Roadha Mihaaru
އަރުނީތާ އަށް ކަރަންގެ ފިލްމަކަށް ލަވަކިޔަން ފުރުސަތެއް

"އިންޑިއަން އައިޑޮލް 12" ގެ އަރުނީތާ އަށް ކަރަންގެ އާ ފިލްމަށް ލަވައެއް ކިޔަން ފުރުސަތެއް

09 އޯގަސްޓް 2021

ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް 12" ގައި ގަދަ ހައެއްގައި ހިމެނޭ ލަވަކިޔުންތެރިޔާ އަރޫނިތާ ކަންޖީލާލް އަށް ކަރަން ޖޯހަރްގެ އާ ފިލްމަށް ލަވައެއް ކިޔަން ފުރުސަތު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް 12" ގައި ގަދަ ހައެއްގައި ހިމެނޭ ލަވަކިޔުންތެރިޔާ އަރޫނިތާ ކަންޖީލާލް އަށް ކަރަން ޖޯހަރްގެ އާ ފިލްމަށް ލަވައެއް ކިޔަން ފުރުސަތު ދީފި އެވެ.

ޝޯގެ ހޮނިހިރު ދުވަހުގެ ރޭ އެޕިސޯޑްގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ، ކަރަން ވަނީ އޭގެ ބައިވެރިންނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ވަކިން ހާއްސަކޮށް، އަރޫނިތާގެ ހުނަރަށް ތައުރީފުކޮށް ކަރަން ބުނީ، އޭނާގެ އަޑު ޖާދޫއެއް ފަދަ ކަމަށާއި އެހާ ޒުވާން އުމުރުގައި ވެސް ބޮޑެތި، އުނދަގޫ ލަވަތައް އާދަޔާހިލާފު މޮޅަށް މަދު ފަންނާނަކަށް ނޫނީ ނު،ކިޔޭނެ ކަމަށެވެ. އަރޫނީތާ އަކީ ރީތި އަޑަކާ އެކު، ލަވަކިޔުންތެރިއެއްގެ ހުރިހާ ޝަރުތެއް ހަމަވާ ފަންނާނެ ކަމަށް ބުންޏެވެ.

ކަރަންގެ އެޕިސޯޑްގައި އޭނާގެ ފިލްމު ކުންފުނި ދަރުމާގެ ތިން ފިލްމެއްގެ ލަވަ އަރޫނީތާ ކިޔެ އެވެ. އެއީ 1998 ގެ "ކުޗް ކުޗް ހޯތާ" އާއި 2018 ގެ "ދަޅަކް" އާއި 2019 ގެ "ކަލަންކް" ގެ ޓައިޓްލް ލަވަ އެވެ.

އެ ލަވަތައް އަރުނިތާ ކިޔައިދިން ގޮތް ރީތިކަމުން ކަރަން ބުނީ މިހާރުން މިހާރަށް ވެސް ދަރުމާ އާއިލާއާ ގުޅެން ދައުވަތު ދޭ ކަމަށާއި މި އަހަރު އޭނާ ލައްވައި ލަވައެއް ރެކޯޑްކުރާނެ ކަމަށެވެ. ކަރަން މިހާރު އަންނަނީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ކިޔާ ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރުވަމުންނެވެ. އެހެންވެ އަރުނިތާ ލައްވައި ފުރަތަމަ ލަވައެއް ރެކޯޑްކުރާނި އެ ފިލްމަށް ކަމުގެ އިޝާރާތެއް ކަރަން ދިނެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ އާލިއާ ބަޓާއި ރަންވީރު ސިންގް އާއި ޖަޔާ ބައްޗަނާއި ދަރުމެންދުރާ އަދި ޝަބާނާ އާޒްމީ ކާސްޓްގައި ހިމެނޭ ފިލްމެކެވެ.

"އަހަންނަކީ މިހާރު އަރުނިތާގެ ވަރަށް ބޮޑު ފޭނެއް. އެހެންވެ އޭނާ އަށް ހައްގު މިހާރު ފިލްމުތަކަށް ލަވަ ކިޔައިދޭން. އަހަރެން ޔަގީންކަންދެން އަހަރެންގެ ކުރިއަށް އޮތް ފިލްމަށް އަރުނިތާ ލައްވައި ލަވައެއް ރެކޯޑްކުރާނެކަން،" ކަރަން ބުންޏެވެ. "އަދި މި ފުރުސަތު މި ދެނީ އެފަދަ ފުރުސަތެއް އަރުނިތާ އަށް ހަމަ ރަނގަޅަށް ވެސް ހައްގުވާތީ."

"އިންޑިއަން އައިޑޮލް" އަބަދު ވެސް އޭގައި ވާދަކުރާ ހުނަރުވެރި ފަންނާނުންނަށް އެތައް ފުރުސަތެއް ފަހިވާ ފްލެޓްފޯމެކެވެ. މި ފަހަރުގެ ސީޒަނަކީ ވެސް އެކިއެކި ބައިވެރިންނަށް ގިނަ ހުށަހެޅުންތައް މިހާތަނަށް ލިބުނު ޝޯއެކެވެ. ވަކިން ހާއްސަކޮށް ކަރަން ކަހަލަ ބޮލީވުޑްގެ ނުފޫޒު ގަދަ ޑައިރެކްޓަރެއް/ޕްރޮޑިއުސަރެއްގެ ފިލްމު ކުންފުންޏަކާ އެކު މަސައްކަތްކުރަން ލިބުމަކީ ވަރަށް މަދުން ނޫނީ އާ ފަންނާނަކަށް ނުލިބޭނެ ފުރުސަތެކެވެ. އެހެންވެ އަރުނިތާ އަށް ކަރަންގެ ފިލްމަކަށް ލަވައެއް ކިޔަން ލިބުމަކީ އޭނާގެ ކެރިއަރު ވަރަށް އުޖާލާކަމުގެ ހެއްކެކެވެ.

"އިންޑިއަން އައިޑޮލް 12" ގެ ފިނާލޭ މި މަހުގެ 15 ވަނަ ދުވަހު އޮންނާނެ އެވެ. ސޮނީން ބުނި ގޮތުގައި މިއީ މިހާތަނަށް ބާއްވާ އައިޑޮލްގެ އެންމެ ބޮޑު ފިނާލޭ އަށް ވާނެ އެވެ.