Roadha Mihaaru
އަފްގާނިސްތާނުގެ 20،000 މީހުން އިނގިރޭސި ވިލާތަށް

އަފްގާނިސްތާނުގެ 20،000 މީހުން އިނގިރޭސި ވިލާތަށް

18 އޯގަސްޓް 2021

ތާލިބާނުންގެ ފަރާތުން ނުރައްކަލާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ހީވެފައިވާ މީހުންނަށް އަމާންކަން ހޯދައިދިނުމުގެ މަޝްރޫއުގެ ތެރެއިން، އަފްގާނިސްތާނުގެ 20،000 މީހުން އިނގިރޭސި ވިލާތަށް ގެންގޮސް ވަޒަންވެރި ކުރުވާނެ ކަމަށް، އިނގިރޭސި ނޫސްތަކުން ބުނެފި އެވެ.

ތާލިބާނުންގެ ފަރާތުން ނުރައްކަލާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ހީވެފައިވާ މީހުންނަށް އަމާންކަން ހޯދައިދިނުމުގެ މަޝްރޫއުގެ ތެރެއިން، އަފްގާނިސްތާނުގެ 20،000 މީހުން އިނގިރޭސި ވިލާތަށް ގެންގޮސް ވަޒަންވެރި ކުރުވާނެ ކަމަށް، އިނގިރޭސި ނޫސްތަކުން ބުނެފި އެވެ.

މި ގޮތުން ވަޒަންވެރިކުރުމުގައި އިސްކަން ދޭނީ އަންހެނުންނާއި ކުޑަކުދިންނަށާއި ދީނީ ގޮތުން ތާލިބާނުންނާ ވިސްނުން ތަފާތު މީހުންނަށާއި، އެނޫން ސަބަބުތަކާ ހުރެ ވެސް ތާލިބާނުންގެ ފަރާތުން ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ މީހުންނަށް ކަމަށް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.

ޓައިމްސް ނޫހުން ބުނެފައިވާ ގޮތުގައި އަފްގާނިސްތާނުގެ ރައްޔިތުންތަކެއް އިނގިރޭސި ވިލާތުގައި ވަޒަންވެރި ކުރުވަން ނިންމީ، ތާލިބާނުންގެ ފަރާތުން ލާއިންސާނީ ކަންކަން މެދުވެރިވުމުގެ ނުވަތަ އެބައެއްގެ އިންސާނީ ހައްގުތައް ތާލިބާނުން ނިގުޅައިގެންފާނެ ކަމުގެ ބިރު އޮތް މީހުންނަށް، ގާނޫނީ އިމުގެ ތެރެއިން އިނގިރޭސި ވިލާތުގައި ހިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ގޮތުންނެވެ.

އެ ގޮތުން ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި އަފްގާނިސްތާނުގެ 5،000 މީހުން އިނގިރޭސި ވިލާތަށް ގެންގޮސް ވަޒަންވެރި ކުރުވުމަށް އިނގިރޭސި ސަރުކާރުން ވަނީ ނިންމައިފަ އެވެ.

"އަފްގާނިސްތާނަކީ އަމާން ރައްކާތެރި ގައުމަކަށް ހެދުމަށް، މިދިޔަ 20 އަހަރުގެ ތެރޭގައި އަހަރެމެންނާ އެކުގައި މަސައްކަތް ކުރި މީހުންނަށް ހެޔޮކޮށް ހިތައި އެމީހުން ކުރި މަސައްކަތުގެ އަގު ވަޒަންކުރުމަށް އިނގިރޭސި ވިލާތް އޮތީ ދަރަނިވެރިވެފައި. އޭގެ ތެރެއިން ވަރަށް ގިނަ މީހުން، ވަކިން ހާއްސަކޮށް ވަރަށް ގިނަ އަންހެނުންތަކެއް މިހާރު އެތިބީ އަހަރެމެންގެ އެހީތެރިކަމަށް ބޭނުންޖެހިފައި،" އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވި ކަމަށް ނޫސްތަކުގައިވެ އެވެ.

އިނގިރޭސި ވިލާތުގެ ދާހިލީ ވަޒީރު ޕްރިތީ ޕަޓޭލް ވިދާޅުވި ގޮތުގައި އަފްގާނިސްތާނުން ފައިބައިގެން ދާ ނާޒުކު ހާލަތުގައި ތިބި މީހުންނަށް އެހީތެރިވެދިނުމަށް، ދައުލަތެއްގެ ހައިސިއްޔަތުން ކޮށްދެވެން އޮތް ކޮންމެ ކަމެއް އިނގިރޭސި ވިލާތުން ކުރާނެ އެވެ. އޭރުން އެމީހުންނަށް ރައްކާތެރިކަމާއި އަމާންކަމާ އެކު އިނގިރޭސި ވިލާތުގައި މުޅިން އާ ދިރިއުޅުމެއް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަފްގާނިސްތާނުގެ ރައްޔިތުން ވަޒަންވެރިކުރުމުގެ ސްކީމްގެ ސަބަބުން، އެތައް ފުރާނައެއް ސަލާމަތް ކުރެވޭނެ،" ދާހިލީ ވަޒީރު ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގައި ވަޒަންވެރި ކުރުވާ މީހުންގެ ތެރޭގައި ގިނައީ، އިނގިރޭސި ސިފައިން އަފްގާނިސްތާނުގައި ތިބި ދުވަސްވަރު، ތަރުޖަމާނުންގެ ގޮތުގަ އާއި، އިނގިރޭސި އެމްބަސީގައި އެކި ވަޒީފާތައް އަދާކުރި މީހުންނާއި، އެނޫން ގޮތްގޮތުން ވެސް އިނގިރޭސި ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިން މީހުންނެވެ.

އަފްގާނިސްތާނުގެ ރައްޔިތުން ވަޒަންވެރިކުރުމުގެ ސްކީމްގެ ދަށުން، އިނގިރޭސި ވިލާތަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ ފުރުސަތު ހުޅުވައިލުމާ އެކު މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ތާލިބާނުން އަފްގާނިސްތާނު ހިފުމާ އެކު، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ވެރިރަށް ކާބުލް ދޫކޮށް އެހެން ސަރަހައްދުތަކަށް ބަދަލުވެފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ބޭނުންވަނީ، އަފްގާނިސްތާނުގައި ވެސް ނުތިބެ، އެމެރިކާ އާއި ނޭޓޯ ސިފައިންނާ އެކު އެ ގައުމުތަކަށް ދާށެވެ.