Roadha Mihaaru
ޕާސްޕޯޓް ދޫކުރި މައްސަލަ ޣައިރު ހާޒިރުގައި ނުބެލޭނެ

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރި މައްސަލަ ޣައިރު ހާޒިރުގައި ނުބެލޭނެ ކަމަށް ނިންމީ ރަނގަޅަށް: ސުޕްރީމް ކޯޓް

09 މެއި 2021

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލަ އޭނާގެ ޣައިރު ހާޒިރުގައި ނުބެލެނޭ ކަމަށް ހައި ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލަ އޭނާގެ ޣައިރު ހާޒިރުގައި ނުބެލެނޭ ކަމަށް ހައި ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

މިގޮތަށް ނިންމީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރި އަމުރު ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އަލީ ވަހީދު އުޅޭތަނެއް ދައުލަތަށް ސާފުކޮށްދެވި ނުވާތީ ދައުވާ ފޯމު ބާތިލްކުރުމަށް ކަނޑައަޅައި ހައި ކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ގޮތުން ނިންމި ނިންމުން ސުޕްރީމް ކޯޓުން މުރާޖައާކުރުމަށް ފަހުގަ އެވެ. މި މައްސަލާގައި އެ ކޯޓުން ޝަރީއަތެއް ނުހިންގަ އެވެ.

ހައި ކޯޓުން ދައުވާ ފޯމު ބާތިލްކުރީ އަލީ ވަހީދާ ގުޅޭނެ ކަމަށް ބުނެ ދީފައިވާ ނަންބަރުތަކާއި އީމެލް އެޑްރެހުން ވެސް އޭނާއާ މުއާމަލާތް ކުރެވިފައި ނުވާތީ އާއި މީގެ ކުރިން، ޣައިރު ހާޒިރުގައި ޖިނާއީ ދައުވާތަކުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކަނޑައަޅާފައިވާ ހުކުމަކާ ހަވާލާދީފަ އެވެ.

ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާފައިވަނީ، އޭނާގެ މައްޗަށް ދަޢުވާތަކެއް އުފުލިފައިވާކަން އެނގި ހުރެ، އޭނާއާ ގުޅޭނެ ގޮތެއް، އަދި ފުރައިގެން ދާ ތަނު ގެ ތަފުސީލެއް ކޯޓަށް ނުވަތަ އެއްވެސް ފަރާތަކަށް ނުދީ ކަމަށެވެ. އަދި އަލީ ވަހީދު ފުރުމުގައި އޭނާއާ ޖާމިނުވި މީހާ އަށް ވެސް، އޭނާއާ ގުޅޭނެ މަޢުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް ވެސް ޕީޖީން ބުނެފައިވެ އެވެ. އެހެންވެ މި މައްސަލާގައި އިސްތިއުނާފު ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭ ނަމަ އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާ މީހުންގެ ހައްގު ގެއްލި އިންސާފަށް ހުރަސްއެޅޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނަނީ ކުށެއްގެ ތުހުމަތުގައި ދައުވާ އުފުލިފައިވާ މީހެއް ނަމަ އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުމަކީ ކޮންމެ މީހަކަށްމެ ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އެހެންވެ މި ފަދަ ހައްގެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށާއި އެފަދަ ގާނޫނެއް އޮތްކަން ދައުލަތުން ފާހަގަކޮށްފައި ނެތް ކަމަށް ހައި ކޯޓުގެ ނިންމުމުގައި ވަނީ ބަޔާންކޮށްފަ އެވެ. މީގެ އިތުރުން ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު ވެސް ދޭންޖެހޭ ކަމަށާއި ޣައިރު ހާޒިރުގައި މި ހާލަތުގައި ކުރިއަށް ގެންގޮސްފި ނަމަ ގާނޫނުއަސާސީގައި ބުނާ އެ ހައްގުން ވެސް މަހުރޫމްވާނެ ކަމަށް ބުނެފައިވެ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ މީހަކު ޖާމިނުކޮށްފައި އިގުރާރެއްގައި ސޮއިކޮށްފައި ކަމަށް ވާއިރު، އިގުރާރުގައި ވަކި މުއްދަތެއް އޮތް ނަމަ އެ މުއްދަތު ހަމަވުމުން ނުވަތަ އިގުރާރާ ހިލާފުވުމުން، ހުއްދަ މުރާޖައާކުރަން ކްރިމިނަލް ކޯޓަށް ދެވޭނެ ކަމަށް ވެސް ހައި ކޯޓުން ނިންމާފައި ވާއިރު މި ހުރިހާ ކަމަކަށް ސުޕްރީމް ކޯޓުން ބަލާފައިވެ އެވެ.

ސުޕްރީމް ކޯޓުން ހައި ކޯޓުގެ ނިންމުން މުރާޖައާކުރުމަށް ފަހު ނިންމީ އެއީ ގާނޫނީ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ޕާސްޕޯޓް ދޫކޮށްލުމުން އަލީ ވަހީދު ރާއްޖޭން ފުރައިގެން ދިއުމުން ޝަރީއަތް އޮތީ ކުރިއަށް ނުގެންދެވިފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަހަށް ކަމަށް ކުރިން އެނގިފައި އޮތަސް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނީ ހަތަރު މަސް ކަމަށް އޮތީ އަލީ ވަހީދު ފުރައިގެން ދިޔައިރު އޭނާއާ ޖާމިނުވެފައިވާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ސޮއިކުރެއްވި ލިޔުންތަކުގައި ކަމަށެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 13 އަށް ވުރެ ގިނަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އެވެ.

އެ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވަ އެވެ. ޖާމިނުވާނެ ފަރާތެއް ހުށަހެޅުއްވުމުން އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލީ، ޕާސްޕޯޓްގެ ބަދަލުގައި ބޭހަށް ބޭރަށް ވަޑައިގަތުމަށް ވަގުތީ ލިއުމެއްގެ ދަށުން ފުރުއްވުމުގެ ހުއްދަ ދޭން ފެންނަ ކަމަށް ޕީޖީން ކޯޓުގައި އެދިފައި އޮއްވަ އެވެ. އޭނާ ބޭރަށް ވަޑައިގަންނަވާ ސަބަބެއް ކަމަށް އެދިވަޑައިގެންފައި އޮތީ ބަދައިގެ އޮޕަރޭޝަނަކަށެވެ.