Roadha Mihaaru
ޔޫޓިއުބް އޮރިޖިނަލްސް އަށް ކޮންޓެންޓް ހެދުން ހުއްޓުމަކަށް

ޔޫޓިއުބް އޮރިޖިނަލްސް އަށް އާ ކޮންޓެންޓް ހެދުން ހުއްޓާލަން ނިންމައިފި

20 ޖެނުއަރީ 2022

ޔޫޓިއުބް ބޭނުންކުރާ މީހުންގެ މެދުގައި މަގުބޫލު ޔޫޓިއުބް އޮރިޖިނަލްސް އިން އާ ކޮންޓެންޓްތަކަށް ހޭދަކުރުން ހުއްޓާލައި، އޭގެ އެހެން ޑިވިޝަންތަކަށް ބޮޑު އިސްކަމެއް ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔޫޓިއުބް ބޭނުންކުރާ މީހުންގެ މެދުގައި މަގުބޫލު ޔޫޓިއުބް އޮރިޖިނަލްސް އިން އާ ކޮންޓެންޓްތަކަށް ހޭދަކުރުން ހުއްޓާލައި، އޭގެ އެހެން ޑިވިޝަންތަކަށް ބޮޑު އިސްކަމެއް ދޭން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބްގެ ޗީފް ބިޒްނެސް އޮފިސަރު ރޮބަޓް ކީންކްލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ 2016 ގައި ތައާރަފުކުރި ޔޫޓިއުބް އޮރިޖަނަލްސް އަށް އާ ކޮންޓެންޓްތައް ހެދުން ހުއްޓާލަން ނިންމީ އެ މަސައްކަތުގައި ކުރިން އެންމެ އިސްކޮށް އުޅުއްވި އޮރިޖިނަލްސްގެ ގްލޯބަލް ހެޑް ސޫޒަން ޑެނިއަލް ވެސް އަންނަ މާޗް މަހުން ފެށިގެން އިސްތިއުފާ ދެއްވަން ނިންމެވުމާ ގުޅިގެން ކަމަށެވެ.

"ސޫޒަން އާއި އޭނާގެ ޓީމުން ވަނީ ފާއިތުވި ހަ އަހަރު ތެރޭގައި ޔޫޓިއުބް އޮރިޖިނަލްސް އަށް އެތައް ކޮންޓެންޓެއް ގެނެސްދޭން ވަރަށް ބުރަ މަސައްކަތްތަކެއްކޮށްފައި. އެގޮތުން އެވޯޑް ވެސް ހޯދި އެތައް އުފެއްދުމަކާއި އެތައް ބިލިއަން ވިއުސްއެއް ލިބުނު ކޮންޓެންޓްތަކެއް އޮރިޖަނަލްސް އަށް އެ ޓީމުން މިހާތަނަށް ގެނެސްދީފައި ވާނެ،" އޭނާ ވިދާޅުވި އެވެ.

"އެކަމަށްޓައި ސޫޒަން އާއި އޭނާގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން."

ރޮބަޓް ވިދާޅުވި ގޮތުގައި ޔޫޓިއުބްގެ ޕާޓްނަ ޕްރޮގްރާމްގައި މިހާރު ދެ މިލިއަނަށް ވުރެ ގިނަ ކްރިއޭޓަރުން ތިބި ފާއިތުވި ތިން އަހަރުގެ ތެރޭގައި ކްއޭޓަރުންނާއި އާޓިސްޓުންނާއި މީޑިއާ ކުންފުނިތަކަށް ކޮންޓެންޓްތައް ހެދުމަށް 30 ބިލިއަން ޑޮލަރު ވެސް ހޭދަކޮށްފައި ވާނެ އެވެ.

ނަމަވެސް ޔޫޓިއުބް އޮރިޖިނަލްސް އަށް ދޭ ސަމާލުކަން އެއްފަރާތްކޮށް މިހާރު ދެން އެންމެ ބޮޑަށް އިސްކަން ދޭނީ މި ފަހުން ވުޖޫދަށް ގެނައި އެހެން އިނިޝިއޭޓިވް ތަކަށެވެ. އޭގެ ތެރޭގައި ކްރިއޭޓާސް ޝޯޓް ފަންޑާއި ބްލެކް ވޮއިސެސް ފަންޑާއި ލައިވް ޝޮޕިން ޕްރޮގްރާމް ފަދަ ކަންކަން ހިމެނެ އެވެ.

"އެހެންވީމާ ކުރިއަށް އޮތް ތަނުގައި މުޅިންގެން ދެން ފަންޑްކުރާނީ ކަޅު ނަސްލުގެ މީހުންނާ ގުޅުން ހުރި އެއްޗިއްސާއި ޔޫޓިއުބް ކިޑްސް ފަންޑަށް." ރޮބަޓް ވިދާޅުވި އެވެ.