Roadha Mihaaru

މި ރީތި ރަށްތަކުގައި ޓޫރިޒަމް ނެތީ ކީއްވެ؟

09 ޑިސެމްބަރ 2021

ލ. އަތޮޅުގައި ވަށައިގެން ފެންނަން މި ހުރީ ރާއްޖޭގެ އެހެން ހިސާބުތަކުން ނުފެންނަ ވަރުގެ ރީތި ރަށްތަކެކެވެ. ގުދުރަތީގޮތުން އެފަދަ ދެ ވަނައެއް ނެތެވެ؛ ދޮންވެލި އަތިރިމައްޗާއި ރީތި ކުޅިތަކާއި ސާފު މޫދެވެ. އެކި ޒާތުގެ ގަސްތަކުން ފުރިފައިވާ ބޯ ޖަންގައްޔެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލ. އަތޮޅުގައި ވަށައިގެން ފެންނަން މި ހުރީ ރާއްޖޭގެ އެހެން ހިސާބުތަކުން ނުފެންނަ ވަރުގެ ރީތި ރަށްތަކެކެވެ. ގުދުރަތީގޮތުން އެފަދަ ދެ ވަނައެއް ނެތެވެ؛ ދޮންވެލި އަތިރިމައްޗާއި ރީތި ކުޅިތަކާއި ސާފު މޫދެވެ. އެކި ޒާތުގެ ގަސްތަކުން ފުރިފައިވާ ބޯ ޖަންގައްޔެވެ.

އެކަމަކު، 17،000 އެއްހާ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް އެއް ރާގެއްގައި ކުރަނީ ހަމަ އެއް ޝަކުވާއެކެވެ. ރާއްޖޭގެ އެހެން ހިސާބުތައް ޓޫރިޒަމުން ދޮންވެ ފައްކާވެގެން ދިޔަޔަސް އެ އަތޮޅުގައި ޓޫރިޒަމް ކުރިއަށް ނުގޮސް، ފިރުކޭ ހިސާބުގައި އޮތުމުގެ ކަންބޮޑުވުންތަކެވެ.

ޓޫރިޒަމް ފަށައި އަތޮޅު މުއްސަނދި ކުރުމުގެ ނަމުގައި ކުރީގެ ސަރުކާރުތަކުން ދިގު މުއްދަތަކަށް އެތައް ރަށެއް ކުއްޔަށް ދީފި އެވެ. އޭގެ ތެރެއިން ބައެއް ރަށްރަށުގައި މަސައްކަތްތައް ފަށައި ވަކި ހިސާބަކުން ހުއްޓިގެން ދިޔައީ އެވެ. ދެން ހުރި ރަށްތަކުގައި އެއްވެސް ކަމެއް ނުކޮށް ހުރީ ވީރާނާ ވާން ދޫކޮށްލައިފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ލ. އަތޮޅުގެ ހަ ރަށެއްގައި ޓޫރިޒަމާ ގުޅޭ ބިޔަ މަޝްރޫއުތަކެއް ފަށަން ފަސް ކުންފުންޏަކާ ހަވާލުކުރި އެވެ. އެއިން އެއްވެސް މަޝްރޫއެއް ނުނިމެ އެވެ.

އެ އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވިދާޅުވީ ލ. އަތޮޅުގައި ޓޫރިޒަމް ކުރިއަރައިގެން ނުދަނީ އެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވިސްނާ ގޮތުން ކަމަށެވެ. އޭގެ ސަބަބުން ރިސޯޓު ތަރައްގީކުރުމަށް ސަރުކާރުން ސަމާލުކަން ދީގެން ކޮށްފައި ހުރި މަސައްކަތްތައް، އެހެން އަތޮޅުތަކާ ބަލާފައި ލ. އަތޮޅުގައި ވަރަށް މަދު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ނަތީޖާއަކީ މީހުން ދިރިއުޅޭ 11 ރަށް އޮތްއިރު އެ ހިސާބުގައި އެންމެ ދެ ރިސޯޓު އޮޕަރޭޓްކުރަމުން ދިއުމެވެ.

