Roadha Mihaaru
ރެސްޓޯރަންޓުތަކުގެ ވެރިން އަނެއްކާވެސް މުޒާހަރާ އަށް

ރެސްޓޯރަންޓުތަކުގެ ވެރިން އަނެއްކާ ވެސް މުޒާހަރާ އަށް ނުކުންނަނީ

27 ޖޫން 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުންބުއިމުގެ ހިދުމަތް ހޯދުން މެދުކަނޑާލާފައިވާތީ އެކަމާ ދެކޮޅަށް އަޑުއުފުލައި، މުޒާހަރާ އަށް ނުކުންނަން ރެސްޓޯރަންޓް އެސޯސިއޭޝަން (ރޭމް) އިން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުންބުއިމުގެ ހިދުމަތް ހޯދުން މެދުކަނޑާލާފައިވާތީ އެކަމާ ދެކޮޅަށް އަޑުއުފުލައި، މުޒާހަރާ އަށް ނުކުންނަން ރެސްޓޯރަންޓް އެސޯސިއޭޝަން (ރޭމް) އިން ނިންމައިފި އެވެ.

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފެށުމުން، ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ހިދުމަތް ހޯދުން އެޗްޕީއޭ އިން މެދުކަނޑާލާފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އޭގެ ގެއްލުން އެ ވިޔަފާރިތަކަށް ކުރާތީ ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ތަންތަނުން މިހާރު ހަމައެކަނި ދެވެނީ ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތެވެ.

ރޭމުން ކުރި ޓުވީޓެއްގައި ބުނީ "ކާންދޭ އަތުގައި ދަތް ނާޅާ" ގެ ނަމުގައި ސުލްހަވެރި އަޑުއުފުލުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

ހޯމަ ދުވަހުގެ ހަވީރު 4:00 ގައި ކާނިވާ ސްޓޭޖް ސަރަހައްދުގަައި ބާއްވާ އެ އިހުތިޖާޖުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ އެސޯސިއޭޝަނުން އެދެ އެވެ.

ނަމަވެސް މާލެ ސަރަހައްދުގައި ނުކުމެ އުޅެވެނީ ޒަރޫރީ ބޭނުންތަކަށް ފުލުހުންގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ.

ބައެއް ރެސްޓޯރަންޓްތަކުގެ ވެރިން މީގެ ކުރިން ވެސް ވަނީ ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގެ ކައިރީގައި ވެސް މުޒާހަރާ ކޮށްފަ އެވެ.

މާލޭގައި ކޮވިޑްގެ ކޭސްތައް މަދުވުމާއެކު ސަރުކާރުން ދިން ބައެއް ލުއިތަކުގެ ތެރޭގައި ޖިމްތަކަށް ހުއްދަ ދިނުމާއި ވަކި ވަގުތެއްގައި ކަސްރަތު ކުރުމަށް ނުކުމެ އުޅުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ. އެކަމަކު، ކޮންމެ ދުވަހަކު ވަކި ވަގުތެއްގައި ކާފިއު ހިންގާތީ އާއި ފުލުހުންގެ ހުއްދައާ އެކު ނޫން ގޮތަކަށް ބޭރަށް ނުނިކުމެވޭތީ ވިޔަފާރިތައް ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.