Roadha Mihaaru
ގޫގުލްގެ ސީއީއޯގެ މައްސަލައެއް ފުލުހުންނަށް

ގޫގުލްގެ ސީއީއޯގެ މައްސަލައެއް އިންޑިއާގެ ފުލުހުންނަށް ހުށަހަޅައިފި

28 ޖެނުއަރީ 2022

ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބްގެ އެކި ޗެނެލްތަލުގައި ބޮލީވުޑްގެ ފިލްމު "އޭކް ހަސީނާ ތީ އޭކް ދިވާނާ ތާ" އަޕްލޯޑްކޮށް، އެއިން ބަޔަކު މާލީ މަންފާ ހޯދަމުންދާ ކަމަށް ބުނެ ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ އާއި ކުންފުނީގެ އިތުރު ފަސް މީހެއްގެ މައްސަލަ ބަލައިދޭން އިންޑިއާގެ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބްގެ އެކި ޗެނެލްތަލުގައި ބޮލީވުޑްގެ ފިލްމު "އޭކް ހަސީނާ ތީ އޭކް ދިވާނާ ތާ" އަޕްލޯޑްކޮށް، އެއިން ބަޔަކު މާލީ މަންފާ ހޯދަމުންދާ ކަމަށް ބުނެ ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ އާއި ކުންފުނީގެ އިތުރު ފަސް މީހެއްގެ މައްސަލަ ބަލައިދޭން އިންޑިއާގެ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އިންޑިއާ އަށް ނިސްބަތްވާ ޕިޗާއީގެ އިތުރުން ގޫގުލްގެ އިތުރު މުވައްޒަފުންތަކެއްގެ މައްސަލަ މުމްބާއީގެ ފުލުހުންނަށް ހުށަހެޅީ ޑައިރެކްޓަރު ސުނީލް ދަރުޝަން އެވެ. އޭނާ އަކީ "މޭރޭ ޖީވަން ސާތީ" އާއި "އޭކް ރިޝްތާ" އާއި "ޖާންވަރު" އަދި "އަންދާޒު" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު/ޑައިރެކްޓަރެވެ.

ގޫގުލްގެ އިސްވެރިންތަކެއްގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ސުނީލްގެ ފިކުރީ މުދަލަކަށް އަރައިގަނެ، ބަޔަކު ނާޖާއީޒު ގޮތުގައި ޔޫޓިއުބް މެދުވެރިކޮށް މާލީ ފައިދާތަކެއް ހޯދަމުންދާ އިރު، އެ މައްސަލަ ތަކުރާރުކޮށް އެ ކުންފުންޏަށް ހުށަހެޅުމުން ވެސް އިޖާބަ ދީފައި ނުވާތީ ކަމަށް ބުންޏެވެ.

ސުނީލް ހުށަހެޅި މައްސަލާގައި ވަނީ ކޮޕީ ރައިޓްގެ ގާނޫނުގެ ދަށުން ގޫގުލްގެ ވެރިންގެ މައްސަަލަ ތަހުގީގުކޮށްދީ، އެ މައްސަލައިގައި ދައުވާކޮށް ދޭން ވެސް އެދިފަ އެވެ.

އޭނާ ބުނި ގޮތުގައި ފުލުހުންނަށް މައްސަލަ ރިޕޯޓްކުރަން މަޖުބޫރުވީ 2017 ގައި ރިލީޒްކުރި "އޭކް ހަސީނާ ތީ އޭކް ދިވާނާ ތާ" ފިލްމު ޔޫޓިއުބްގައި ދައުރުކޮށްގެން ބަޔަކު ނާޖާއީދު ފައިދާ ނަގައި އޭނާ އަށް މާލީ ގޮތުން ވެސް ބޮޑު ގެއްލުމެއް ދީފައި ވާތީ އެވެ. އަދި އެއްވެސް ބަޔަކަށް އެ ފިލްމުގެ އެއްވެސް ރައިޓްސްއެއް ދީފައި ނުވާނެ ކަމަށާއި އެހެންވެ ޔޫޓިއުބްގައި އެ ދައުރުކުރުމަކީ ބޮޑު ޖަރީމާއެއް ކަމަށް ބުންޏެވެ.

ސުނީލް ދަރުޝަމް.

ސުނީލް ދަރުޝަމް.

ސުނިލް ބުނި ގޮތުގައި މައްސަލަ ބަލައިދޭން އެދުނީ އޭނާ ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަށް ގޫގުލް އިން މިހާތަނަށް އިޖާބަ ދީފައި ނުވާތީ އެވެ. އޭނާ ތުހުމަތުކުރި ގޮތުގައި ގޫގުލް އިން އަމަލުކުރަމުން އަންނަ ދޯހަޅި އުސޫލުތަކުގެ ސަބަބުން ޔޫޓިއުބް މެދުވެރިކޮށް ވަރަށް ގިނަ ބަޔަކު ދަނީ ނާޖާއީޒު ފައިދާ ނަގަމުންނެވެ. އަދި މިފަދަ މައްސަލަތަކަށް ގޫގުލް އިން އިސްކަން ނުދޭ ކަމަށާއި އެ ކުންފުނިން މަސައްކަތް ކުރަނީ ނުހައްގުން ލިބޭ އާމްދަނީން ވެސް ކުންފުނި މުއްސަނދިކުރަން ކަމަށް ބުންޏެވެ.

މި މައްސަލައާ ގުޅިގެން އަދި ގޫގުލް އިން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ޕިޗާއީ، 49، އަކީ މިދިޔަ ބުދަ ދުވަހު ފާހަގަކުރި އިންޑިއާގެ 73 ވަނަ ޖުމްހޫރީ ދުވަހާ ދިމާކޮށް، އެ ގައުމުގެ ސަރުކާރުން ދޭ މަތީ ޝަރަފު ކަމަށްވާ ޕަދުމާ ބުޝަން ވެސް ލިބުނު މީހެކެވެ. އެ އެވޯޑަކީ ސަރުކާރުން ތިން ވަނަ އަށް ދޭ އެންމެ މަތީ ޝަރަފެވެ.