Roadha Mihaaru
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ މުއްދަތެއް ނެތްގޮތަށް

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި އޮތީ މުއްދަތެއް ނެތް ގޮތަށް

06 މެއި 2021

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކުރަން ނެރުނު އަމުރުގައި ވަކި މުއްދަތެއް ބަޔާންކޮށްފައި ނެތް ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކުރަން ނެރުނު އަމުރުގައި ވަކި މުއްދަތެއް ބަޔާންކޮށްފައި ނެތް ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

ދައުލަތުން މިހެން ބުނީ ޕާސްޕޯޓް ދޫކުރި އަމުރު ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އަލީ ވަހީދު އުޅޭތަނެއް ދައުލަތަށް ސާފުކޮށްދެވި ނުވާތީ ދައުވާ ފޯމު ބާތިލްކުރުމުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މިއަދު އިޖުރާއީ ގޮތުން ބޭއްވި އަޑުއެހުމުގަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ޕާސްޕޯޓް ދޫކޮށްލުމުން އަލީ ވަހީދު ރާއްޖޭން ފުރައިގެން ދިއުމުން ޝަރީއަތް އޮތީ ކުރިއަށް ނުގެންދެވިފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަހަށް ކަމަށް ކުރިން އެނގިފައި އޮތަސް ދައުލަތުން މިއަދު ބުނީ ހަތަރު މަސް ކަމަށް އޮތީ އަލީ ވަހީދު ފުރައިގެން ދިޔައިރު އޭނާއާ ޖާމިނުވެފައިވާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ސޮއިކުރެއްވި ލިޔުންތަކުގައި ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ވަކި މުއްދަތަކަށް ދޫކޮށްފައިވާ ނަމަ އެ މުއްދަތު ހަމަވުމުގެ ކުރިން އިސްތިއުނާފަށް ދިއުމުގެ ބަދަލުގައި މުރާޖައާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަނޭޅެނެތޯ، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސުވާލުކުރެއްވި އެވެ. އެ ސުވާލަށް ދައުލަތުން ބުނީ އިސްތިއުނާފުގެ މަގު ޚިޔާރުކުރީ މުރާޖައާ އަށް ހުށަހެޅި ނަމަވެސް މައްސަލާގައި ގޮތް ނިންމަވާނީ ހަމަ އެއް ގާޒީއެއް ކަމަށާއި މިއީ އާންމުކޮށް ކަން ހިނގާ ގޮތަށް އެ ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ މައްސަލައެއް ނޫން ކަމަށެވެ.

މި މައްސަލަ ތަފާތުކޮށް ހިންގި ކަމަށް ބުނެ ދައުލަތުން ފާހަގަކުރި އެއް ކަމަކީ ކޯޓުގެ އަމިއްލަ އިސްނެގުމަށް މެޑިކަލް ޗެކަޕް ހެދުމަށް ނިންމައި ޚަބީރެއް (އެކްސްޕާޓެއް) ހާޒިރުކުރުމެވެ. އަދި އަލީ ވަހީދު ރާއްޖޭން ބޭރަށް ދާން ޖެހޭ ކަމަށް ޑރ. ޔޫސުފް ޝާން ހެކިބަސް ދެއްވިއިރު ރިއާޔަތްކުރެއްވި ލިޔުންތައް އަދިވެސް ލިބިފައި ނުވާ ކަމަށް ބުންޏެވެ. ހަމައެކަނި ލިބުނީ، ޓްރީ ޓޮޕް ހޮސްޕިޓަލުން ދިން ސިޓީއެއް، ޝަރީއަތުގެ މަޖިލީހުގައި ބަލައިލަން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ނަމަވެސް ދަށު ކޯޓުގައި ކަން ހިނގި ގޮތް ދައުލަތުން ސާފުކޮށްދިން އިރު، ޕާސްޕޯޓް ދޫކޮށްލި އަމުރުގައި ވަކި މުއްދަތެއް ނެތް ކަމަށް ބުންޏެވެ. ދައުލަތުން ބުނީ ޕާސްޕޯޓް ދޫކުރަނީ ހަތަރު މަހަށް ކަމަށް އަޑުއެހުމުގައި ގާޒީ ވިދާޅުވި ނަމަވެސް ނެރުއްވި އަމުރުގައި ވަކި މުއްދަތެއް ނެތް ކަމަށެވެ. އެކަމަކު އަލީ ވަހީދަށް ޖާމިނުވި ފަރާތުން ސޮއިކުރި ލިޔުންތަކުގައި ހަތަރު މަހުގެ މުއްދަތެއް އޮތް ކަމަށާއި ނަމަވެސް ޕާސްޕޯޓް ދޫކުރުމުގައި އިމިގްރޭޝަނުން ބަލާނީ ކޯޓު އަމުރަށްކަން ފާހަގަކުރި އެވެ.

