Roadha Mihaaru
ޕާކިން ސްލޮޓް ދޫކުރި ގޮތުގެ މައްސަލަ އޭސީސީ އަށް

ޕާކިން ސްލޮޓްތައް ދޫކުރި ގޮތުގެ މައްސަލަ އޭސީސީ އަށް

07 ޑިސެމްބަރ 2021

މާލޭ ސިޓީ ކައުންސިލުން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރި ގޮތާ މެދު ސުވާލު އުފައްދައި، އެ މައްސަލަ ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭ ސިޓީ ކައުންސިލުން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރި ގޮތާ މެދު ސުވާލު އުފައްދައި، އެ މައްސަލަ ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ ހުށަހަޅައިފި އެވެ.

ޕާކިންގެ މައްސަލަ އަށް ހައްލު ހޯދުމަށް މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ކުއްޔަށް ދޫކުރަން ނިންމައި އޭގެ ތެރެއިން 211 ސްލޮޓަކަށް ކުރިމަތިލާން މިދިޔަ ޖުލައި މަހު ހުޅުވައިލި އެވެ. އެ މުއްދަތު ހަމަވިއިރު 969 ފަރާތަކުން ޕާކިން ސްލޮޓަށް ކުރިމަތިލި އެވެ.

އެ ސްލޮޓު ލިބޭ މީހުން ހޮވުމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ގުރުއަތުލުން ބޭއްވި ނަމަވެސް އެކަން ކުރިއަށް ގެންދިޔަ ގޮތާ މެދު ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ހިތްހަމައެއް ނުޖެހެ އެވެ.

އެކަމާ ގުޅިގެން އޭސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޕާކިން ސްލޮޓުތައް ދޫކުރުމުގެ މައްސަލަ ބަލައިދިނުމަށް އެދި އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު އޮތީ ޕްރިލިމިނަރީ މަރުހަލައިގަ އެވެ.

"ތަހުގީގު ކުރާނެ މައްސަލައެއްތޯ ބެލުމަށް ފަހު ކުރިއަށް ދާނީ،" އޭނާ ވިދާޅުވި އެވެ.

ޕާކިން ސްލޮޓްތައް ދޫކުރި ގޮތާ މެދު އެންމެ އެންމެ ބޮޑަށް ސުވާލު އުފައްދާ ކަމަކީ، މީހާގެ އެއްވެސް ވަނަވަރެއް ނުހިމެނޭ ސްލިޕް ނަމްބަރެއް ގުޅިއަކުން ނަގައި ސްލޮޓް ލިބޭ މީހުން ހޮވުމެވެ. ގުރުއަތު ނަގަން ފެށުމުގެ ކުރިން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެ ރޭ ވިދާޅުވީ އެއް އައިޑީ ކާޑު ނަމްބަރުގައި 3-2 ކާރު ރަޖިސްޓަރީ ކޮށްގެން ގެންގުޅުމާއި ފޯނު ނަމްބަރު ވެސް ރިޕީޓް ވެފައި ހުންނާތީ، ރިޕީޓް ނުވާނެ އެއްޗަކީ ސްލިޕް ނަމްބަރު ކަމަށެވެ.

އެހެން ވިދާޅުވި ނަމަވެސް، ސްލޮޓު ލިބުނު މީހުންގެ ލިސްޓު އިއްޔެ އާއްމުކުރިއިރު ބައެއް މީހުންނަށް އެއް ސްލޮޓަށް ވުރެ ގިނައިން ލިބިފައިވެ އެވެ. އެކަމަކު، ފައިނަލް ލިސްޓުން އެ އެންމެންނަށް ވެސް ސްލިޕް ނަމްބަރު ދީފައިވެ އެވެ.

"ރިޕީޓް ނުވާ އެއްޗެއްގެ ގޮތުގައި މި ފެންނަނީ ސްލިޕް ނަމްބަރު އެކަނި. ގުރުއަތުގައި މި ބޭނުންކުރަނީ ސްލިޕް ނަންބަރު. އެ ހުރިހާ ނަމްބަރެއް ގުޅީގައި އޮންނާނެ،" ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ފޯމު ހަވާލުކުރިއިރު އިދާރީ ގޮތުން ކަންކަން ދިމާވެ، ބައެއް މީހުންނަށް ސްލިޕް ނަމްބަރު ދުލެއް ނުކުރެވުނެވެ. އެކަމަކު މީޑިއާގެ ކުރިމަތީގައި ނެގި ގުރުއަތުލުމުގައި އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމުގެ ޔަގީންކަން، އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލުން ދެ އެވެ.

"ވަރަށް އިންސާފުކޮށް ގުރުއަތުލުން ނެގީ. ސަތޭކަ ޕަސެންޓު ގެރެންޓީކޮށް ދެވޭނެ މި ކަމުގައި ގޯހެއް ހަދާފައި ނޯންނާނެ ކަމުގެ. އޭސީސީ އަށް ވެސް ދާންވީ. މައްސަލައެއް ނޯންނާނެ،" ނަރީޝް ވިދާޅުވި އެވެ.