Roadha Mihaaru
މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް

މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަނީ

31 މެއި 2023

މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

އެ ގޮތަށް ނިންމީ ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަށް މިއަދު ބޭއްވި ކައުންސިލްގެ މި ހަފުތާގެ އާންމު ޖަލްސާ އަށް މެމްބަރަކު ހުށަހެޅުއްވުމުންނެވެ. އެ ހުށަހެޅުމަށް މަޝްވަރާކުރުމަށް ފަހު، ކައުންސިލުން ނިންމީ ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަތުން ތަފާތު ދެ އަގެއްގައި ފީއެއް ނެގުމަށެވެ.

އެ ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޕާކްތަކާއި މައިޒާންތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަކީ ބޭރު ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

"...އެއީ ތަހުޒީބީ ކަމެއް، ތަފާތުކުރުން ކަމަކަށް ނުބެލެވޭ. ހަމަ ނޯމަލް ޕްރެކްޓިސްއެއް އެއީ،" މޭޔަރު ވިދާޅުވި އެވެ.

މާލޭގައި ބިދޭސީން އިންތިހާއަށް ގިނަވެ، ހިތްހަމަޖައްސާލައި ފޫހިފިލުވާލަން ދިވެހިންނަށް ޕާކްތަކާއި މައިޒާންތަކާއި އާންމު އެހެން ތަންތަން ލިބުން ދަތިވާތީ ކައުންސިލްގެ ބައެއް މެމްބަރުން މިއަދުގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކައުންސިލުން ނިންމީ އަންނަ މަހު 15 އިން ފެށިގެން އެ ފީ ނަގާށެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އަގުތައް ކަނޑައެޅުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި، ސަލްޓަން ޕާކް މަރާމާތުކޮށް އަލުން ހުޅުވިއިރު އެ ތަނަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގި އެވެ. ނަމަވެސް، ޔާމީންގެ ސަރުކާރު ބަދަލުވުމާ އެކު އެކަން ހުއްޓާލީ އެވެ.