"އަލީ ވަހީދު ފުރަން ލަފާދިނީ ކޮން ލިޔުމަކަށް ބަލާފައި ކަމެއް ނޭނގެ"

ދައުލަތުން ބުނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮއްވައި އެ ނިންމުން މުރާޖައާ ކުރުމަށް އަލީ ވަހީދު ހުށަހަަޅާފައިވާކަން ކޯޓުން އެންގުމުން ދައުލަތުން ކޯޓަށް ހާޒިރުވި ކަމަށެވެ. އެ އަޑުއެހުމުގައި ދެއްކީ ކަށީގެ ޑޮކްޓަރު އަލީ މުޒްނީގެ ސޮއި އޮތް ޓްރީޓޮޕް ހޮސްޕިޓަލްގެ ސިޓީއެއް ކަމަށް ދައުލަތުން ބުންޏެވެ. އޭގައި ވަރަށް ގިނަ މެޑިކަލް ޓާމްސް ހުރި ކަމަށާއި އެހެންވެ އެކްސްޕާޓެއްގެ ބަހެއް ނެތި އެއްޗެއް ބުނާކަށް ނޭނގޭނެ ކަމަށް ޝަރީއަތުގައި ބުނެފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެ ސިޓީ އަކީ ސަޕޯޓިން ޑޮކިއުމަންޓެއް ނެތް ސިޓީއެއްކަން ފާހަގަކުރި އެވެ.

އެހެންވެ އައިޖީއެމްއެޗުން ޓެސްޓުތައް ހަދައި ކަމާ ބެހޭ ތަޖުރިބާކާރަކު ހާޒިރުވާން އަންގަން އަމުރުކުރާނެ ކަމަށް ބުނީ ޝަރީއަތުން ކަމަށް ދައުލަތުން ފާހަގަކުރި އެވެ. ޑޮކިއުމަންޓް ލިބުނީމާ އެކަން އަންގައިދޭން އެދެމުން އައި ނަމަވެސް ނުލިބޭ ކަމަށް ކޯޓުން ބުނަމުން އައިސް މިދިޔަ ފެބްރުއަރީ 9 ވަނަ ދުވަހު ކޯޓަށް ހާޒިރުވި އިރު ކަށީގެ ޑޮކްޓަރު ޝާން ހާޒިރުކޮށްފައި ހުންނެވި ކަމަށެވެ. އަދި އެ އަޑުއެހުމުގައި، އަލީ ވަހީދުގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ ޑރ. ޝާން ހަވާލާދެއްވީ ކޮން މެޑިކަލް ޑޮކިއުމަންޓަކަށް ކަމަށް ނޭނގޭ ކަމަށް ދައުލަތުން ބުންޏެވެ.

އެ ދުވަހު ދައުލަތުން ކޯޓަށް ހާޒިރުވެ ޕާސްޕޯޓް ދޫކުރަން އިއުތިރާޒްކޮށްފައިވާނެ ކަމަށާއި ބޭސްފަރުވާ އަށް ދާން ބޭނުންވާ ތަނަކަށް ވަކި މުއްދަތަކަށް ޓްރެވަލް ޑޮކިއުމަންޓް ދިނަސް މައްސަލައެއް ނެތް ކަމަށް ބުނެފައިވާނެ ކަމަށެވެ. މީހަކު ޖާމިނުކޮށްފައި ވަނިކޮށް ޕާސްޕޯޓް ދޫކުރަން ދެކޮޅު ހަދަނީ ކީއްވެތޯ އެއްސެވި ކަމަށާއި ދައުލަތުން އެގޮތަށް ބުނަމުން ދިޔައީ ރާއްޖޭން ފުރައިގެން ދިއުމަށް ފަހު ދެން ރާއްޖޭ ކޯޓަކުން އޭނާ ގެންނަން ވަރަށް އުނދަގޫވާނެތީ ކަމަށް ބުނެ އެކަން ވެސް ފާހަގަކޮށްފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ސާފު ޖަވާބެއް ނުލިބޭ

ހައި ކޯޓުން އިސްތިއުނާފު މައްސަލަ ބާތިލްކުރީ ކޮން ގާނޫނަކާ ޚިލާފަށްތޯ ނުވަތަ ގާނޫނީ ކޮން ކަމަކަށް ރިއާޔަތްކޮށްފައިތޯ ފަނޑިޔާރުން ކުރި ސުވާލުތަކުގެ ޖަވާބުގައި ދައުލަތުން ސާފު ޖަވާބެއް ނުދެ އެވެ.