ގަމާ ކައިރީގައި އޮންނަ ބަރެސްދޫއަކީ އިންޓަގްރޭޓެޑް ޓޫރިޒަމް ފެށުމަށް ސަރުކާރުގެ ކުންފުންޏަކަށް ކުއްޔަށް ދީފައިވާ ރަށެކެވެ. އެމްއައިޓީޑީސީ އަށް އެ ރަށް ދޫކުރިތާ ހަ އަހަރުވެގެންދާއިރު ކޮންސެޕްޓު ބަދަލުކުރުން ފިޔަވައި އިތުރު މަސައްކަތެއް ކޮށްފައެއްނުވެ އެވެ. އިސްމާއިލް ވެސް ވިދާޅުވީ ބަރެސްދޫ މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް މިހާރު ނެތް ކަމަށެވެ. އެކަމަކު ރައްޔިތުންނަށް އެ ރަށްރަށުން އެއްވެސް ފައިދާއެއް ނުލިބި އެ ތަންތަން ވީރާނާވާން ދޫކޮށްލުމަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

"ލ. އަތޮޅުގެ އެއްވެސް ތަނެއްގައި މި ވަގުތު ޓޫރިޒަމްގެ ނުވަތަ ޓޫރިޒަމް ތަރައްގީކުރުމުގެ އެއްވެސް ކަމެއް ނުހިނގާ. އެއީ އެންމެ ދެރަކަމަކީ."

ލ. ހިތަދޫގެ އަތިރިމަތި.-- ފޮޓޯ: އާސިމާ ނިޒާރު/ މިހާރު

ލ. ހިތަދޫގެ އަތިރިމަތި.-- ފޮޓޯ: އާސިމާ ނިޒާރު/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއެއް ފެށުމަށްފަހު އެ ކަމެއް ހުއްޓިގެން ދަނީ ސަރުކާރުން ދޭ ސަމާލުކަން ކުޑަވުމުންނެވެ. އަދި އެ މަސައްކަތް ހުއްޓިފައި އޮންނައިރު ރަށް ބެލެހެއްޓޭނެ ގޮތެއް ނެތް ކަމަށާއި އެކަމާ ކަންބޮޑުވާ މީހަކު ވެސް ނޫޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭނުން އެކަން ހަމަ މަގަށް އެޅުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން،" އިސްމާއިލް ވިދާޅުވި އެވެ.

ލ. އަތޮޅާ ބެހޭ މައުލޫމާތު

- މުޅި އަތޮޅުގައި ޖުމްލަ 83 ރަށް

- މީހުން ދިރިއުޅެނީ 11 ރަށުގައި

- ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ބިން ބޮޑު ރަށަކީ ލ. ގަން. އެއީ 604 ހެކްޓަރު. އެ އަތޮޅުގައި އެންމެ ކުޑަ ރަށަކީ 22 ހެކްޓަރުގެ މާމެންދޫ.

- ދެ ރިސޯޓު، 121 ކޮޓަރި، 242 އެނދު (ސިކްސް ސެންސަސް ލާމު އަދި ރަހާ ރިސޯޓު)

- ތިން ގެސްޓު ހައުސް، 60 ކޮޓަރި، 132 އެނދު، (ރިވަރީސް ޑައިވިން ވިލެޖު، ނަޒާކީ ރެސިޑެންސަސް އަދި މޯ ގެސްޓުހައުސަސް. މި ތިން ތަން ވެސް ހިންގަނީ ގަމުގައި)

އެންމެ ބޮޑު މައްސަލަ: ދަތުރުފަތުރު

އެ ރަށުގައި ގެސްޓުހައުސް ހިންގާ އަދި ރިސޯޓު ހިންގާ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ކައްދޫ އެއާޕޯޓަށް ދަތުރުކުރުމަށް ޓޫރިސްޓުންގެ އަތުން، ދިވެހިންނަށް ވުރެ ދެ ގުނަ ބޮޑުކޮށް އަގު ނެގުމެވެ. އޭގެ ސަބަބުން ބައެއް ބުކިންތައް ކެންސަލްވެފައި ވެސް އެބަހުރި ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.

"ވައިގެ މަގުން ދަތުރުކުރާ ޓިކެޓު އަގުހެޔޮ ކުރެވެނިކޮށް ވެސް ވަރަށް ބޮޑަށް ބެލެވޭ ލ. އަތޮޅު [ޓޫރިޒަމްގައި] ކުރިއަރައިގެން ދާނެ ކަމަށް. ލ. އަތޮޅުގައި ރަށްތަކަށް މި ހުރި ކަންތަކާއި، މިހާރު މި ރަށުގައި ހުރި ހާއްސަ ސިފަތަކާއި ތަންތަން އިސްތިހާރުކުރެވެނިކޮށް ވެސް ވަރަށް ބޮޑަށް ކުރިއަރައިގެން ހިނގައިދާނެ،" އިސްމާއިލް ވިދާޅުވި އެވެ.

