Roadha Mihaaru
ރޯދަމަހަށް ލުއިތައް ދޭން ވިސްނަން: މައިމޫނާ

ރޯދަމަހަށް ލުއިތައް ދޭން ވިސްނަން: މައިމޫނާ

22 މާޗް 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް، އަންނަ މަހު ފަށާ މި އަހަރުގެ ރޯދަމަހަށްޓަކައި ލުއިތަކެއް ދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް، އަންނަ މަހު ފަށާ މި އަހަރުގެ ރޯދަމަހަށްޓަކައި ލުއިތަކެއް ދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.

އިގްތިސާދީ ކޮމިޓީގައި އޭނާ ވިދާޅުވީ، ރޯދަމަހަށް ލުއިތަކެއް ދޭން ބޭނުންވާ ކަމަށާއި މިހާރުގެ ހާލަތު ބެލުމަށް ފަހު ބަދަލުތައް ގެނެވޭނެ ގޮތްތައް ކަނޑައަޅުއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލުއިތައް ދިނުމަށް އިތުރު ބާރަކަށް ވާނެ ވެކްސިން ޖެހުމާއި ވެކްސިން ދެވޭ ނިސްބަތަށް ބަލާފައި. ވީހާ ވެސް އަވަހަކަށް ވެކްސިން ޖަހައި، ރަނގަޅު ކަވަރޭޖެއް ގެނައުން މިއީ ވަރަށް ބޮޑު އުންމީދެއް،" އޭނާ ވިދާޅުވި އެވެ.

މައިމޫނާ ވިދާޅުވިގޮތުގައި، ވެކްސިން ދިނުމުގެ އިތުރުން ބަލީގެ ނުރައްކާތެރިކަމަށް އަންނަ ބަދަލުތައް ވެސް އަންނަނީ ދެނެގަންނަމުންނެވެ. އަދި ވިދާޅުވީ، ކޮވިޑް ފެތުރުނު ކަމުގައިވީ ނަމަވެސް އެ ބަލިން ނުރައްކާ ހާލަތަށްދާ މިންވަރު ކުޑަ ކުރެވޭ ކަމުގައިވާ ނަމަ އިތުރު ލުއިތައް ދެވޭނެ ކަމަށެވެ.

"ރޯދަމަހަށް ވިޔަފާރިތަކަށް އިތުރު ދަތިތަކެއް ކުރިމަތި ކުރާކަށް އެއް ގޮތަކަށް ވެސް ނުވިސްނަން. އެގޮތަށް ލުއި ދެވޭނީ ކަންކަމަށް ބަލާފައި،" އޭނާ ވިދާޅުވި އެވެ.

ކެފޭ/ ރެސްޓޯރެންޓްތައް ހުޅުވައިލުމުގައި ކޮވިޑާ ގުޅިގެން ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައި ވަނީ އެއީ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ތަންތަން ވުމުން ކަމަށް މައިމޫނާ ވިދާޅުވި އެވެ. މާލެ ސަރަހައްދުގެ ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ޚިދުމަތް ހޯދޭ އެންމެ ފަހު ގަޑިއަކީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ރެއާ ހަމައަށް ރޭގަނޑު 8:00 އަށް ކަމަށް ވިޔަސް މިހާރު ވަނީ 10:30 އަށް ބަދަލުކޮށްފަ އެވެ. އެ ބަދަލު ގެނައީ ވެސް ވިޔަފާރިވެރިންގެ ފިއްތުންތަކާ ހެދި އެވެ.

މައިމޫނާ މިއަދު ވިދާޅުވީ، ރެސްޓޯރެންޓްތަކަކީ ރޭގަނޑު ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދާ ތަންތަން ކަމަށާއި ރޭގަނޑު އެ ތަންތަން ހުޅުވާފައި ހުންނަ ވަގުތު ކުޑަ ކުރަނީ އެ ތަންތަނުން ބަލި ޖެހޭ މިންވަރު ކުޑަކުރުމުގެ ބޭނުމުގައި ކަމަށެވެ.