އަލީ ވަހީދު ހާޒިރު ނުކުރެވުނަސް ޣައިރު ހާޒިރުގައި އިސްތިއުނާފު އަޑުއެހުން ކުރިއަށް ގެންދަން ހައި ކޯޓުގައި އެދުނު ގޮތަށް ސުޕްރީމް ކޯޓުގައި ވެސް އެދުނެވެ. ނަމަވެސް އަސާސީ ހައްގުތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުންނާއި ގާނޫނީ އެހެން ސަބަބުތައް ވެސް ހުރުމުން ދައުލަތުން ބުނީ ހައްގުތައް އޮންނާނީ ހަމައެކަނި ދައުވާ ލިބޭ ފަރާތަށް ނޫން ކަމަށާއި ދައުވާކުރާ ފަރާތަށް ވެސް ހައްގުތައް އޮންނާނެ ކަމަށެވެ. އަދި މިއީ ވަރަށް ގިނަ، "ވަލްނަރަބްލް" ހެކިންތަކެއް ހިމެނޭ މައްސަލައެއް ކަމަށް ބުންޏެވެ. މައްސަލަ ލަސްވާ ކޮންމެ ދުވަހަކީ އަނިޔާ ލިބުނު މީހުން އިތުރަށް ވިކްޓިމައިޒްވަމުންދާ ދުވަހެއް ކަމަށް ބުންޏެވެ. ދައުލަތުން ބުނީ އަލީ ވަހީދަށް ގުޅޭ ވައިބަ ނަންބަރެއް ހައި ކޯޓާ ހިއްސާކޮށްފައި ވާނެ ކަމަށާއި އެ ނަންބަރު މެދުވެރިކޮށް ކޯޓު އަމުރު ފޮނުވި ކަމަށެވެ. ދައުލަތުން ބުނީ އަލީ ވަހީދަށް އޮންނާނީ އަމުރު ރައްދުވެފައި ކަމަށާއި އެކަމަކު އޭނާ ކޯޓަށް ހާޒިރުވާން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެހެންވެ އަލީ ވަހީދު ވަނީ އެ ހައްގު ދޫކޮށްލާފައި ކަމަށް ބަލަންޖެހެ އެވެ.

ޣައިރު ހާޒިރުުގައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ އެކަމުގެ ނަހަމަ ބޭނުން ހިފޭނެތޯ ފަނޑިޔާރު އަލްމިރަލްދާ ޒާހިރު ސުވާލުކުރެއްވުމުން ދައުލަތުން ބުނީ އެގޮތަށް ނިންމާ ނަމަ ނިންމަން ޖެހޭނީ ވަރަށް ހަރުކަށި އުސޫލުތަކަކާ އެކުގައި ކަމަށެވެ. ދައުލަތުން އެހެން ބުނުމުން ފަނޑިޔާރު ވިދާޅުވީ އުސޫލުތައް ހެދުމަކީ ކޯޓުތަކުން ކުރެވޭނެ ކަމެއްތޯ އާއި އަސާސީ ހައްގުތައް ހަނިކުރުމާ ބެހޭ ގޮތުން ގާނޫނުއަސާސީ އޮތް ގޮތުން އެފަދަ އުސޫލުތަކަކީ ގާނޫނީ ބާރެއް އޮތް ނިންމުމަކަށް ވާނެތޯ ސުވާލުކުރައްވައިފަ އެވެ.

މިކަމާ ބެހޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދެކެވުނަސް ތަކުރާރުވީ އެއް ވާހަކަތަކެކެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން، ރިއާސަތުން ފަނޑިޔާރު މަހާޒް ވިދާޅުވީ މައްސަލަ ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ނިންމާ ގޮތެއް އެންގުމަށް އިތުރު އަޑުއެހުމެއް ދެން ނުބާއްވާނެ ކަމަށާއި ގޮތެއް ނިންމުމަށް ފަހު ދައުލަތާއި ކަމާބެހޭ ފަރާތްތަކަށް އަންގައި ކޯޓުގެ ވެބްސައިޓުގައި ވެސް ހާމަކުރާނެ ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުގެ އަމުރު ބާތިލްކުރުމުން މިހާރު ވާނީ ކޮން ފައިދާއެއްތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން ދައުލަތުން ބުނީ ޕާސްޕޯޓް ދޫކުރި އަމުރު ބާތިލްކޮށްފި ނަމަ އަލީ ވަހީދު މިހާރު ހުރި ތަނެއް އިންޓަޕޮލް މެދުވެރިކޮށް ހޯދައި އޭނާ ގެންނަން ކުރަންޖެހޭ މަސައްކަތަށް ފަސޭހަވާނެ ކަމަށެވެ.