ލ.ގަން، ހައްތެޅި.-- ފޮޓޯ: އޮބޮފިލި

ލ.ގަން، ހައްތެޅި.-- ފޮޓޯ: އޮބޮފިލި

"ލ. އަތޮޅުގައި ވަރަށް ގިނަ ފުރުސަތުތައް އެބަހުރި އަޅުގަނޑުމެންްނަށް މިކަން ރަނގަޅަށް މެނޭޖުކުރެވިއްޔާ. މި ފުރުސަތުތައް ބޭނުންކުރެވޭނީ ވެސް މި ޗެލެންޖަސްތައް، ހާއްސަކޮށް ދަތުރުކުރުމުގައި ފަސޭހަ ގޮތްތަކެއް ވެގެން. އެކަމަށް ކަންތައްތައް ކުރަންޖެހޭ."

ދަތުރުކުރުމުގައި ހެޔޮ ބަދަލުތަކެއް ގެނެސްފިނަމަ އެންމެ ބާރު ސްޕީޑުގައި ޓޫރިޒަމް ކުރިއަރައިގެންދާ ހިސާބަށް ލ. އަތޮޅު ވެގެންދާނެ ކަމުގެ ޔަގީންކަން އަތޮޅު ކައުންސިލުން ދެ އެވެ. އެކަމަކު ގެސްޓުންނަށް އަގުބޮޑުކޮށް ޓިކެޓު ދޫކުރަނީ، ޓޫރިޒަމް ކުރިއެރުވުމުގެ ހުރަހެއްގެ ގޮތުގައި އިސްމާއިލް ސިފަކުރެއްވި އެވެ.

"މި ދޭތެރެއިން އަޅުގަނޑު ދަންނަ މީހެއް، މި އަތޮޅަށް އަންނަން ބުކިން ހަދާފައި ދެން ޓިކެޓު ގަންނަން ބެލިއިރު އެ ހިސާބުން ރާއްޖެ އަންނަން ދާ ހަރަދު އެބަ ނަގާ ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓުން މި ތާނގެ ޑޮމެސްޓިކް އެއާޕޯޓަށް ދާން. އެ މީހުންނަށް ރިޕީޓުކޮށް އެ ހަރަދު ކުރެވޭ ކަހަލަ ގޮތަކަށް ނޫން ކަަންތައްތައް ދިމާވަނީ،" އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ ދަތުރުކުރުމުގައި މިހާރު ހުރި ދަތިތަކުން ލ. އަތޮޅުގައި ޓޫރިޒަމް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ. އެ ދާއިރާ ފުޅާކުރުމަށް ކުރަންޖެހޭ ފުރަތަމަ، އޭނާ ވިދާޅުވިގޮތުގައި، ވައިގެ މަގުން ކުރާ ދަތުރުގެ އަގު ހެޔޮކުރުމެވެ. އެއާއެކު ސްޕީޑު ލޯންޗުގެ ޝެޑިއުލް ދަތުރުތައް ފެށުމަކީ ހޯމް ސްޓޭއާއެކު ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށް އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ބޭނުން އެކަން ހަމަ މަގަށް އެޅުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން."

ރަހާ ރިސޯޓު.-- ފޮޓޯ: ރަހާ ރިސޯޓު

ރަހާ ރިސޯޓު.-- ފޮޓޯ: ރަހާ ރިސޯޓު

ގަމުގައި ގެސްޓްހައުސްއަކާއި ކުޑަފަރެސްގައި ރަހާގެ ނަމުގައި ރިސޯޓެއް ހިންގަވަމުން އަންނަ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ ހުރިހާ ގޮތަކުން ފުރިހަމަ ނަމަވެސް ލ. އަތޮޅުގެ ޓޫރިޒަމް އޮތީ ވަރަށް ދެރަ ހާލަތެއްގައި ކަމަށެވެ. އެކަމަކު ޓޫރިޒަމްގެ އުޖާލާ މުސްތަގުބަލެއް ރީކޯއަށް ފެނިވަޑައިގަންނަވަ އެވެ.

