Roadha Mihaaru
ކަންދަހާރު އަނެއްކާވެސް ތާލިބާނުންގެ ބާރުގެ ދަށަށް

ކަންދަހާރު އަނެއްކާވެސް ތާލިބާނުންގެ ބާރުގެ ދަށަށް

05 ޖުލައި 2021

އަފްގާނިސްތާނުގައި ކުރިން ވެރިކަން ކުރި ދުވަސްވަރު ވެސް، ތާލިބާނުންގެ މައި މަރުކަޒެއްގެ ގޮތުގައި ބެލެވުނު ކަންދަހާރު އަނެއްކާވެސް އެ ޖަމާއަތުގެ ބާރުގެ ދަށަށް ދިޔުމުގެ ކޮޅުމަތި ފެންނަން ފަށައިފި އެވެ.

އަފްގާނިސްތާނުގައި ކުރިން ވެރިކަން ކުރި ދުވަސްވަރު ވެސް، ތާލިބާނުންގެ މައި މަރުކަޒެއްގެ ގޮތުގައި ބެލެވުނު ކަންދަހާރު އަނެއްކާވެސް އެ ޖަމާއަތުގެ ބާރުގެ ދަށަށް ދިޔުމުގެ ކޮޅުމަތި ފެންނަން ފަށައިފި އެވެ.

އަފްގާނިސްތާނު ސަރުކާރު ސިފައިންނާއި ތާލިބާންގެ ހަނގުރާމަވެރިންނާ ދެމެދު އިއްޔެ ކުރި ވަރުގަދަ ހަނގުރާމަ އަށް ފަހު، ކަންދަހާރުގެ ބައެއް ސަރަހައްދުތަކަށް، ތާލިބާނުން މިހާރު ވަނީ އަތްގަދަ ކޮށްފަ އެވެ. ކަންދަހާރުގެ ބައެއް އަވަށްތަކުގައި ތިބި ސަރުކާރު ސިފައިންނަށް، ތާލިބާނުންގެ ހަމަލާތަކަށް މާ ބޮޑު ރައްދެއް ނުދެވުމުން، އެމީހުން ވަނީ އެސަރަހައްދު ދޫކޮށް ފިލައިފަ އެވެ.

އެއާ އެކު ތާލިބާންގެ ހަނގުރާމަވެރިން އެ އަވަށްތަކަށް ވަންނަން ފެށުމާ އެކު، އެ އަވަށްތަކުގެ އާންމުންގެ ގިނަ ބަޔަކު މިހާރު ވަނީ އެ އަވަށްތައް ދޫކޮށް އެހެން ސަރަހައްދުތަކަށް ގޮސްފަ އެވެ.

ތާލިބާންގެ ހަނގުރާމަވެރިން އަފްގާނިސްތާނުގެ ރަށްތަކަށް ބާރު ގަދަކުރަން ފެށީ، އެ ގައުމުގައި ތިބި އެމެރިކާ ސިފައިން 20 އަހަރަށް ފަހު، މިދިޔަ މެއި މަހުގެ ތެރޭގައި އެ ގައުމުން ފައިބަން ފެށުމާ އެކުގަ އެވެ. އެމެރިކާ ސިފައިން ގާއިމުވެ ތިބި ބަގްރާމް ވައިގެ މަރުކަޒު ހުސް ކުރުމަށް ފަހު، މިހާރު ވަނީ އަފްގާނިސްތާނު ސިފައިންނާ ހަވާލުކޮށްފަ އެވެ.

އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފޭބުމާ އެކު، އެ ގައުމުގައި ވަރުގަދަ ދާހިލީ ހަނގުރާމައެއް ފެށިދާނެ ކަމަށް އެމެރިކާ އާއި ޕާކިސްތާނުން ވެސް ވަނީ އިންޒާރު ކޮށްފަ އެވެ. އަދި މިހާރު ތާލިބާންގެ ހަނގުރާމަވެރިން، އަފްގާނިސްތާނު ސިފައިންގެ މައްޗަށް ހޯދަމުންދާ ކުރިއެރުންތަކަށް ބަލާއިރު، އަފްގާނިސްތާނުގައި މިހާރު އޮތް ސަރުކާރުގެ މައްޗަށް ތާލިބާނުން ވެރިވެ، މުޅި ގައުމު އެމީހުންގެ ބާރުގެ ދަށަށް ގެނައުމަކީ ވެސް ދުރުކަމެއް ނޫނެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން، ކަންދަހާރުގެ ޕަންޖުވާއީ އަވަށުގައި ތާލިބާންގެ ހަނގުރާމަވެރިން އައީ، ސަރުކާރު ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ޕަންޖުވާއީ އަވަށަކީ، މީގެ އަހަރުތަކެއް ކުރިން ތާލިބާން ޖަމާއަތް އުފަންވި ސަރަހައްދެވެ.

ޕަންޖުވާއީގައި ކުރި ހަނގުރާމައިގައި ތާލިބާންގެ ހަނގުރާމަވެރިން ވަނީ، އެ އަވަށުގައި ހުރި ސަރުކާރު ސިފައިންގެ ސަރަހައްދީ މަރުކަޒާއި ގަވަރުނަރުގެ އޮފީސް އިމާރާތާއި ފުލުހުންގެ އިދާރާ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

ކަންދަހާރު ޕްރޮވިންޝަލް ކައުންސިލްގެ ވެރިޔާ ސައްޔިދު ޖާން ޚަކްރިވާލް ވިދާޅުވި ގޮތުގައި ޕަންޖުވާއީ އަވަށް ތާލިބާނުންގެ ބާރުގެ ދަށަށް ދިޔައީ، އެ ސަރަހައްދުގައި ތިބި ސަރުކާރު ސިފައިން، މާބޮޑު ކުރިމަތިލުމެއް ނުހިނގަނީސް، ގަސްދުގައި އެ ސަރަހައްދު ދޫކޮށް ދިއުމުންނެވެ.

އެ ސަރަހައްދުގެ އިން ބަލަހައްޓާ ފުލުހުންގެ ކޮމާންޑަރު އަސަދުﷲ ވިދާޅުވި ގޮތުގައި ތާލިބާން ހަނގުރާމަވެރިންގެ ހަމަލާތަކަށް ރައްދު ދިނީ، އެ ސަރަހައްދުގައި ތިބި ފުލުހުން އެކަންޏެވެ. ފުލުހުންނަށް ވުރެ ހަތިޔާރާއި އަސްކަރީ ހުނަރުވެރިކަމުގެ ގޮތުން މާ ހުޝިޔާރު ސިފައިންނާއި ކޮމާންޑޯ ސިފައިން އެއްވެސް ވަރަކަށް ތާލިބާނުންނަށް ރައްދު ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕަންޖުވާއީ އަވަށަކީ، ކަންދަހާރުގެ މައި އަވަށްތަކުގެ ތެރެއިން، މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ތާލިބާނުންގެ ބާރުގެ ދަށަށް ދިޔަ ފަސް ވަނަ އަވަށެވެ.