Roadha Mihaaru
ޗައިނާ އާއި ރަޝިޔާ އަސްކަރީ ތަމްރީންތަކެއް ފަށައިފި

ޗައިނާ އާއި ރަޝިޔާ ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ފަށައިފި

11 އޯގަސްޓް 2021

ރަޝިޔާ އާއި ޗައިނާގެ އަސްކަރިއްޔާ ގުޅިގެން، މެދުތެރޭ ޗައިނާގެ އުތުރުގައި އޮންނަ ނިންގްޒިއާ ސަރަހައްދުގައި ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ފަށައިފި އެވެ.

ރަޝިޔާ އާއި ޗައިނާގެ އަސްކަރިއްޔާ ގުޅިގެން، މެދުތެރޭ ޗައިނާގެ އުތުރުގައި އޮންނަ ނިންގްޒިއާ ސަރަހައްދުގައި ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ފަށައިފި އެވެ.

ރަޝިޔާ އާއި ޗައިނާ އިން އަސްކަރީ ތަމްރީނުތަކެއް މި ފެށީ، އެ ދެ ގައުމުގެ އަމަލުތަކާ މެދު އެމެރިކާ އާއި ވިލާތުގެ އިއްތިހާދުން ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ. އެ ގޮތުން ޔޫކްރޭންގެ ކްރީމިއާ އަށް ރަޝިޔާ އިން އަތްގަދަކޮށްފައި އޮތުމާއި، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ ބަޔަކަށް ޗައިނާ އިން އަތްގަދަ ކުރުން ހިމެނެ އެވެ.

މިދިޔަ ހޯމަ ދުވަހު ދެ ގައުމުން ފެށި މި އަސްކަރީ ތަމްރީނުތައް، މި އަންނަ ހުކުރު ދުވަހާ ހަމައަށް ދެމިގެންދާނެ އެވެ. މި ތަމްރީނުތަކުގައި ރަޝިޔާ އާއި ޗައިނާގެ 10،000 އަށް ވުރެ ގިނަ އެއްގަމު ސިފައިންނާއި ވައިގެ ސިފައިން ބައިވެރިވާނެ އެވެ.

މި ތަމްރީނުތަކުގައި ބައިވެރިވުމަށް، ރަޝިޔާގެ ސުކޯއީ-30އެސްއެމް މަރުކާގެ ފައިޓަރު ބޯޓުތަކާއި މޯޓަރު ބަޑިތަކާއި، ވައިގެ ދިފާއީ ނިޒާމުތައް ވަނީ ޗައިނާ އަށް ފޮނުވާފައި ކަމަށް، ރަޝިޔާގެ އަސްކަރިއްޔާ އިން ބުނެ އެވެ.

ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން، 2005 ވަނަ އަހަރުން ފެށިގެން އަސްކަރީ ތަމްރީންތައް ބާއްވަމުން އަންނަ އިރު، މިހާރު ކުރިއަށް ދާ ތަމްރީންތަކަކީ، ރަޝިޔާ ސިފައިން ވެސް ޗައިނާގެ ހަތިޔާރުތައް ބޭނުންކޮށްގެން ތަމްރީންތައް ހަދާ ފުރަތަމަ ފަހަރު ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނެ އެވެ.

ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޒިންހުއާ އިން ބުނި ގޮތުގައި މި ތަމްރީނުތަކުގެ މަގްސަދަކީ، ޓެރަޒިޒަމާ ދެކޮޅަށް ދެ ގައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީންތައް ހެދުމެވެ. އޭގެ އިތުރުން، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކަށް ރަނގަޅަށް ހޭނުމެވެ.

އޭގެ އިތުރުން މި ތަމްރީންތަކަކީ ދެ ގައުމުގެ ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް، ސްޓްރެޓީޖީ ގޮތުން ސަރަހައްދުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވެދޭނެ ގޮތްތައް ދެނެގަތުމަށް ބާއްވާ ތަމްރީންތަކެއް ކަމަށް، ޗައިނާގެ ނޫސް އޭޖެންސީން ބުނެ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ޗައިނާ އާއި ރަޝިޔާގެ އަސްކަރީ ތަމްރީންތަކުގެ ފޮރުވިފައިވާ މަގްސަދަކީ، އެމެރިކާ އާއި ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން ކުރިމަތިވެދާނެ ނުރައްކާތަކަށް ރައްދު ދިނުމަށް ސަމާލުވެ ތިބުމެވެ. އަދި މިއީ، ހުޅަނގުގެ ނުރައްކާތަކަށް ރައްދު ދިނުމުގައި ދެ ގައުމު ގުޅިފައި އޮތްކަން ހާމަކޮށްދިނުމަށް ބާއްވާ ތަމްރީންތަކެއް ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެ އެވެ.

މީގެ އިތުރުން، ތަޖިކިސްތާނާއި އުޒްބެކިސްތާނުގެ ސިފައިން ބައިވެރިކޮށްގެން، ރަޝިޔާގެ ސިފައިން އިސް ދައުރެއް އަދާކުރި އަސްކަރީ ތަމްރީންތަކެއް، އިއްޔެ ވަނީ ތަޖިކިސްތާނާއި އަފްގާނިސްތާނު ގުޅޭ ސަރަހައްދު ކައިރީގައި ފުރިހަމަކޮށްފަ އެވެ. މީގެ އިތުރުން، ތަޖިކިސްތާނުގައި ހުންނަ ރަޝިޔާގެ އަސްކަރީ މަރުކަޒަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަން ނިންމާފައިވާ ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.