02 ސެޕްޓެމްބަރ 2021
އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އޮންނަ، ހާމިދު ކަރުޒާއީ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން އަލުން ދަތުރުފަތުރުތައް ފެށޭ ވަރު ކުރުމަށްޓަކައި، ގަތަރުގެ ފަންނީ ޓީމެއް ކާބުލްގެ ވައިގެ ބަނދަރަށް އިއްޔެ ހިނގައްޖެ އެވެ.
އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އޮންނަ، ހާމިދު ކަރުޒާއީ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން އަލުން ދަތުރުފަތުރުތައް ފެށޭ ވަރު ކުރުމަށްޓަކައި، ގަތަރުގެ ފަންނީ ޓީމެއް ކާބުލްގެ ވައިގެ ބަނދަރަށް އިއްޔެ ހިނގައްޖެ އެވެ.
ތާލިބާންގެ ހަނގުރާމަވެރިން އޮގަސްޓް 15، 2021 ގައި އަފްގާނިސްތާނު ހިފުމާ ގުޅިގެން، އެ ގައުމުގައި ތިބި ހުޅަނގުގެ ސިފައިންނާއި ރައްޔިތުން ބޭލުމަށް، އެމެރިކާ އާއި ނޭޓޯ ސިފައިން އެ ވައިގެ ބަނދަރުގައި ކުރި މަސައްކަތުގެ ތެރޭގައި، ވައިގެ ބަނދަރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ދީފަ އެވެ. އެހެންކަމުން ބޮޑެތި މަރާމާތުތަކެއް ކޮށްގެން ނޫނީ އެ ވައިގެ ބަނދަރު ބޭނުން ނުކުރެވޭނެ ކަމަށްވެ އެވެ.
އެމެރިކާ ސިފައިން އަފްގާނުން ފައިބައިގެން ދިޔުމަށް ފަހު ބުނެފައި ވަނީ، ކާބުލް ވައިގެ ބަނދަރު އޮތީ ބޭނުންކުރެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ. އަދި ވައިގެ ބަނދަރުގައި ހުރި ބައެއް ވަސީލަތްތަކާއި ފަންނީ ބައެއް ސާމާނުތަކަކީ މިޒަމާނަށް ނުފެތޭ، ވަރަށް ދުވަސްވެފައިވާ އެއްޗެހި ކަމަށް ވާތީ، އެ ވައިގެ ބަނދަރު އަލުން ބޭނުންކުރުމަށްޓަކައި އިތުރު ސާމާނު ބޭނުންވާނެ ކަމަށް ވެސް ބުންޏެވެ.
ގަތަރުގެ ފަންނީ ޓީމެއް ކާބުލް އަށް މި ފޮނުވީ، ކާބުލްގެ ވައިގެ ބަނދަރުން ދަތުރުތައް ފެށުމާ ގުޅޭ ގޮތުން، ތާލިބާންގެ އިސް ވެރިން، ގަތަރާއި ތުރުކީ ވިލާތުގެ ކަމާ ގުޅޭ ދާއިރާގެ ބޭފުޅުންނާ އެކު މި ހަފުތާގެ ކުރީކޮޅު މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ. ތާލިބާނުން ބުނާ ގޮތުގައި ކާބުލް ވައިގެ ބަނދަރު މިހާރު އޮތް ހާލަތަށް ބަލާއިރު، އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ދިނުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ އެވެ.
ތާލިބާނުން ބުނާ ގޮތުގައި ކާބުލް ވައިގެ ބަނދަރުގެ ސަލާމަތީ ކަންތައް އެ ޖަމާއަތުން ބަލަހައްޓައިދޭނެ އެވެ. މިހާރު އެހީތެރިކަން ބޭނުން ވަނީ ވައިގެ މަދަނީ ދަތުރުތައް ފެށުމަށްޓަކައި ފަންނީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުންނެވެ.
ގަތަރު ސަރުކާރުގެ އިސް އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި ގޮތުގައި، ކާބުލްގެ ވައިގެ ބަނދަރު ހިންގުމުގައި ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ތާލިބާނުންނާ އެކުގައި މިހާތަނަށް އެއްބަސްވުމަކަށް ނާދެވެ އެވެ. ނަމަވެސް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ވައިގެ ބަނދަރު ހިންގުމާ ބެހޭ ގޮތުން ތާލިބާނުންނާ އެކުގައި މިހާރު ވެސް މަޝްވަރާތައް ކުރިއަށް އެބަދެ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އަމާޒަކީ، އާންމު ދަތުރުފަތުރުތަކަށާއި، އަފްގާނިސްތާނު ދޫކޮށް ދާން ބޭނުންވާ މީހުން އެ ގައުމުން ބޭރުކުރުމުގެ މަގު ފަހިކުރުމުގެ ގޮތުން، ވައިގެ ބަނދަރު ބޭނުންކުރެވޭނެ ގޮތް ހެދުމެވެ.
