Roadha Mihaaru
އަލީގެ ޝަރީއަތުގެ މައްސަލަ ސުޕްރީމް ކޯޓަށް

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަނީ

11 ޖުލައި 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައިި ބައިވެރިވުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ދީފައިވާ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައިި ބައިވެރިވުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ދީފައިވާ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފި އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދު މިދިޔަ ފެބްރުއަރީ މަހު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު މިހާތަނަށް އެނބުރި ވަޑައިގެންފައި ނުވާ ނަމަވެސް، ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ވަނީ އޭނާއަށް ދީފަ އެވެ.

އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އެއީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއް ކަމުން އެފަދަ ތަނެއްގައި އަލީ ވަހީދު ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދާތީ އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ނަމަވެސް، ހައި ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ބަލާނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން މިއަދު ނިންމާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމުގެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ ހައި ކޯޓުން ނެރުނު ހުކުމުގައި ވަނީ އެފަދަ އިޖުރާއީ މައްސަލަތައް ދަށު ކޯޓުގައި ކުރިއަށް ދަނިކޮށް އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ. އެ ހުކުމުގައި ފާހަގަ ކުރީ ޝަރީއަތް ކުރިއަށްދަނިކޮށް އިސްތިއުނާފު ކުރެވޭނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ބެހޭ މައްސަލަ ކަމެވެ.

މި މައްސަލަ ސުޕްރީމް ކޯޓާ ހިސާބަށް ގެންދަން ދައުލަތުން ނިންމާފައިވާއިރު، މިއަދު ވެސް އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމެއް އޮންލައިންކޮށް ކުރިއަށް ގެންދަން ވަނީ ތާވަލުކޮށްފަ އެވެ.

އަލީ ވަހީދު ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދާ މައްސަލަ މާދަމާ ހައި ކޯޓުގައި ފަށާއިރު، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ވެސް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ދައުލަތުން ވަނީ ނިންމައިފަ އެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިން މައްސަލަ ވެސް ދައުލަތުން ކުރިން ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދަން އޭރު ބެލިއިރު، އަލީ ވަހީދު ރާއްޖެއިން ބޭރުގައި އުޅުއްވާ ތަނެއް ނޭނގުމުން ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމީ އޭނާގެ ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.