Roadha Mihaaru
އެމެރިކާ-ތާލިބާން ވާހަކަތައް ވަރަށް ކާމިޔާބު

އެމެރިކާ-ތާލިބާން ވާހަކަތައް ވަރަށް ކާމިޔާބު

11 އޮކްޓޯބަރ 2021

އެމެރިކާ ސަރުކާރުގެ މަންދޫބުންނާއި އަފްގާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުގެ އިސް ވެރިންނާ ދެމެދު ގަތަރުގެ ވެރިރަށް ދޯހާގައި، މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށް ދެ ފަރާތުން ވެސް ބުނެފި އެވެ.

އެމެރިކާ ސަރުކާރުގެ މަންދޫބުންނާއި އަފްގާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުގެ އިސް ވެރިންނާ ދެމެދު ގަތަރުގެ ވެރިރަށް ދޯހާގައި، މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށް ދެ ފަރާތުން ވެސް ބުނެފި އެވެ.

އެމެރިކާ ސަރުކާރުން އެ މަޝްވަރާތައް ސިފަކުރީ، ވަރަށް ހާމަކަން ބޮޑު އަދި ވަރަށް ޕްރޮފެޝަނަލް މަޝްވަރާތަކެއްގެ ގޮތުގަ އެވެ. އެމެރިކާ ވަފުދުން ބުނި ގޮތުގައި ތާލިބާންގެ ސަރުކާރާ މެދު އެމެރިކާ އިން ގޮތް ނިންމާނީ ތާލިބާނުން ދައްކާ ވާހަކައިގެ ބަދަލުގައި ތާލިބާނުންގެ ފަރާތުން ފެންނަ އަމަލުތަކަށް ބިނާކޮށެވެ.

އެމެރިކާގެ ހާރިޖިއްޔާ އިން ނެރެނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ތާލިބާނުންނާ އެކުގައި ކުރި މަޝްވަރާތަކުގައި އެމެރިކާ ވަފުދުގެ މެންބަރުން ސަމާލުކަން ދެއްވީ، އަފްގާނުގެ ސަލާމަތީ ކަންކަމާއި، ޓެރަރިޒަމްގެ އަމަލުތަކާއި، އަފްގާނުން ފުރައިގެން ދާން ބޭނުންވާ މީހުންނަށް ފަސޭހައިން އެ ގައުމުން ނުކުމެވޭނެ އިންތިޒާމެއް ހަމަޖެއްސުމާ ބެހޭ ގޮތުންނެވެ.

އޭގެ އިތުރުން، އިންސާނީ ހައްގުތަކާއި، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގޮތުން ވެސް ތާލިބާނުންނާ މަޝްވަރާ ކުރި ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ގޮތުން އަފްގާނިސްތާނުގެ އިޖްތިމާއި ހިދުމަތުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުންނާއި، އިންސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށް، ފަސޭހައިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ.

ތާލިބާނުން ބުނި ގޮތުގައި އެމެރިކާ ސަރުކާރުގެ މަންދޫބުންނާ އެކުގައި ބޭއްވި މަޝްވަރާ ބައްދަލުވުންތަކަކީ ވަރަށް ކާމިޔާބު ބައްދަލުވުންތަކެކެވެ. މަޝްވަރާތަކުގައި ބައިވެރިވުމަށް ފަހު، އަފްގާނިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީގެ ވަކީލު ޒަބީހުﷲ މުޖާހިދު ވިދާޅުވީ، މި މަޝްވަރާތަކުގެ ސަބަބުން، އަފްގާނިސްތާނުގައި ތާލިބާނުން އެކުލަވައިލާފައިވާ ސަރުކާރު ބަލައިގަތުމުގެ މަގު، ބައިނަލްއަގުވާމީ މުޖްތަމައަށް ފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ޖާސޫސީ މައުލޫމާތު ބަދަލުކުރުމަށް ވެސް، އެމެރިކާ ވަފުދުން ވަނީ، ތާލިބާނުންނަށް ހުށަހަޅައިފަ އެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލާ ދިނުމުގައި، އޭޝިޔާ ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒުތައް ބޭނުންކުރުމަށް ވެސް، އެމެރިކާ ވަފުދުން ތާލިބާނުންނަށް ހުށަހެޅި އެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިއުމާ ގުޅިގެން، އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން އަންނަނީ އަފްގާނިސްތާނުގައި ބާރު ގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، އެމެރިކާ ސިފައިން އަފްގާނުން ފޭބުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދަނިކޮށް، އޮގަސްޓް މަހުގެ ފަހުކޮޅު އެ ޖަމާއަތުން ވަނީ، ކާބުލް ވައިގެ ބަނދަރުގެ ބޭރު ދޮރޯށި ކައިރީގައި، ޖާނުން ފިދާވުމުގެ ދެ ހަމަލާއެއްދީ އެތައް ބަޔަކު މަރާލައިފަ އެވެ.

ތާލިބާނުން ބުނި ގޮތުގައި، އަފްގާނުގެ އާންމު ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމުގައި އެހީތެރިވުމުގެ ގޮތުން، އިންސާނީ އެހީތެރިކަމުގެ ސާމާނު ފޮނުވައިދިނުމަށް އެމެރިކާ އިން ވަނީ އެއްބަސްވެފަ އެވެ.

އެމެރިކާ ސަރުކާރުން ބުނި ގޮތުގައި ތާލިބާނުންނާ އެކުގައި މަޝްވަރާ ކުރީ، ތާލިބާން ޖަމާއަތް ނުވަތަ ތާލިބާނުން އަފްގާނުގައި އުފައްދާފައިވާ ސަރުކާރު ބަލައިގަތުމުގެ ގޮތަކުން ނޫނެވެ.