Roadha Mihaaru
ހޮޓާ/ ކެފޭތަކަށް ކުރިއެކޭ އެއްގޮތަށް ހުއްދަދީފި

ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ކުރިއެކޭ އެއްގޮތަށް ހުޅުވުމުގެ ހުއްދަދީފި

16 އޯގަސްޓް 2021

މާލޭގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން މީގެ ކުރިން ވެސް ހުލުވާ ގަޑިތަކުގައި ހުޅުވައިގެން ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހުއްދަދީފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

މާލޭގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން މީގެ ކުރިން ވެސް ހުލުވާ ގަޑިތަކުގައި ހުޅުވައިގެން ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހުއްދަދީފި އެވެ.

އެ މިނިސްޓްރީން ބުނީ ކޮވިޑުގެ ހާލަތު ރަނގަޅުވުމުގެ ސަބަބުން ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކާ އެކު، ކާބޯތަކެތީގެ ހިދުމަތް ދޭ ހުރިހާ ތަނެއް ވެސް އާންމުކޮށް ހުޅުވާ ގަޑި ކަމަށްވާ ފަތިހު 4 އިން މެންދަމު 1 އަށް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު މިދިޔަ މޭ މަހުގެ ފަހުކޮޅުން ފެށިގެން ރަނގަޅުވާން ފެށުމުން އެޗްޕީއޭ އިން ވަނީ ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ގިނަ ފިޔަވަޅުތައް އުވާލައި، އާންމުންނަށް ބޮޑެތި ލުއިތައް ދީފަ އެވެ. އޭގެ ތެރޭގައި މާލޭގެ ކާފިއު އުވާލުމާއި، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ ތެރޭގައި ތިބެގެން ކެއުމުގެ ހުއްދަ އާއި ދަތުރުފަތުރު ކުރުމުގެ ހުއްދަ ދިނުން ހިމެނެ އެވެ.

މިގޮތުން މިދިޔަ މަހުގެ ކުރީކޮޅު އެޗްޕީއޭ އިން ދިން ލުއިތަކާ އެކު، ކާބޯތަކެތީގެ ހިދުމަތް ދޭ ފަރާތްތަކުން އާންމުންނަށް ހުޅުވާލައިގެން ފަތިހު 4 އިން ރޭގަނޑު 10:30 އަށް ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފައި ވާއިރު، 24 ގަޑިއިރު ޑެލިވަރީގެ ހިދުމަތް ދިނުމަށް ވަނީ ހުއްދަ ދީފަ އެވެ.