ތާލިބާނުންގެ އޮފިޝަލަކު ބުނި ގޮތުގައި ކާބުލް ވައިގެ ބަނދަރު ހިންގުމުގައި އެހީތެރިވެދިނުމަށާއި ފަންނީ އެހީތެރިކަން ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް ތާލިބާނުންގެ ފަރާތުން މިހާރު ވާނީ ރަސްމީކޮށް ގަތަރުގައި އެދިފަ އެވެ.
ކާބުލް ވައިގެ ބަނދަރު ބޭނުންކުރެވޭ ގޮތް ހަދައި މަދަނީ ވައިގެ ދަތުރުތައް ފެށުމާ ގުޅޭ ގޮތުން، އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތުން ވެސް މިހާރު އަންނަނީ ތާލިބާނުންގެ އިސް ވެރިންނާ އެކު، ގަތަރުގެ ވެރިރަށް ދޯހާގައި މަޝްވަރާ ކުރަމުންނެވެ. ފަރަންސޭސި ހާރިޖީ ވަޒީރު ޖޯން އީވް ލެ ޑްރިއާނ ވިދާޅުވި ގޮތުގައި، ތާލިބާނުންނާ އެކުގައި މިހާރު މަޝްވަރާތައް ކުރިއަށް ދަނީ، އަފްގާނިސްތާނު ދޫކޮށް ދާން ބޭނުންވެފައި ތިބި މީހުން، މަދަނީ މަތިންދާބޯޓުތަކުގައި އެ ގައުމުން ބޭރަށް ގެންދެވޭ ވަރަށް، ކާބުލް ވައިގެ ބަނދަރު ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންތައް ކަށަވަރުކުރުމަށެވެ.
"ވައިގެ ބަނދަރުގެ ސަލާމަތީ ކަންތައް ކަށަވަރުކުރުމާ ގުޅޭ ގޮތުން ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ފުރިހަމަ އަށް ތަންފީޒު ކުރަންވާނެ. ކާބުލް ވައިގެ ބަނދަރު ހިންގުމާ ގުޅޭ ގޮތުން ގަތަރާއި ތުރުކީ ވިލާތާ އެކުގައި މިހާރުވެސް މަޝްވަރާތައް ކުރިއަށް އެބަދޭ. އަހަރެމެން ބާރުއަޅަނީ، ވައިގެ ބަނދަރަށް ރައްކާތެރިކަމާ އެކު ވާސިލުވެވޭނެ ގޮތެއް ހަމަޖައްސަން،" ފަރަންސޭސި ހާރިޖީ ވަޒީރު ވިދާޅުވި އެވެ.
ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާނު ދިއުމާއެކު، އެމެރިކާގެ މަދަނީ އެއްވެސް މަތިންދާބޯޓެއް، އަފްގާނިސްތާނުގެ ވައިގެ ސަރަހައްދުން ދަތުރު ނުކުރުމަށް، އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވަނީ، އެ ގައުމުގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ހުރިހާ ކުންފުނިތަކަށް އަންގައިފަ އެވެ.
ސަބަބެއް ކަމަށް ބުނެފައިވަނީ، ކާބުލްގެ ވައިގެ ބަނދަރުގައި އެއާ ޓްރެފިކްގެ ހިދުމަތް ވަރަށް ބޮޑަށް ދަށްވެފައި ވުމުގެ އިތުރުން، ރަނގަޅަށް ހިނގާ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއެއް އަފްގާނިސްތާނުގައި ނެތުމާއި، އަފްގާނިސްތާނުގެ ސަލާމަތީ ކަންތައް ދޯހަޅިވެފައި އޮތުމެވެ.
ކާބުލްގެ އެއާޕޯޓް ހިންގުމުގެ މަޝްވަރާތައް ގަތަރުގައި
ކާބުލް އެއާޕޯޓް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް
ތާލިބާނުންގެ ވެރިކަން ބަލައިގަތުމަށް އެމެރިކާގެ ޝަރުތެއް
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
އަފްގާނުން މީހުން ބޭލުމުގައި އެއްވެސް އިންސާފެއް ނެތް
ތާލިބާނުންގެ އަސްކަރީ ދައްކާލުމެއް ބާއްވައިފި
އެމެރިކާ-ތާލިބާން ވާހަކަތައް ވަރަށް ކާމިޔާބު
އެމެރިކާ އާއި ތާލިބާނުން މަޝްވަރާކޮށްފި
އެމެރިކާ ސިފައިން ފޭބީ އަފްގާނުގެ މުދާތައް ހަލާކުކޮށްފަ
ގަތަރުގެ ހާރިޖީ ވަޒީރު ކާބުލްގައި