Roadha Mihaaru
ބާޒާރުމަތީގައި ޕިކަޕްތައް ޕާކްކުރުން މަނާކޮށްފި

ބާޒާރުމަތީ ސަރަހައްދުގައި ޕިކަޕްތައް ޕާކްކުރުން މަނާކޮށްފި

29 ނޮވެމްބަރ 2021

މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދު، ބޮޑުތަކުރުފާނު މަގުން ބާޒާރުމަތީގައި ޕިކަޕްތައް ޕާކް ކޮށްފައި ބޭއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދު، ބޮޑުތަކުރުފާނު މަގުން ބާޒާރުމަތީގައި ޕިކަޕްތައް ޕާކް ކޮށްފައި ބޭއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.

އެ ނިންމުމާއެކު، އެ ސަރަހައްދުގައި މިހާތަނަށް ޕާކް ކުރަމުން އައި ކުދި ޕިކަޕްތަކަށް މިހާރު ވަނީ އިންޑަސްޓްރިއަލް ވިލެޖުން ޖާގަ ހަމަޖައްސައިދީފަ އެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް މިއަދު ވިދާޅުވީ ނޯތު ހާބަރުގެ މައި ގޭޓުން ފެށިގެން، ރޯ މަސް މާރުކޭޓާ ހަމައަށް ޕިކަޕްތައް މިހާރު ޕާކް ނުކުރެވޭނެ ކަމަށެވެ. އެ ބަދަލު ގެނައީ ސިޓީ ކައުންސިލާއި ޕިކަޕް ޑްރައިވަރުންނާ ދެމެދު މަޝްވަރާ ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބާޒާރުމަތީގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ޑްރައިވަރުންނާ މަޝްވަރާ ކުރުމަށް ފަހު، އިންޑަސްޓްރިއަލް ވިލެޖުގައި ޕާކު ކުރެވޭނެ ގޮތް ހަމަޖެއްސީ،" މުއިއްޒު ވިދާޅުވި އެވެ.

ބާޒާރުމަތީގައި ޕިކަޕްތައް ޕާކު ނުކުރެވޭ ގޮތް ހަދައި، ޕާކިންނަށް ބަދަލު ގެނެސްފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބާޒާރުމަތީގައި ޕިކަޕްތައް ޕާކު ނުކުރެވޭ ގޮތް ހަދައި، ޕާކިންނަށް ބަދަލު ގެނެސްފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އޭނާ ވިދާޅުވިގޮތުގައި، ބާޒާރުމަތީގެ ސަރަހައްދުގައި މިހާތަނަށް 60 އަށް ވުރެ ގިނަ ކުދި ޕިކަޕް ޕާކުކުރަމުން އައިސްފައިވެ އެވެ.

ބާޒާރުމަތީގެ ސަރަހައްދުގައި ޕިކަޕްތަކަށް ޕާކް ނުކުރެވޭ ގޮތް ހެދުމަށް ފަހު، އެ ސަރަހައްދުގައި ވަނީ ވަކި އަދަދަކަށް ސައިކަލް ޕާކް ކުރެވޭނެ ގޮތް ހަދައިފަ އެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދުތައް ވަކި ވަގުތެއް ވަންދެން މަޑުކޮށްގެން އޮވެވޭނެ ގޮތަށް ވެސް ޖާގަތައް ހެދި އެވެ.

މާލޭ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތަކެއް ކުރަމުންނެވެ. މަގުތަކަށް ބާރު ބޮޑުވުން ކުޑަކުރުމަށްޓަކައި ޕާކިން ޒޯންތައް އިތުރުކޮށް، ކުއްޔަށް ޕާކު ކުރެވޭނެ ޖާގަތައް ވެސް ވަނީ ހަދައިފަ އެވެ.