"ލ. އަތޮޅަކީ ގެސްޓުހައުސް އެޅިއަސް އެންމެ ރީތި ބީޗް ގަމުގައި އޮންނާނެ. ލާމުގެ ހުރިހާ ރަށެއް ވެސް ރީތިވާނެ. އެންމެ މަޝްހޫރުކޮށް މި އޮތީ މާފުށީ. އެތަންތަނަށްވުރެ މާ ބޮޑަށް ޖަންގަލި އެބައޮތް. ކުޅި އެބަހުރި ހަވިއްތަ އެބަހުރި. މީހުން ބަލަންއުޅޭ ތަންތަން އެބަހުރި ބައިވަރު. ލާމަށް އަންނާކަށް ބަލާނެ ކަމެއް ނެތް. ލާމުގައި އިންވެސްޓުކުރާކަށް ވެސް އަޅުގަނޑު ބިރެއް ނުގަނޭ. އަޅުގަނޑަށް ވީއެއްޗެއް ލާމުގައި އިންވެސްޓުކޮށްގެން މި ހުރީ،" ރަހާ ރިސޯޓުގައި ހުންނަވައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި މޫސަ ވިދާޅުވި އެވެ.

ލ. އަތޮޅުގައި ހުއްޓިފައި ހުރި ޓޫރިޒަމްގެ މަޝްރޫއުތައް.

ލ. އަތޮޅުގައި ހުއްޓިފައި ހުރި ޓޫރިޒަމްގެ މަޝްރޫއުތައް.

އިހުޒަމާނުގައި ދިވެހިން ބޭނުންކުރި ރިޔަލު ދޯނީގެ ޑިޒައިންތައް ފެންނާނެ ގޮތަށް އެ ރިސޯޓު ހަދާފައިވަނީ މޫދު ކޮޓަރިތައް ނުލަ އެވެ. އޭގެ ބޭނުމަކީ ވެސް އަގުހެޔޮކޮށް ޓޫރިޒަމް ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ މިހާރު އެންމެ ބޮޑު ގޮންޖެހުމެއް ދިމާވަނީ މަތިންދާބޯޓުގައި މީހުން އެ ހިސާބަށް ގެންދިއުމަށެވެ. އަށާރަ ގަޑިއިރުގެ ދަތުރަކަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑުކޮށްގެން ތިބެ، ކައްދުއަށް ދިއުމަށް ވަރަށް ގިނަ ވަގުތު ނަގާ ކަމަށާއި އެ ޝަކުވާތައް ކުޑަވެއްޖެނަމަ އެ ސަރަހައްދުގެ ޓޫރިޒަމް ހިންގޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ.

ކަނޑުގަދަ ދުވަސްދުވަހު އެއާޕޯޓު އޮންނަ ކައްދޫގެ ތޮށިގަނޑާ ކައިރިނުކުރެވޭ ކަމުގެ ޝަކުވާތައް ވެސް މޫސަ ކުރެއްވި އެވެ.

"އެވަރުވީމަ ތަންކޮޅެއް ބޮޑުވަރު ދެއްތޯ. ރަންވޭ މިހާރު އެ އޮތީ ހަލާކުވެގެން ގޮސް ފުނޑެން ކައިރިވެފައި. މިލިޓަރީ އެއާޕޯޓު. އެތަނަށް ރަނގަޅަށް އެއާކްރާފްޓެއް ޖެއްސެނީއެއް ނޫން ރޭގަނޑެއްގައި ދުވާލެއްގައި ވެސް. އަންނަންޏާ އެހާ ހާލުގައި އަންނަން ޖެހެނީ،" ލ. އަތޮޅުގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލްތަކަށް ބާރުތައް ދީފައި އޮތުމުން އެ ތަންތަނަށް ސަރުކާރު ބަދުނާމުކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. ޓޫރިސްޓުންގެ ޓިކެޓުގެ އަގުބޮޑުވުމުން އެ ވާހަކަ ދައްކަންޖެހޭނީ ޓޫރިޒަމް މިނިސްޓްރީ ނުވަތަ އައިލެންޑު އޭވިއޭޝަނަކުން ނޫން ކަމަށާއި އެއީ މިހާރު ކައުންސިލްތަކުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމްގައި ލ. އަތޮޅު ބޮޑު "ޖަމްޕެއް" ޖަހާނެ

ދަތުރުފަތުރުކުރުމުގައި ބޮޑު ގޮންޖެހުންތަކެއް ހުރި ނަމަވެސް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހުންނެވީ ވަރަށް ވަރުގަދަ އަޒުމެއްގަ އެވެ. ޔޫއެންޑީޕީއާ ގުޅިގެން "ޓޫރިޒަމް ރީ-އިމޭޖިން" މަޝްރޫއު ލޯންޗުކުރުމަށްފަހު މިދިޔަ މަހުގެ ތެރޭގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފައިވެ އެވެ.

