05 އޯގަސްޓް 2021
ވ. އަންބަރާއަކީ ރިޒޯޓެއް ތަރައްގީ ކުރުމަށް ވުރެ އަތޮޅުގެ ރައްޔިތުންނަށް މުހިންމު، ތިމާވެށީގެ ގޮތުން ނާޒުކު ރަށެއް ކަމަށް ބުނެ އެ ރަށުގައި ރިޒޯޓު ނަހަދަން ވ. އަތޮޅު ކައުންސިލުން އެދިއްޖެ އެވެ.
ވ. އަންބަރާއަކީ ރިޒޯޓެއް ތަރައްގީ ކުރުމަށް ވުރެ އަތޮޅުގެ ރައްޔިތުންނަށް މުހިންމު، ތިމާވެށީގެ ގޮތުން ނާޒުކު ރަށެއް ކަމަށް ބުނެ އެ ރަށުގައި ރިޒޯޓު ނަހަދަން ވ. އަތޮޅު ކައުންސިލުން އެދިއްޖެ އެވެ.
އެ ކައުންސިލުން އެގޮތަށް އެދުނުއިރު އަންބަރާ އަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ހަނދުވަރު އޯޝަން ހޮލިޑޭސް ކިޔާ ކުންފުންޏަކަށް 2013 ގައި 50 އަހަރަށް ދޫކޮށްފައިވާ ރަށެކެވެ. ބިޒްނަސް ރަޖިސްޓަރީގައިވާ ގޮތުން އެ ކުންފުނީގެ ހިއްސާދާރުންނަކީ ޝެން ހުއާ އިންޖިނިއަރިން ކޮމްޕެނީ އާއި ސިލޯން ހޮޓެލް މޯލްޑިވްސް އެވެ. ޑިރެކްޓަރުންގެ ގޮތުގައި ތިބީ ސްރީ ލަަންކާގެ ދެ މީހަކާއި ޗައިނާގެ ދެ މީހެކެވެ.
އޯޝަން ހޮލިޑޭސް ކުންފުނިން ރިސޯޓު ތަރައްގީ ކުރުމަށް ހުށަހެޅި ކޮންސެޕްޓަށް ޖޫން 7 ގައި ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދިނުމާއެކު އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ތައްޔާރުކުރަން ވަނީ ހަވާލުކޮށްފަ އެވެ.
އަންބަރާގައި ރިސޯޓު ހެދުމާ ދެކޮޅު ހެދީ، އެ މަސައްކަތަށް އަތޮޅު ކައުންސިލުގެ މަޝްވަރާ ހޯދަން އީއައިއޭ ހަދާ ފަރާތުން އެދުމުން އެ ކައުންސިލުން ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުވި ސިޓީއެއްގަ އެވެ. އެ ސިޓީ ރައީސް އޮފީހާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް ވެސް ފޮނުވި އެވެ.
ވ. އަތޮޅު ކައުންސިލުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ފޮނުވި ސިޓީގައި ބުނީ އަންބަރާއަކީ ރިސޯޓެއް ތަރައްގީ ކުރުން ނޫނީ ސިނާއީ މަސައްކަތެއް ކުރުމަށް ވުރެ މާ ނާޒުކު ރަށެއް ކަމަށެވެ. އަދި ބުނީ އަންބަރާގެ ސިފަތައް ގެއްލޭ ގޮތަށް އެ ރަށް ތަރައްގީ ކުރުމާ އެ އަތޮޅުގެ ރައްޔިތުން ދެކޮޅު ކަމަށެވެ. އެ ރަށުގެ މުހިންމުކަން އަތޮޅަށް ބޮޑު އިރު މިހާރު ވެސް ރަށުގެ ވެއްޓަށް ގެއްލުންދީފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
"ވ. އަންބަރާގައި އެ ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭ ގޮތަށް އަދި ތިމާވެށީގެ ގޮތުން ހުރި ހާއްސަ ސިފަތައް ގެއްލޭ ގޮތަށް އެ ރަށް ތަރައްގީ ކުރުމަށް ހުށަހަޅާ އެއްވެސް ހުށަހެޅުމަކަށް ވ. އަތޮޅުގެ ރައްޔިތުން ތާއީދު ނުކުރާކަން މިނިސްޓްރީގެ ސަމާލުކަމަށް ފާހަގަކުރަމެވެ،" އަތޮޅު ކައުންސިލުގެ ސިޓީގައިވެ އެވެ.
ގުދުރަތީ ގޮތުން ހާއްސަ ރީތިކަމެއް ލިބިފައިވާ އަންބަރާއަކީ ރީތި ގޮނޑުދޮށަކާއި ތުނޑިއެއް ވެސް އޮންނަ ރަށެކެވެ. އަދި އެ ރަށުގައި ކުޑަ ކަނޑޫފަލެއް ވެސް އޮވެ އެވެ.
