަމުން އެބަދެ އެވެ.

ތާލިބާނުންގެ ހަނގުރާމަވެރިން މިހާރު އިސްކަން ދީފައިވަނީ، ޕަންޖްޝޭރް ވާދީން ތާލިބާނުންގެ ބާރުގެ ދަށަށް ގެނެވުނު ސަރަހައްދުތައް ބަލައި ފާސްކޮށް، އިދިކޮޅު ހަނގުރާމަވެރިން ނެތްކަން ކަށަވަރުކުރުމުގެ މަސައްކަތަށެވެ. އެއަށް ފަހު، މިހާރު ތާލިބާނުންގެ ބާރުގެ ދަށަށް ނުގެނެވި އޮތް ދެ އަވަށް ހިފުމުގެ މަސައްކަތް ފަށާނެ އެވެ.

ޕަންޖްޝޭރް ވާދީގައި ބޭރުގެ އެއްވެސް ނޫސްވެރިއަކު ނެތުމުން، އެ ވާދީގައި ހިނގާ ހަނގުރާމައާ ބެހޭ ގޮތުން އިތުބާރު ހުރި އެއްވެސް މައުލޫމާތެއް ނުލިބެ އެވެ. ޕަންޖްޝޭރް ވާދީގެ ބޮޑު ސަރަހައްދެއް ތާލިބާނުންގެ ބާރުގެ ދަށަށް ގެނެވިއްޖެ ކަމަށް، އެ ޖަމާއަތުން ބުނާއިރު، އެ ވާދީގައި ހަނގުރާމަކުރާ ޖަމާއަތުން ބުނަނީ މުޅިން އެހެން ވާހަކަތަކެކެވެ.

ޕަންޖްޝޭރް ވާދީގެ ނުފޫޒު ގަދަ ލީޑަރު އަހްމަދު މަސްއޫދަށް ވަފާތެރި ހަނގުރާމަވެރިން ބުނާ ގޮތުގައި ތާލިބާނުން މިހާރު ތިބީ ޕަންޖްޝޭރް ވާދީގެ ދަންތުރައިގައި ރަނގަޅަށް ޖެހިފަ އެވެ. ޕަންޖްޝޭރް ވާދީ އަށް ހަމަލާ ދެމުން ދިޔަ ތާލިބާންގެ ހަނގުރާމަވެރިން މިހާރު ވަނީ، ވާދީގެ ތެރެއަށް ރަނގަޅަށް ވަދެފައި ކަމަށާއި، އެމީހުން މިހާރު ތިބީ ވާދީގެ ހަނގުރާމަވެރިންގެ ހިސާރުގައި ތާށިވެފައި ކަމަށް ވެސް ހަނގުރާމަވެރިން ބުނެ އެވެ.

ވާދީގެ ހަނގުރާމަވެރިންގެ ތަރުޖަމާނު ފަހީމް ދަޝްތީ ޓުވީޓާގައި ބުނީ ޕަންޖްޝޭރް ވާދީ ހިފަން މަސައްކަތް ކުރި ތާލިބާންގެ ހުރިހާ ހަނގުރާމަވެރިން މިހާރު އެ ވާދީން ބޭރުކޮށްލެވިއްޖެ ކަމަށެވެ. ތާލިބާންގެ ހާހަކަށް ވުރެ ގިނަ ހަނގުރާމަވެރިން ޕަންޖްޝޭރް ވާދީ އަށް އައި ކަމަށާއި އޭގެ ތެރޭގައި ބިދޭސީ ހަނގުރާމަވެރިން ވެސް ހިމެނޭ ކަމަށް ވާދީގެ ހަނގުރާމަވެރިން ބުނެ އެވެ.

ތާލިބާނުންގެ ހަނގުރާމަވެރިންގެ ތެރެއިން ބައެއް މީހުން ހަމަލާތަކުގައި މަރުވެފައިވާ އިރު، ގިނަ އަދަދެއްގެ ހަނގުރާމަވެރިން އަސީރު ކުރެވިފައިވާ ކަމަށް ވެސް ވާދީގެ ހަނގުރާމަވެރިން ބުނެ އެވެ. އަދި ބައެއް މީހުން ވަނީ އަމާންދީ ހަތިޔާރު ބަހައްޓާފައި ކަމަށް ވެސް ވެއެވެ.

ޕަންޖްޝޭރް ވާދީގައި ހޮސްޕިޓަލެއް ހިންގާ، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އިޓަލީ ވިލާތުގެ ޖަމާއަތެއް ކަމަށްވާ "އިމަޖެންސީ" އިން އިއްޔެ ބުނި ގޮތުގައި، ތާލިބާންގެ ހަނގުރާމަވެރިން އަނާބާ އަވަށަށް އިއްޔެ ވަނެވެ. ނަމަވެސް ހޮސްޕިޓަލުގެ މަސައްކަތަށް އެއްވެސް ވަރަކަށް ހުރަސް ނާޅާ ކަމަށާއި، ތާލިބާނުން އެ އަވަށަށް ވަންއިރު ވެސް، އެ އަވަށުގެ ގިނަ ބަޔަކު، ރައްކާތެރި އެހެން ހިސާބުތަކަށް ގޮސްފައިވާ ކަމަށް، އެ ހޮސްޕިޓަލުން ބުނެ އެވެ.

ޕަންޖްޝޭރް ވާދީއަކީ، ސޯވިއެޓް ޔޫނިއަން އިން އަފްގާނިސްތާނު އަޅުވެތިކޮށްގެން އޮތް ދުވަސްވަރު ވެސް، ސޯވިއެޓް ސިފައިންނަށް ބާރު ނުހިންގުނު ސަރަހައްދެކެވެ. އަދި ސޮވިއެޓް ސިފައިންނަށް ފަހު، 1996-2001 ތާލިބާނުން ވެރިކަން ކުރި ދުވަސްވަރު ވެސް، ޕަންޖްޝޭރް ވާދީގެ ކުރީގެ ލީޑަރު އަހްމަދު ޝާހް މަސްއޫދަށް ވަފާތެރި ހަނގުރާމަވެރިން، ތާލިބާނުންނާ ދެކޮޅަށް އޭރު ކުރި ވަރުގަދަ ހަނގުރާމައިގެ ސަބަބުން، ތާލިބާނުންނަށް އެ ވާދީ ނުހިފެ އެވެ.

ނަމަވެސް ތާލިބާނުންގެ ހަމަލާތަކެއްގައި، އަހްމަދު ޝާހް މަސްއޫދު މަރައިލި އެވެ. މިހާރު އެ ޕްރޮވިންސްގެ ލީޑަރަކީ އަހްމަދު ޝާހް މަސްއޫދުގެ ފިރިހެން ދަރި އަހްމަދު މަސްއޫދެވެ.

ތާލިބާނުން އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ހިފުމާއެކު، އެ ގައުމުގެ ސަރުކާރުގެ ސިފައިންގެ ތެރެއިން ގިނަ ބަޔަކު ވަނީ، އެމީހުންގެ ހަތިޔާރާއެކު ޕަންޖްޝޭރް ވާދީ އަށް ގޮސް، އެ ވާދީގެ ހަނގުރާމަވެރިންނާ ގުޅިފަ އެވެ. އެހެންކަމުން، ތާލިބާނުން އެ ސަރަހައްދު ހިފުމަށް ކުރާ ހަނގުރާމައިގައި، ދެ ފަރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ބެލެވެ އެވެ.