Roadha Mihaaru
އެމެރިކާގެ މަސްލަހަތު ބަލަހައްޓާނީ ގަތަރު އެމްބަސީން

އެމެރިކާގެ މަސްލަހަތު ބަލަހައްޓާނީ ގަތަރު އެމްބަސީން

14 ނޮވެމްބަރ 2021

އަފްގާނިސްތާނުގައި އެމެރިކާގެ ޑިޕްލޮމެޓިކް މަސްލަހަތުތައް ތަމްސީލު ކުރާނީ، ކާބުލްގައި ހުންނަ ގަތަރު އެމްބަސީން ކަމަށް، އެމެރިކާ އާއި ގަތަރުން އެއްބަސްވެ، އެގްރީމެންޓެއްގައި ސޮއިކޮށްފި އެވެ.

އަފްގާނިސްތާނުގައި އެމެރިކާގެ ޑިޕްލޮމެޓިކް މަސްލަހަތުތައް ތަމްސީލު ކުރާނީ، ކާބުލްގައި ހުންނަ ގަތަރު އެމްބަސީން ކަމަށް، އެމެރިކާ އާއި ގަތަރުން އެއްބަސްވެ، އެގްރީމެންޓެއްގައި ސޮއިކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ދެ ފަރާތުން ސޮއިކުރި އެއްބަސްވުމާ ގުޅޭ ގޮތުން، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވީ، އަފްގާނުގައި އެމެރިކާގެ މަސްލަހަތު ރައްކާތެރިކުރުމުގެ ބާރު ގަތަރާ މަތިކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން އެމެރިކާ ސަރުކާރުން އަފްގާނިސްތާނު ސަރުކާރާ އެކުގައި ކުރަންޖެހޭ ހުރިހާ މުއާމަލާތެއް ކުރަމުން ދާނީ، އަފްގާނުގެ ވެރިރަށް ކާބުލްގައި ހުންނަ ގަތަރު އެމްބަސީން ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު، ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން އަފްގާނިސްތާނު ހިފުމާއެކު، އަފްގާނުގައި ހުރި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ އެމްބަސީތައް ބަންދުކޮށް، އެ ގައުމުތަކުގެ ޑިޕްލޮމޭޓުން ވަނީ އަފްގާނުން ފައިބައިފަ އެވެ. ތާލިބާން ޖަމާއަތަކީ އެމެރިކާ އިން ކަނޑައަޅާފައިވާ ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނޭ ހަނގުރާމަވެރި ޖަމާއަތެކެވެ.

ތާލިބާނުން އަފްގާނު ހިފީ، 20 އަހަރަށް ފަހު އެމެރިކާ ސިފައިން އަފްގާނުން ފޭބުމާ އެކުގަ އެވެ. އެއަށް ފަހު، ތާލިބާނުން އެ ގައުމުގައި އެކުލަވައިލި ސަރުކާރު، ދުނިޔޭގެ އެއްވެސް ގައުމަކުން މިހާތަނަށް ބަލައިގެންފައެއް ނުވެ އެވެ. އަފްގާނުގައި އޮތް ތާލިބާނުންގެ ސަރުކާރު ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށްޓަކައި، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން މިހާރު އަންނަނީ، ތާލިބާނުންގެ ސަރުކާރުން، އެ ގައުމުގައި އިންސާނީ ހައްގުތަކާ މެދު އަމަލުކުރާ ގޮތް ދިރާސާ ކުރަމުންނެވެ.

ހުޅަނގުގެ ގައުމުތަކުން އަފްގާނިސްތާނާ ގުޅުން ކަނޑާލައި، އެ ގައުމުތަކުގައި ހުރި އަފްގާނުގެ މުދަލާއި ފައިސާތައް ހިފެހެއްޓުމާ ގުޅިގެން، އަފްގާނިސްތާނަށް ވަނީ އިގްތިސާދީ ވަރަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފަ އެވެ. އެގައުމުގެ އާބާދީގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ވެސް ގިނަ އަދަދެއްގެ މީހުން މިހާރު ވެސް ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ އިރު، ކުރިއަށް އޮތް ފިނި މޫސުމުގައި ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހުމުގެ ބިރު އެބަ އޮތް ކަމަށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ޖަމިއްޔާތަކުން ބުނެ އެވެ.

އެމެރިކާ އިން 2001 ވަނަ އަހަރު އަފްގާނިސްތާނަށް އަރައި އެ ގައުމު އަޅުވެތިކޮށްގެން އޮންނަތާ 20 އަހަރު ފަހުން، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ ސިފައިން އެ ގައުމުން ފޭބުމަށް، ތާލިބާނުންނާއި އެމެރިކާއާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ގަތަރުން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެތައް މަހެއް ވަންދެން ކުރި މަޝްވަރާތަކަށް ފަހު، އެމެރިކާ ސިފައިން އަފްގާނުން ފޭބުމާ ބެހޭ ގޮތުން ތާލިބާނުންނާއި އެމެރިކާ ސަރުކާރާ ދެމެދު ގާއިމުކުރި އެއްބަސްވުމުގައި ސޮއިކުރީ ވެސް ގަތަރުގެ ވެރިރަށް ދޯހާގަ އެވެ.