އެ ރަށް ބަޔަކަށް ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައި އޮތަސް އެއީ ވ. އަތޮޅުގެ މީހުން އެންމެ ކުރިން ވެސް އަދި މިހާރު ވެސް ޕިކްނިކް ދާ ރަށެކެވެ. އަދި އެ އަތޮޅުގެ ގެސްޓް ހައުސްތަކުން ޓޫރިސްޓުން ގޮވައިގެން އެ ތަނަށް އެކްސްކާޝަންތަކަށް ވެސް ގެންދެ އެވެ. މިއީ އެ މީހުންނަށް ވަރަށް މަންފާވާ ކަމެކެވެ.
އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ "މިހާރު" އަށް ވިދާޅުވި ގޮތުގައި، އަންބަރާގެ ގުދުރަތީ ރީތިކަން ބަަލަން ޓޫރިސްޓުން ޝައުގުވެރިވާތީ އެއީ އެ އަތޮޅުގެ ލޯކަލް ޓޫރިޒަމަށް މުހިންމު ރަށެކެވެ.
ވ. އަންބަރާ: އެ ރަށުގައި ރިޒޯޓު ތަރައްގީ ކުރާތީ އަތޮޅު ކައުންސިލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން --
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި "ހައެއްކަ ވޯޓާ ވިލާ އަޅައި" ރިޒޯޓެއް ތަރައްގީކޮށް، އެތަނުގެ ވެއްޓަށް ބަދަލު ގެނައުމަށް ވުރެ އެތަން އޮތް ގޮތަށް ބަހައްޓައިގެން ލޯކަލް ޓޫރިޒަމުން އަތޮޅަށް ކުރާނެ ފައިދާ މާ ބޮޑެވެ.
މިކަމަށް ބާރުދެއްވައި ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގު ހުސެއިން ވިދާޅުވީ، ސީދާ އަންބަރާއަށް ދާން ވެގެން ބައެއް ގެސްޓުން ތިނަދު އަށް ދާ ކަމަށެވެ.
"ވަރަށް ރީތި ގުދުރަތީ ރީތިކަމެއް އެ ރަށުގެ ފަރުގައި ވެސް ހުންނަނީ. އެހާ ރީތި ބީޗެއް އަޅުގަނޑު ވެސް ނުދެކެން. އަދި އެތެރޭގައި އޮންނާނީ ކަނޑޫ،" ޝިފާގު ވިދާޅުވި އެވެ.
ވ. އަތޮޅުގައި ގިނަ ރަށްރަށް އޮތީ ރިސޯޓު ހެދުމަށް ދޫކޮށްފައި ނޫނީ ރިސޯޓު ހަދައިފަ އެވެ. ކައުންސިލުގެ ރައީސް ޝުޖާއު ވިދާޅުވީ، އާންމުންމަށް ބޭނުންކުރެވޭ ގޮތަށް އޮންނަނީ ވަރަށް ވެސް މަދު ރަށެއް ކަމަށެވެ. އެހެންކަމުން ރިސޯޓެއް ހެދުމުގެ ބަދަލުގައި އަތޮޅުގެ ރައްޔިތުންނަށް އަންބަރާ ދޫކޮށްލަން އޭނާ އެދިވަޑައިގަނެ އެވެ.
"ވ. އަތޮޅުގައި އިތުރު ރިސޯޓެއް ތަރައްގީ ކޮށްގެން ވ. އަތޮޅުގެ ރައްޔިތުންނަށް އިތުރަށް ވާނެ ފައިދާއެއް ނެތް،" ޝުޖާއު ވިދާޅުވި އެވެ.
ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގު ވިދާޅުވި ގޮތުގައި، ގެސްޓް ހައުސްތަކަށް ވާ ފައިދާ އަކީ ރަށަށް ވެސް ލިބޭ ފައިދާ އެކެވެ. އެގޮތުން ރަށުގެ ބަނދަރު ހަލާކުވުމުން މަރާމާތު ކުރުމާއި ޕޮލިސް ސްޓޭޝަން މަރާމާތު ކުރުމާއި ކުނި މެނޭޖު ކުރުމަށް ސީއެސްއާރުގެ ދަށުން ގެސްޓް ހައުސްތަކުން އެހީދޭ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، ރިސޯޓުތަކުން އަތޮޅަށް އެފަދަ އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިތުރު ރިސޯޓެއް އަޅުގަނޑުމެން ބޭނުމެއް ނޫނޭ. އެ ރަށްތައް ބަހައްޓައިދޭށޭ، އަޅުގަނޑުމެންގެ ލޯކަލް ޓޫރިޒަމަށް. ގެސްޓުން ދަތުރުގޮސް ބޭނުން ކުރުމަށް. އަތޮޅަށް ފައިދާވާ ގޮތަށް،" ޝިފާގު ވިދާޅުވި އެވެ.
