Roadha Mihaaru
ފުޓުބޯޅަ ކުޅޭ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރަނީ

ފުޓުބޯޅައިގައި ޝާމިލުވާ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެފްއޭއެމުން ޕޮލިސީއެއް އެކުލަވާލައިފި

07 އޯގަސްޓް 2021

ފުޓުބޯޅައިގައި ޝާމިލުވާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބާރުއަޅައި، އެފްއޭއެމްގެ" ޗައިލްޑް ސޭފްގާޑް ޕޮލިސީ" މިއަދު ތައާރަފުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފުޓުބޯޅައިގައި ޝާމިލުވާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބާރުއަޅައި، އެފްއޭއެމްގެ" ޗައިލްޑް ސޭފްގާޑް ޕޮލިސީ" މިއަދު ތައާރަފުކޮށްފި އެވެ.

އެފްއޭއެމް ފައުންޑޭޝަނާއި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ، އާކްއާ ގުޅިގެން އެފްއޭއެމުން އެކުލަވައިލި މި ޕޮލިސީގެ ދަށުން ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމައިފަ އެވެ. މި ޕޮލިސީ އެކުލަވައިލުމުގައި ފީފާގެ "ޗައިލްޑް ޕްރޮޓެކްޝަން ޕޮލީސީ" ގައި ހިމެނޭ އުސޫލުތަކަށް ވެސް ރާއްޖޭގެ ފުޓުބޯޅަ އިދާރާ އިން ވަނީ ރިއާޔަތް ކޮށްފަ އެވެ. އަދި ކްލަބުތަކާއި އެކަޑެމީތަކުގެ ހިޔާލާއި މަޝްވާރާ ހޯދާފައި ވާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.

"ޗައިލްޑް ސޭފްގާޑް ޕޮލިސީ" ގެ ދަށުން އެފްއޭއެމުން ތަންފީޒު ކުރާނެ ކަންކަން

- އެފްއޭއެމްގައި ޗައިލްޑް ސޭފްގާޑިން ކޮމިޓީއެއް އުފެއްދުން.

- ޗައިލްޑް ސޭފްގާޑިން އޮފިސަރުގެ ނަމުގައި އެފްއޭއެމްގައި މަގާމެއް އުފެއްދުން.

- ކޯޗިން ކޯސްތަކުގެ މުގައްރައްރުގައި ކުޑަކުދިން ރައްކާތެރިކުރުމުގެ ބައިތައް ހިމެނުން.

- ކްލަބުތަކާއި އެކަޑެމީތަކުން ވެސް ޗައިލްޑް ސޭފްގާޑިންއާ ގުޅޭ ފިޔަވަޅުތައް އެޅުމަށް ލާޒިމު ކުރުން.

މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" ލޯންޗުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގެ ސެމީނާ ރޫމުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކަމަނާ ވިދާޅުވީ، އެ ޕޮލިސީ މިއަދު އިފުތިތާހު ކުރުމުން، މި ދުވަސް ސިފަ ކުރެއްވެނީ ކުޑަކުދިންގެ ހައްގުތައް ރާއްކާތެރި ކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން އައި އުފާވެރި ދުވަސްތަކުގެ ތެރެއިން ދުވަހެއްގެ ގޮތުގައި ކަމަށެވެ.

"ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނު ސީރިއަސް ކަމުގައި ބަލައިގަނެ، މުޅި ގައުމުގެ ކަންބޮޑުވުން އޮތް ކަމެއްގައި ކުޅިވަރުގެ ތެރެއިން ހައްލެއް ހޯދަން ވިސްނަވައި، ޕްރޯ އެކްޓިވްކޮށް މިކަން ފެއްޓެވީތީ އެކަން ފާހަގަ ކުރަން،" ފަޒްނާ ވިދާޅުވި އެވެ.

"އަދި މި ގާނޫނުގެ ތެރެއިން އެކިއެކި ފަރާތްތަކާ މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން އެފްއޭއެމަށް ކުރެވޭނެ ކަންކަން ބަލައި ތަންފީޒު ކުރަން ރާވާފައި ވާތީ އެކަން އަޅުގަނޑު ފާހާގަ ކުރަން."

އެފްއޭއެމް ޗައިލްޑް ސޭފްގާޑް ޕޮލިސީ ލޯންޗުކޮށް ދިނުމަށް މިއަދު ބޭއްވި ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު (ވ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް --- ފޮޓޯ: ރައީސް އޮފީސް

އެފްއޭއެމް ޗައިލްޑް ސޭފްގާޑް ޕޮލިސީ ލޯންޗުކޮށް ދިނުމަށް މިއަދު ބޭއްވި ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު (ވ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް --- ފޮޓޯ: ރައީސް އޮފީސް

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވަނީ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އެއް އެކުލަވައިލުމަށް އެފްއޭއެމުން އިސްނަގައި ކުރި މަސައްކަތައް މަރުހަބާ ވިދާޅުވެފަ އެވެ.

