Roadha Mihaaru
ހިޔާގައި ތިން މަސް ތެރޭ އަލިފާނުގެ ތިން ހާދިސާ

ކުޑަކުދިންގެ ހިޔާގައި ތިން މަސް ތެރޭ އަލިފާނުގެ ތިން ހާދިސާ

29 ޖުލައި 2021

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މިއީ މިދިޔަ ތިން މަހެއްހާ ދުވަސް ތެރޭ ހިނގި މިފަދަ ތިން ވަނަ ހާދިސާ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މިއީ މިދިޔަ ތިން މަހެއްހާ ދުވަސް ތެރޭ ހިނގި މިފަދަ ތިން ވަނަ ހާދިސާ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން ބެލެހެއްޓުމަށް ހާއްސަ މި މަރުކަޒުގެ ހަތަރު ވަނަ ފްލޯގައި ހުރި ކޮޓަރިއެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 6:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ މައުލޫމާތު ލިބުމާ އެކު ވިލިމާލޭ ފަޔާ ސްޓޭޝަންގެ ސިފައިން ގޮސް 6:10 ހާއިރު އަލިފާންގަނޑު ކޮންޓްރޯލްކޮށް، 7:20 ހާއިރު އެއްކޮށް ނިއްވާލި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. ނަމަވެސް، ހާދިސާ ހިނގި ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.

ފުލުހުން ވެސް މިހާރު ގެންދަނީ މި އަލިފާނުގެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެތަނުގެ ޓެރަހުުގައި ހުރި ގުދަނެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ. އަދި މެއި ހަތަރު ވަނަ ދުވަހު ވެސް ކޮޓަރިއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއްވި އެވެ.

މެއި ހަތަރު ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ އަކީ އެތަނުގެ ދެ ކުއްޖެއްގެ ދެމެދުގައި މައްސަލައެއް ޖެހިގެން އެއް ކުއްޖަކު ގަސްތުގައި ކޮޓަރިއެއްގައި ރޯކޮށްލުމުން ހިނގި ހާދިސާއެއް ކަމަށް މީގެ ކުރިން ވަނީ ތުހުމަތު ކުރެވިފަ އެވެ.

ކުޑަކުދިންގެ ރައްކާތެރިކަމަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ވަނީ މިފަދަ ހާދިސާތައް އިތުރުވާނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.