އަތޮޅު ކައުންސިލްގެ ސިޓީގައި އެދިފައި ވަނީ އަންބަރާއަކީ ރިސޯޓު ތަރައްގީ ކުރުމަށް އެންމެ އެކަށީގެންވާ ރަށެއް ނޫން ކަމަށް ސަރުކާރުން ނިންމައިދިނުމަށެވެ.
"ވީމާ، ފަތުރުވެރިކަމުގެ ހިދުމަތް ދިނުމަށް، ވ. އަންބަރާ ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ނިންމެވުުމާމެދު އަލުން ވިސްނަވައި، ވ. އަންބަރާއަކީ ރިޒޯޓެއް ތަރައްގީ ކުރަން އެންމެ ރަނގަޅު ނޫން ރަށެއް ކަމަށް ނިންމަވައިދެއްވުމަށް ސަރުކާރުގެ ޕޮލިސީ ލެވެލްގައި މަޝްވަރާ ކޮށްދިނުމަށް ވ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން އެދޭ ވާހަކަ ދެންނެވީމެވެ،" ޓޫރިޒަމް މިނިސްޓަރަށް ފޮނުވި ސިޓީގައިވެ އެވެ.
އަންބަރާއަކީ ވ. އަތޮޅުގައި ކަނޑޫފާ އޮންނަަ މަދު ރަށްތަކުގެ ތެރެއިން ރަށެކެވެ. އަތޮޅު ކައުންސިލުގެ ސިޓީގައި ވެސް ވަނީ ރަށަކީ ތިމާވެށީގެ ގޮތުން ނާޒުކު ރަށެއްކަން ފާހަގަކޮށްފަ އެވެ.
ވ. އަތޮޅުގައި އިތުރު ރިޒޯޓެއް ތަރައްގީކޮށްގެން ވ. އަތޮޅުގެ ރައްޔިތުންނަށް އިތުރަށް ވާނެ ފައިދާއެއް ނެތް: ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ
ނަމަވެސް، އީއައިއޭ ތައްޔާރު ކުރުމުގެ ކުރިން އަންބަރާގެ ކަނޑޫފަލަށް ވެލި އަޅައި އެތަން ނައްތާލަން އެތަން ތަރައްގީ ކުރާ ފަރާތުން މަސައްކަތް ކޮށްފައިވާ ކަމަށް އަތޮޅު ކައުންސިލުން ފޮނުވި ސިޓީގައި ވަނީ ތުހުމަތުކޮށްފަ އެވެ.
"އެތަނުގެ ކަނޑޫފަލަށް ވެލި އަޅައި ހަދާފައިވާ ކަމަށް އެތަނަށް ދާ ކުދިން އެބަ ބުނޭ އަޅުގަނޑުމެން ކައިރީގައި،" ޝިފާގު ވިދާޅުވިި އެވެ.
ނަމަވެސް، މިކަމާ ގުޅިގެން ރަށް ހަވާލުކޮށްފައިވާ ކުންފުނީގެ ބަހެއް ނުލިބެ އެވެ.
ސެޓެލައިޓް އިމޭޖުތަކުން ފެންނަ ގޮތުގައި އަންބަރާގައި މިހާރު ވެސް ކޮންމެވެސް ވަރަކަށް އިމާރާތްތައް އެބަ ހުއްޓެވެ. އެނގިފައިވާ ގޮތުގައި އެއީ ވަރަށް ކުރިން އަޅާފައިވާ ވީރާނާވަމުންދާ އިމާރާތްތަކެކެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ވ. ބޮޑުމޮހޮރާ ދިނުމުން ވެސް އެ އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެވެ. އެއީ ވެސް ޕިކްނިކްތަކާއި އެކްސްކާޝަންތަކަށް ބޭނުން ކުރި ރަށެކެވެ.
ޕިކްނިކް ދިއުމަށް އެ އަތޮޅުން ރަށެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.
ހޯމް ސްޓޭއާ އެކު ވާވުގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް
އަންބަރާގެ ގެއްލުމަށް ވެރިފަރާތް ޒިންމާވާކަށް ނުޖެހޭ
އަންބަރާއަށް ގެއްލުންދޭތީ ކައުންސިލުން ކަންބޮޑުވެއްޖެ
ޓޫރިސްޓުން އަންނަނީ ބަރަހަނާވެގެން އުޅޭކަށްނޫން:މައުސޫމް
ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ފަށައިފި
ހޯމް ސްޓޭ ފަށަން ދިއްގަރު "މޫރިތި"ގެ ތައްޔާރު
ވ. ތިނަދޫ: އާބާދީ އަށް ވުރެ މިހާރު ޓޫރިސްޓުން ގިނަ
މި ރީތި ރަށްތަކުގައި ޓޫރިޒަމް ނެތީ ކީއްވެ؟
މައުސޫމް: ބޭނުން ވަނީ ހިތްވަރު، ފުރުސަތު ނަގައިނުލާ!
ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް އައްޑޫގައި ބާއްވަނީ