28 ނޮވެމްބަރ 2016
އެލައިޑް އިންޝުއަރެންސްގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޕޯސްޓް އޮފީސްތަކުން ދޭން ފަށައި، އުރީދޫގެ މޮބައިލް މަނީ، އެމް-ފައިސާ ބޭނުންކޮށްގެން އެލައިޑުގެ ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ގޮތަށް ހަދައިފި އެވެ.
އެލައިޑް އިންޝުއަރެންސްގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޕޯސްޓް އޮފީސްތަކުން ދޭން ފަށައި، އުރީދޫގެ މޮބައިލް މަނީ، އެމް-ފައިސާ ބޭނުންކޮށްގެން އެލައިޑުގެ ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ގޮތަށް ހަދައިފި އެވެ.
ޕޯސްޓް އޮފީސްތަކުން ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި އެލައިޑާއި ޕޯސްޓުން ވަނީ ރޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް އެލައިޑުން ބޭއްވި ހަފްލާގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެލައިޑުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލާއި ޕޯސްޓުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގެވެ.
މުޅި ރާއްޖެ ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކުގައި ގާތްގަނޑަކަށް 20 ޕޯސްޓް އޮފީހާއި ކައުންޓަރު ވަނީ ގާއިމްކޮށްފަ އެވެ. ޕޯސްޓާ އެކު ހެދި އެއްބަސްވުމުގެ ދަށުން، އެ ހުރިހާ ތަނަކުން ވެސް އެލައިޑުގެ އިންޝުއަރެންސް ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެލައިޑުން ބުންޏެވެ.
އެލައިޑުން މިހާރު ވެސް ރަށްރަށުގައި ހުންނަ ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗުތައް މެދުވެރިކޮށް އަންނަނީ ހިދުމަތް ދެމުންނެވެ. އަދި އެލައިޑުގެ މައި ކުންފުނި ކަމަށްވާ އެސްޓީއޯ އިން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ ބޭސްފިހާރަތައް މެދުވެރިކޮށް ހިދުމަތް ދޭން ފަށަން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، އެލައިޑުގެ ހިދުމަތްތަކަށް އުރީދޫގެ މޮބައިލް މަނީ، އެމް-ފައިސާ މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައި ރޭ ވަނީ އެކަން އިއުލާންކޮށްފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި ގޮތުގައި އެލައިޑުގެ ހިދުމަތްތަކަށް ފައިސާ ދައްކަން އެމް-ފައިސާ ބޭނުންކުރުމަކީ އެ ކުންފުންޏާ އެކު އުރީދޫން ފެށި ސްޓްރެޓީޖިކް ޕާޓްނަޝިޕްގެ ފެށުމެވެ. ކުރިއަށް އޮތް ތަނުގައި ދެ ކުންފުނިން ގުޅިގެން، އާއްމުންނަށް ފަސޭހަވާނެ އިތުރު ކަންކަން ތައާރަފްކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ރާއްޖެ އުފެދިފައިވާ ގޮތުން އެއް ތަނުން އަނެއް ތަނަށް ފައިސާ ފޮނުވުމަކީ، ވިކްރަމް ފާހަގަކުރެއްވި ގޮތުގައި، ވަރަށް އުދަނގޫ އަދި ހަރަދު ބޮޑު ކަމެކެވެ. ދިވެހިން، ހާއްސަކޮށް ދިވެހި ޒުވާނުންނަކީ ޓެކްނޮލޮޖީއާ ވަރަށް ރަށްޓެހި ބަޔަކަށް ވާއިރު، އެމް ފައިސާގެ ބޭނުމަކީ އެފަދަ ކަންކަން ފަސޭހަ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމް ފައިސާ އަކީ ރާއްޖެ އަށް ވަރަށް އާ އެއްޗެއް. މިފަދަ ކޮންމެ ހިދުމަތެއް ވެސް ގިނަ ބަޔަކަށް އެނގި، ބޭނުންކުރާ ވަރު އިތުރުވާން ދުވަސް ނަގާނެ. އެކަމަކު، މިއީ އަޅުގަނޑުމެންގެ ކުރިމަގު. ކޭޝްލެސް ރާއްޖެއެއް ގާއިމްކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް،" ވިކްރަމް ވިދާޅުވި އެވެ.
އެލައިޑުގެ ހިދުމަތްތަކަށް ފައިސާ ދެއްކުމަށް އުރީދޫގެ އެމް-ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމާ ގުޅޭ ގޮތުން އުރީދޫގެ ސީއީއޯ ވިކްރަމް ރޭ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމް-ފައިސާ އަކީ މޮބައިލް ފޯނު މެދުވެރިކޮށް، ވާޗުއަލް އެކައުންޓަކުން ފައިސާގެ މުއާމަލާތް ފަސޭހަކަމާ އެކީ ކުރެވޭނެ ނިޒާމެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އުރީދޫގެ ފިހާރަތަކާއި އެ ނޫން ވެސް ތަންތަން ހިމެނޭ ގޮތަށް ޖުމްލަ 300 އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ ނަގައި ޖަމާ ކުރެވޭނެެ އެވެ. މި ހިދުމަތް 180 ރަށުން މިހާރު ލިބެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑުން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި ލައިފް އިންޝުއަރެންސާއި ހެލްތު އިންޝުއަރެންސާއި ޓްރެވަލް އިންޝުއަރެންސާއި ބިދޭސީންގެ އިންޝުއަރެންސާއި ދޯނިފަހަރުގެ އިންޝުއަރެންސްގެ އިތުރުން، އަޔާދީ ތަކާފުލްގެ ނަމުގައި އިސްލާމިކް އިންޝުއަރެންސް ޕްލޭންތަކެއް ދޫކުރާ ވިންޑޯއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.
އޮޑިއެޕަށް އުރީދޫގެ އެމް-ފައިސާ ދެއްކޭނެ
އެމް-ފައިސާގެ ބައިނަލްއަގްވާމީ ޓްރަޔަލް ފަށައިފި
އެމް-ފައިސާ އިން ޕޭމެންޓްގެ 5 ޕަސެންޓް ހިލޭ
އެމްފައިސާއިން ބިލް ދެއްކުމުން ހާއްސަ ޑިސްކައުންޓެއް
މިހާރު އެވޯޑްސް: ސްޕޮންސަރުންނަކީ އުރީދޫ އާއި އެލައިޑް
އީ-ޓުކުރިން ދިވެހި އުފެއްދުންތަކަށް ހާއްސަ ހިދުމަތެއް
ޕޯސްޓް އޮފީހުގެ އީ-ޓުކުރި އިފްތިތާހުކޮށްފި
މެޑަލިސްޓުންނަން އުރީދޫ އާއި އެލައިޑްގެ ހާއްސަ ޕެކޭޖެއް
އެމްފައިސާ އިން މިހާރު ވިލާ ގޭހަށް ވެސް އޯޑަރު ކުރެވޭ
އުރީދޫ މަސް ރޭސް ގޭމާއި ވައިބާ ބަންގި ތައާރަފްކޮށްފި