Roadha Mihaaru
ކޯޓުތައް ކުޑަކަކޫ ޖަހާތަން ފެނިގެން ނުވާނެ: ހުކުމް

އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް ކުޑަކަކޫ ޖަހާތަން ފެނިގެން ނުވާނެ: ސުޕްރީމް ކޯޓު

11 އޯގަސްޓް 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ފެންނަ ނަމަ ރައްޔިތުންގެ އިތުބާރު ގެއްލި، ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ފެންނަ ނަމަ ރައްޔިތުންގެ އިތުބާރު ގެއްލި، ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފި އެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ކްރިމިނަލް ކޯޓުން ނިންމުމުގެ އިސްތިއުނާފު މައްސަލައަށް އޭނާއަށް ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން ވެސް ކޯޓަށް ހާޒިވެފައި ނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލަައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން މިއަދު ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ތުހުމަތުގައި އަލީ ވަހީދަށް ދައުވާކޮށްފައި ވަނިކޮށް، އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވުމުން އޭނާ ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، ފުރާވަޑައިގެންނެވި ގޮތަށް އެނބުރި ވަޑައެއް ނުގަންނަވަ އެވެ. އޭނާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ގެންދަނީ ވެސް އޮންލައިންކޮށެވެ. ނަމަވެސް، އޭނާގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ އާއި ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލައިގެ އަޑުއެހުމަށް ޗިޓު ފޮނުވުމުން ވެސް އޭނާ ހާޒިރެއް ނުވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު އިއްވަވައި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ތާއީދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ކޯޓުތަކުގެ ނިންމުންތައް އަލީ ވަހީދު ތަބާނުވުމުން އޭނާގެ މައްޗަށް ފިޔަވަޅު ނޭޅި ދޫކޮށްނުލެވޭނެ ކަމަށެވެ. އެގޮތަށް ކަންތައް ކުރާ ނަމަ ކޯޓުތައް ހުރުމުގެ ބޭނުމާ މެދު ސުވާލު އުފެދޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި ކޯޓުގެ އަމުރަށް އަލީ ވަހީދު ކިޔަމަން ނުވާ ހާލަތުގައި ފިޔަވަޅެއް ނާޅައި ދޫކޮށްލާ ނަމަ ކޯޓުތަކުގެ ބާރުވެރިކަމާ މެދު ސުވާލު އުފެދި އިތުބާރު ގެއްލޭނެ ކަމަށް ހުކުމުގައިވެ އެވެ.

"ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގޭނެ ކަމަށް ނުވަތަ ވަކި މީހަކަށް ވީމާ ކޯޓުތަކުން ވަކި ގޮތަކަށް ކަން ކުރާ ކަމުގެ އިހުސާސް ރައްޔިތުންގެ މެދުގައި އުފެދިއްޖެ ނަމަ ކޯޓުތައް ހުރުމުގެ ބޭނުމާ މެދު ސުވާލު އުފެދޭނެ. ކޯޓުތަކުގެ ލެޖިޓިމެސީއާ މެދު ސުވާލު އުފެދޭނެ،" ހުކުމުގައިވެ އެވެ.

"އަލީ ވަހީދަށް ސުޕްރީމް ކޯޓުގެ އަމުރު ލިބި އެ އަމުރަށް ކިޔަމަން ނުވާ ހާލަތުގައި އެކަމާ މެދު ފިޔަވަޅެއް ނާޅައި ދޫކޮށްލުމަކީ ކޯޓުތަކުގެ ބާރުވެރިކަމާ މެދު ސުވާލު އުފެދި ކޯޓުތަކުގެ އިތުބާރު ގެއްލިގެންދާނެ ކަމެއް،" ހުކުމުގައިވެ އެވެ.

މީގެ އިތުރުން، އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ފެނުމުން ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ، ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭނެ ކަމަށް ހުކުމުގައިވެ އެވެ.

"އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ފިޔަވަޅު ނޭޅި، ކޯޓުތަކުން މިކަމާ މެދު ކަމެއް ނުކުރެވި، މައްސަލަތައް ހިންގޭ ގޮތެއް ނުވެ، އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާން ދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ، ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމެއް. އެހެންކަމުން އަލީ ވަހީދާ މެދު ގާނޫނުގައިވާ ގޮތަށް ކޯޓުތަކުން އަމަލު ކުރަން ޖެހޭނެ،" ހުކުމުގައިވެ އެވެ.

އަލީ ވަހީދުގެ މައްޗަށް ޝަރީއަތް ކުރާ ކޯޓުތަކުން، އިޖުރާއީ ބާގަނޑުތައް ފޭކޮށް، ގާނޫނުގެ ބާރު ބައެއް މީހުންނަށް ނުފޯރާ ކަމުގެ ތަސައްވުރު އުފެދޭ ގޮތަށް އެއްވެސް ކޯޓަކުން ގާނޫނު މާނަކޮށްގެން ނުވާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތައް ދިފާއުކުރުމަކީ ކޯޓުތަކުގެ މަސްއޫލިއްޔަތެއް ކަމަށް ވާއިރު ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ތަބާވުމަކީ ވަކި މީހެއް ފަރަގުވުމެއް ނެތި، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެންގެ މައްޗަށް ވާޖިބެއްކަން ވަނީ ހުކުމުގައި ފާހަގަކޮށްފަ އެވެ.