ލ. އަތޮޅުގައި ހިންގާ ރަހާ ރިސޯޓުގެ މުވައްޒަފުންނާ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިދިޔަ ހުކުރު ދުވަހު ބައްދަލުކުރައްވަނީ.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ލ. އަތޮޅުގައި ހިންގާ ރަހާ ރިސޯޓުގެ މުވައްޒަފުންނާ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިދިޔަ ހުކުރު ދުވަހު ބައްދަލުކުރައްވަނީ.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

"އަޅުގަނޑުމެންނަށް މިހާތަނަށް ދެވުނު އަތޮޅުތަކުގެ ތެރެއިން ގުދުރަތީ ވަސީލަތްތައް އެންމެ ތަފާތު، އެންމެ ގިނަ އެއް އަތޮޅެއްގެ ގޮތުގައި ހިމެނުނީ އަދި އާސާރީ ތަންތަނާ ތަފާތު ހާދިސާތަކާ ގުޅިފައި ހުރި ވާހަކަތަކާ އަދި ރައްޔިތުންގެ މެހެމާންދާރީ ވެސް ވަރަށް ފުރިހަމައަށް އޮތް އަތޮޅެއް މިއީ،" ގަމުގައި ހުންނަވައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވި އެވެ.

އެ އަތޮޅުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ގިނަ ޒުވާނުންނާއި ހަރަކާތްތެރި އަންހެނުން ތިބުމަކީ ލ. އަތޮޅާ މެދު ކުރައްވާ އުއްމީދުތައް ބޮޑުވެގެންދާ ކަމެވެ.

"ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ލ. އަތޮޅުގެ ފަތުރުވެރިކަން ހަމަ ޖަމްޕެއް ޖަހާނެ. ވަރަށް ބޮޑު ކުރިއެރުމެއް ލ. އަތޮޅުގެ ފަތުރުވެރިކަން ހޯދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމަށް ދޫކޮށްފައި ހުރި ރަށްތައް ނުހެދި ލަސްވަމުން ދިއުމަކީ ވަރަށް ބޮޑު މައްސަލައެއް ކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ. އެހެންވެ، އެކަމަށް ސަރުކާރުން ގެންނަން ނިންމި ހައްލަކީ ތިން އަހަރުގެ ތެރޭގައި ރިސޯޓު ނުހުޅުވައިފިނަމަ އޮޓޮމެޓިކުން ކޮންޓްރެކްޓު ބާތިލްވާ ގޮތެވެ. އެ ރަށްތައް ބަހައްޓާފައި އާ ރަށްތަކެއް ދޭ ކަމަށާއި އެތަންތަން އަވަހަށް ހެދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވި ގޮތުގައި ސަރުކާރުން އެންމެ މުހިއްމު ކަމެއް ދެނީ ރަށަށް ޓޫރިސްޓުން ގެެނައުމަށެވެ. އެ މަންޒަރު ލ. އަތޮޅުގެ ހުރިހާ ރަށަކުން ފެނިވަޑައިގަންނަވާ ކަމަށާއި އެނދުތައް އިތުރުވެ، އިންޓަނޭޝަނަލް ފްލައިޓުތައް އަންނަން ފެށުމުން ލ. އަތޮޅުގެ މުއްސަނދި ކަމަށް ބަލައި އެހެން ވިޔަފާރިތައް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް އުއްމީދީ އަތޮޅެއްގެ ގޮތުގައި އަޅުގަނޑަށް ލ. އަތޮޅު ފެންނަނީ. މޯލްޑިވްސްގެ ޑެސްޓިނޭޝަންގެ ތެރޭގައި ގުނާލެވޭނެ މޮޅު ޑެސްޓިނޭޝަނަކަށް ވާނެ."