"އެފްއޭއެމުން ޗައިލްޑް ސޭފްޓީ އިންޓަވެންޝަންތަކަށް ދެއްވާފައިވާ އަހައްމިޔަތު އަޅުގަނޑު ފާހާގަ ކުރަން. މިފަދަ ޕޮލިސީއެއް އެކުލަވައިލެއްވުމުގައި ދިވެހިރާއްޖެ އިން ތަސްދީގު ކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ކުޑަކުދިން ރައްކާތެރި ކުރުމުގެ ގާނޫނާއި ގަވައިދަށް ރިއާޔަތް ކުރުމަކީ މި ޕޮލިސީ އަށް ލިބިގެންދާ މުހިންމު ބާރެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ޗައިލްޑް ސޭފްގާޑިން ކޮމިޓީގައި ކަމާ ގުޅުން ހުރި މުއައްސަސާތައް ހިމަނަން އެފްއޭއެމުން ނިންމާފައިވާތީ އެކަން ވެސް އާއިޝާ ފާހަގަކުރެއްވި އެވެ.

"މިއީ ވަރަށް ބޮޑު މަސައްކަތެއްގެ ފެށުން އަދި އެ އަށް ވުރެ ބޮޑު މަސައްކަތެއް ކުރިއަށް އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގެ އިތުރުން ރަށްރަށުގައި ވެސް މި ޕޮލިސީ ތަންފީޒު ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

އާކްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު މުރުތަލޯ ވިދާޅުވިގޮތުގައި، ކޮންމެ ކުޅިވަރަކުން ވެސް ކުޑަކުންދިންގެ ޝަހުސިއްޔަތު ވަރުގަދަ ކުރުމަށް އެހީވެދޭނެ އެވެ. ފުޓްބޯޅައިގައި ޝާމިލުވާ ކުޑަކުދިން ގިނަ ވުމަކީ ފުޓްބޯޅައިގެ ތެރެއިން ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުޅުވޭނެ ތަނަވަސް ދޮރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމް ޗައިލްޑް ސޭފްގާޑް ޕޮލިސީ ލޯންޗުކޮށް ދިނުމަށް މިއަދު ބޭއްވި ހަފުލާގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަދި އެފްއޭއެމްގެ ރައީސް ބައްސާމް --- ފޮޓޯ: ރައީސް އޮފީސް

އެފްއޭއެމް ޗައިލްޑް ސޭފްގާޑް ޕޮލިސީ ލޯންޗުކޮށް ދިނުމަށް މިއަދު ބޭއްވި ހަފުލާގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަދި އެފްއޭއެމްގެ ރައީސް ބައްސާމް --- ފޮޓޯ: ރައީސް އޮފީސް

ޗައިލްޑް ޕޮލިސީގައި ހިމެނާފައިވާ މައިގަނޑު އުސޫލުތައް:

- ކުއްޖާގެ މަސްލަހަތަށް އިސްކަން ދިނުން.

- ކުޑަކުދިންގެ ހައްގުތަކަށް އިހުތިރާމް ކުރުމާއި ކުރި އެރުވުން.

- ތަފާތު ނުކުރުން.

- ކުޑަކުދިން ރައްކާތެރި ކުރުމުގެ މަސައްކަތުގައި ބޮޑެތި މީހުންގެ ޒިންމާ އިތުރު ކުރުން.

- ކުޑަކުދިންނަށް އަނިޔާއެއް ލިބޭކަން އެނގޭ ނަމަ އެކަން ސިއްރު ނުކޮށް ރިޕޯޓް ކުރުން.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓް ކުުރުމަށް ބާރު އެޅުމުގެ ގޮތުން މި ޕޮލިސީގެ ދަށުން، އެފްއޭއެމް މެދުވެރިކޮށް ރިޕޯޓް ކުރުމުގެ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެކަޑެމީތަކަށާއި ކްލަބުތަކަށް ކޯޗު ކޮށްދިނުމުގައި މީގެ ކުރިން ކޯޗިން ލައިސަންސެއް އޮތުމުން ފުދުނަސް މިހާރު ލައިސެންސްގެ އިތުރުން ޗައިލްޑް ސޭފްގާޑިން ޕޮލިސިގެ ދަށުން ކޮންމެ ކޯޗެއްގެ ވެސް ޕޮލިސް ރިޕޯޓު ހުށަހަޅަން ޖެހޭނެ ގޮތަށް ހަމަޖައްސާފައިވާނެ ކަމަށެވެ.