Roadha Mihaaru
ދެދުވަސް ކުރީގެ ކޭސްތަކާ އެކު ކޮވިޑްގެ 1،091 ކޭސް

ދެ ދުވަސް ކުރީގެ ސާމްޕަލްތަކާ އެކު ކޮވިޑްގެ އިތުރު 1،091 ކޭސް

09 މެއި 2021

މީގެ ދެ ދުވަހަށް ވުރެ ވެސް ކުރިން ނަގައި ޓެސްޓް ނުކުރެވި ހުރި ސާމްޕަލްތަކާއި މިދިޔަ 24 ގަޑިއިރު ޓެސްޓުކުރި ސާމްޕަލްތަކުން ކޮވިޑްގެ 1091 ކޭސް އަލަށް ފެނިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މީގެ ދެ ދުވަހަށް ވުރެ ވެސް ކުރިން ނަގައި ޓެސްޓް ނުކުރެވި ހުރި ސާމްޕަލްތަކާއި މިދިޔަ 24 ގަޑިއިރު ޓެސްޓުކުރި ސާމްޕަލްތަކުން ކޮވިޑްގެ 1091 ކޭސް އަލަށް ފެނިއްޖެ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މި 1،091 ކޭސްގެ ތެރެއިން 300 ކޭހަކީ މީގެ 48 ގަޑިއިރަށް ވުރެ ވެސް ކުރީގެ ސާމްޕަލްތަކެވެ. އަދި މިދިޔަ 24 ގަޑިއިރު އަލަށް ފެނުނީ 791 ކޭސް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މި 24 ގަޑިއިރު ޓެސްޓްކުރި ސާމްޕަލްތަކުގެ އަދަދަކީ 4،507 އެވެ.

އެޗްއީއީސީގެ މިރޭގެ ޕްރެސްގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޓެސްޓް ނުކުރެވި ގިނަ ސާމްޕަލްތަކެއް ހުރުމާ އެކު މިއަދު ހާމަކުރި ޖުމްލަ ކޭސްތަކުގެ އަދަދަކީ މިދިޔަ 24 ގަޑިއިރުގެ ހާލަތު އަންގައިދޭ އަދަދެއް ނޫނެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ހުރިހާ ކޭސްތަކުގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވް ވެފައި ވަނީ 933 މީހުންނެވެ. ރަށްރަށުން 147، އަދި ރިސޯޓުތަކުން ހަ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.

މިއާ އެކު އެކްޓިވް ކޭސްގެ އަދަދު 9،423 އަށް ވަނީ އަރައިފަ އެވެ، އަދި ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދު ވެސް 250 އަށް އަރަ އެވެ.

މި ބަލިން މިހާތަނަށް 26،299 މީހުން ރަނގަޅުވެފައިވެ އެވެ. މި ބަލީގައި މިއަދު ވެސް އެކަކު މަރުވެ ޖުމްލަ 84 އަށް ވަނީ އަރައިފަ އެވެ.

ކޮވިޑް ފެތުރުން ފަހަކަށް އައިސް ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ވާއިރު މިދިޔަ 24 ގަޑިއިރު މުޅި ރާއްޖޭން ފެނުނު އަދަދަކީ ވެސް މިހާތަނަށް 24 ގަޑިއިރެއްގެ ތެރޭ ރާއްޖޭން ފެނުނު އެންމެ ގިނަ ކޭހެވެ.

ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އާދަޔާހިލާފަށް މައްޗަށް ދާތީ މިހާރު އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރަމުންނެވެ.