Roadha Mihaaru
މައްޗަންގޮޅި ސަހަރާގައި 15 ބުރީގެ ޕާކިން އިމާރާތެއް

މައްޗަންގޮޅި ސަހަރާގައި 15 ބުރީގެ ޕާކިން އިމާރާތެއް

11 އޯގަސްޓް 2021

މައްޗަންގޮޅި ސަހަރާ ހުންނަ ބިމުގައި 15 ބުރީގެ "މަލްޓި ޔޫސް" ޕާކިން އިމާރާތެއް އަޅަން މަަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި އެ އަވަށުގެ މީހުން އެއްބަސްވެއްޖެ ނަމަ އެ މަސައްކަތް ފައްޓަވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މައްޗަންގޮޅި ސަހަރާ ހުންނަ ބިމުގައި 15 ބުރީގެ "މަލްޓި ޔޫސް" ޕާކިން އިމާރާތެއް އަޅަން މަަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި އެ އަވަށުގެ މީހުން އެއްބަސްވެއްޖެ ނަމަ އެ މަސައްކަތް ފައްޓަވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މައްޗަންގޮޅީގެ މީހުންނާއެކު ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ، މާލެ އަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެކި ސަރަހައްދުތަކުގައި ޕާކިން އިމާރާތްތަކެއް ހެދުން މުހިންމު ކަމަށެވެ.

އޭނާ ވިދާޅުވީ، މައްޗަންގޮޅި ސަހަރާ ހުރި ތަނަކީ އެކަން ކުރަން ރަނގަޅު ބިމެއް ކަމަށާއި ނަމަވެސް އެކަމަށް އާންމުން ދެކޮޅު ހަދައިފި ނަމަ، ޕާކިން އިމާރާތް އަޅަން އެހެން ބިމެއް ހޯއްދަވާނެ ކަމަށެވެ.

"މި އަވަށުގައި ވެސް އެބަހުރި ސަރުކާރުގެ ބިންތަކެއް ހުސްކޮށްފި ނަމަ، ސަހަރާގައި އަތްނުލައި މިކަން ކުރެވޭނެ، މިސާލަކަށް އަމީނީ މަގުގެ އުތުރަށް ހުރި ބައެއް ބިންތައް،" މުއިއްޒު ވިދާޅުވި އެވެ.

"ސަހަރާ އަކީ އެތައް ބައެއްގެ އާއިލާތަކުގެ ވަރަށް ސެންޓިމެންޓަލް ތަނެއް، އަޅުގަނޑުމެން ހަގީގަތުގައި ބޭނުމެއް ނޫން އެތަނުގައި އަތްލާކަށެއް. އެކަމަކު ދީނީ ގޮތުން އެކަން ކުރެވެން އޮންނާނެ، ފަތުވާ ކޮމިޓީން އެކަން ކުރާނެ ގޮތަށް ފަތުވާ ވެސް ދީފައި."

ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް، އެކި އަވަށްތަކަށް ބަހާލައިގެން މިހާރު ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ މައްޗަންގޯޅީ ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މައްޗަންގޮޅި އަކީ މާލޭގައި ބިމުގެ ދަތިކަން އެންމެ ބޮޑު އަވަށް ކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

"ޖާގަ އުފެއްދެން ހުރީ މަތި މައްޗަށް ކަމަށްވާ އިރު، ސަރުކާރުން ނުވަތަ ކައުންސިލުން ދައުލަތުގެ ބަޖެޓުން އެ އަށް ހަރަދުނުކޮށް އެކަން ކުރެވޭނެ ގޮތެއް އޮތް އިރު މިއީ ކުރަން ރަނގަޅު ކަމެއް،" މޭޔަރު ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ ޕްލޭނުގައި އޮތީ އިންވެސްޓަރަކާ ހަވާލުކޮށްގެން ޕާކިން އިމާރާތް އެޅުމަށެވެ. އަދި އެ އިމާރާތުގެ ހަ ފްލޯގައި 300 އެއްހާ ސައިކަލާއި 150 ކާރު ޕާކު ކުރަން ހާއްސަ ކުރުމަށް ފަހު، އެންމެ ތިރީ ފުލޯތަކުގައި ވިޔަފާރީ ކުރަން ހުޅުވައިލުމާއި އަދި އެންމެ މަތީ ފްލޯތަކުގައި އޮފީސްތަކާއި ކެފޭ/ރެސްޓޯރެންޓުތަކަށާއި އެޕާޓްމަންޓްތަކަށް ހާއްސަ ކުރަން ކައުންސިލްގެ ޕްލޭނުގައި ވެ އެވެ.

ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް، އެކި އަވަށްތަކަށް ބަހާލައިގެން މިހާރު ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ މައްޗަންގޯޅީ ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް، އެކި އަވަށްތަކަށް ބަހާލައިގެން މިހާރު ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ މައްޗަންގޯޅީ ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

"ސަރުކާރުން އެއްވެސް ހަރަދެއް ނުކޮށް މިކަން ކޮށްދޭނެ ފަރާތްތައް ތިބޭނެ. އެ ތަނަށް އިންވެސްޓްމަންޓެއް އައިސްގެން ނޫނީ އެތަން ނުވެސް ހެދޭނެ،" މުއިއްޒު ވިދާޅު އެވެ.

ރޭގެ ބައްދަލުވުމުގައި ހިޔާލު ފާޅުކުރި، މައްޗަންގޮޅި އަވަށުގެ ބައެއް މީހުން ވަނީ ސަހަރާގައި ޕާކިން އިމާރާތް ހެދުމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

ޕާކިންގެ މައްސަލައިގެ އިތުރުން ބިމުގެ ދަތިކަމާއި ބޯހިޔަވާހިކަމުގެ މައްސަލަތަކާއި މަގުތައް ހެދުމުގައި ހުރި މައްސަލަތާކައި ޓްރެފިކްގެ މައްސަލަތަކާ ގުޅޭ ގޮތުން ވެސް އެ އަވަށުގެ ރައްޔިތުންގެ ހިޔާލު ކައުންސިލުން ހޯދި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ވެސް، ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި މާލޭގައި އެކި ހިސާބުތަކުގައި، ބުރިބުރިއަށް ހުންނަ މެކޭނިކަލް ޕާކިން ސިސްޓަމްތައް ބެހެއްޓި އެވެ. އެކަމަކު މި ސަރުކާރު އައި ފަހުން ވަނީ އެ ތަކެތި ބޭނުން ނުކުރެވޭ ކަމަށް ބުނެ ނަގައިފަ އެވެ.