Roadha Mihaaru
ޔޫޓިއުބް ޕާޓްނަ ޕްރޮގްރާމްގައި ދެ މިލިއަން މެމްބަރުން

"ޔޫޓިއުބް ޕާޓްނަ ޕްރޮގްރާމް" ގައި ދެ މިލިއަން މެމްބަރުން

25 އޯގަސްޓް 2021

އަމިއްލަ އަށް އާމްދަނީ ހޯދޭ ގޮތަށް ޔޫޓިއުބުން ފަހިކޮށްދީފައި އޮތް ޔޫޓިއުބް ޕާޓްނަ ޕްރޮގްރާމް (ވައިޕީޕީ) ގައި މިހާރު ދެ މިލިއަން މެމްބަރުން އެބަތިބި ކަމަށް ޔޫޓިއުބުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަމިއްލަ އަށް އާމްދަނީ ހޯދޭ ގޮތަށް ޔޫޓިއުބުން ފަހިކޮށްދީފައި އޮތް ޔޫޓިއުބް ޕާޓްނަ ޕްރޮގްރާމް (ވައިޕީޕީ) ގައި މިހާރު ދެ މިލިއަން މެމްބަރުން އެބަތިބި ކަމަށް ޔޫޓިއުބުން ބުނެފި އެވެ.

ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުން ހޯމަ ދުވަހު ބުނި ގޮތުގައި އެ ޕްރޮގްރާމްގެ މެމްބަރުންގެ އަދަދު ދެ މިލިއަނަށް އެރުމަކީ ބޮޑު ކާމިޔާބީއެކެވެ. އަދި މިއީ ޔޫޓިއުބްގެ ކްރިއޭޓަރުންނަށް ހުޅުވައިދެވުނު ވަރަށް ތަނަވަސް ދޮރެއް ކަމަށާއި ވައިޕީޕީގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަލެއް އައުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.

ތަފާތު ކޮންޓެންޓްތައް ބެލުމަށް އެންމެ އާންމުކޮށް ބޭނުންކޮށް އުޅޭ ޔޫޓިއުބުން ވައިޕީޕީ ލޯންޗްކުރީ މީގެ 14 އަހަރު ކުރިންނެވެ. އެއީ ޔޫޓިއުބް ރަސްމީކޮށް ވުޖޫދަށް ގެނައިތާ 2 އަހަރު ފަހުންނެވެ.

ވައިޕީޕީގައި ބައިވެރިވާ މެމްބަރުންނަށް އާމްދަނީ ހޯދޭ ގޮތްތަކުގެ ތެރޭގައި އިޝްތިހާރާއި ޑޮނޭޝަނާއި ސަބްސްކްރިޕްޝަން ފީ އާއި ލައިވް ސްޓްރީމިންގެ އިތުރުން ޔޫޓިއުބް ޕްރީމިއަމް ރެވެނިއު ހިމެނެ އެވެ.

ވައިޕީޕީގެ މެމްބަރަކަށްވުމުށްޓަކައި ހާއްސަ ދެ ޝަރުތެއް ކްރިއޭޓަރެއްގެ ހުންނަން ޖެހެ އެވެ. އޭގެ ތެރޭގައި މަދުވެގެން އެ 1،000 ސަބްސްކްރައިބަރުން ތިބުމާއި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ކްރިއޭޓަރެއްގެ ކޮންޓެންޓް ބެލި މިންވަރު މަދުވެގެން 4،000 ގަޑިއިރު ހަމަވުން ހިމެނެ އެވެ.

ޔޫޓިއުބްގެ ކްރިއޭޓަރުންގެ ގޮތުގައި ބޮޑު މަޝްހޫރުކަމާއި ތަނަވަސްކަން ހޯދި މީހުން ވަރަށް ގިނަ އެވެ. އެގޮތުން ޕިއުޑިޕައި ފަދަ ކްރިއޭޓަރުންގެ މަގުބޫލުކަން ވަރަށް ވެސް ބޮޑެވެ. ސްވިޑްން އަށް އުފަން 31 އަހަރުގެ ޔޫޓިއުބާގެ މިލްކިއްޔާތު މިހާރު 54 މިލިއަނަށް އަރަ އެވެ.

ޔޫޓިއުބްގެ ޗީފް ޕްރޮޑަކްޓް އޮފިސަރު ނީލް މޯހަން ވިދާޅުވީ ވައިޕީޕީއާ ގުޅޭ މީހުންގެ އަދަދު އިތުރުވަމުން ދިއުމަކީ ޔޫޓިއުބަކީ އާމްދަނީ ހޯދަން ކިހާ ރަނގަޅު ޕްލެޓްފޯމެއްކަން ހާމަކޮށްދޭ ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ޔޫޓިއުބާ ގުޅުނު މެމްބަރުންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާ އިރު ދެގުނަ އިތުރެވެ. އަދި ކްރިއޭޓަރުންނަށް ލިބުނު އާމްދަނީ އަށް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 35 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވެ އެވެ.

"ޔޫޓިއުބަކީ އާމްދަނީ ހޯދަން އޮތް ވަރަށް ރަނގަޅު ޕްލެޓްފޯމެއް. އުންމީދަކީ ވީހާ ވެސް ގިނަ ބަޔަކު ޕާޓްނަ ޕްރޮގްރާމްގައި ބައިވެރިވެގެން މީގެ ފައިދާ ހޯދުން." ނީލް ވިދާޅުވި އެވެ.