Roadha Mihaaru
އޭއެފްސީ ކަޕަށް ދަގަނޑޭ އީގަލްސްއާ ގުޅިއްޖެ

އޭއެފްސީ ކަޕަށް ދަގަނޑޭ އީގަލްސްއާ ގުޅިއްޖެ

27 ޖުލައި 2021

އޭއެފްސީ ކަޕުގެ ޕްލޭއޮފް ވާދަކުރާ، ކްލަބު އީގަލްސްއާ، އަލީ އަޝްފާގް (ދަގަނޑޭ) ގުޅިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭއެފްސީ ކަޕުގެ ޕްލޭއޮފް ވާދަކުރާ، ކްލަބު އީގަލްސްއާ، އަލީ އަޝްފާގް (ދަގަނޑޭ) ގުޅިއްޖެ އެވެ.

ދަގަނޑޭ މިހާރު ވަނީ، އެ ކްލަބުގެ ޕްރެކްޓިހަށް ނުކުންނަން ފަށައިފަ އެވެ. އީގަލްސް އަކީ ދަގަނޑޭގެ ކެރިއާގައި އޭނާ ކުޅޭ ނުވަ ވަނަ ކްލަބެވެ.

އޭއެފްސީ ކަޕުގެ ތާރީހުގައި އެންމެ މޮޅު ލަނޑު ޖަހާފައިވާ ދަގަނޑޭ އަކީ ރާއްޖޭގެ އޭއެފްސީ ކަޕް ލެވަލްގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ. އަދި އެ މުބާރާތުގެ ލަނޑު ލިސްޓުގެ ކުރީ ސަފުގައި ވެސް ދަގަނޑޭގެ ނަން ހިމެނެ އެވެ.

އޯގަސްޓް 15 ގައި، އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް މާލޭގައި އީގަލްސް ކުޅޭ މެޗަށް، ޓީމު ވަރުގަދަ ކުރުމުގެ ގޮތުން، އެ ކްލަބުން ވަނީ ކުރިން ވެސް އެ ކްލަބަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) ގެނެސްފަ އެވެ. މިދިޔަ ސީޒަންގައި ވެލެންސިއާގެ އެޓޭކްތަކުގައި ދަގަނޑޭ އާއި ސެންޓޭގެ ކޮމްބިނޭޝަން ވަރަށް ރަނގަޅަށް ފެނުނެވެ.

އީގަލްސްއިން ސޮއި ކުރުވި އަނެއް ދެ ކުޅުންތެރިންނަކީ، މިދިޔަ ސީޒަންގައި ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) އަދި އިސްމާއީލް އީސާ (މެސީ) އެވެ. ބަކާ އާއި އީސަ ވެސް ކުރިން ވަނީ އީގަލްސް އަށް ކުޅެފަ އެވެ.

ޕްރެޒިޑެންޓް ކަޕުގެ ފައިނަލުގައި 2013 ގައި ކުޅުނު އީގަލްސްގެ އޭރުގެ ކެޕްޓަނަކީ އީސަ އެވެ. އެ އަހަރު އެ ކްލަބުގައި އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ.

ޒުވާން ކުޅުންތެރިން ގިނަ އީގަލްސް އަށް ތަޖުރިބާކާރު މި ހަތަރު ކުޅުންތެރިން އިތުރުވުމުން އެ ޓީމު އިތުރަށް ވަރުގަދަ ވާނެ އެވެ.

އީގަލްސްގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ، އީގަލްސް އަކީ އަބަދުވެސް ވަރުގަދަ ޓީމެއް ކަމަށާއި ކްލަބުގެ މެނޭޖުމެންޓުން މަސައްކަތް ކުރީ ވަރުގަދަ ސްކޮޑެއް ބިނާ ކުރަން ކަމަށެވެ.

"ބެންގަލޫރާ ދެކޮޅަށް ކުޅެން މިއޮތް މެޗަކީ ހަމައެކަނި އީގަލްސްގެ މެޗެއްގެ ގޮތުގައެއް ނޫން މެނޭޖުމެންޓުން ދެކެނީކީ. މިއީ ރާއްޖޭގެ ފުޓްބޯޅައާ ގުޅިފައި އޮތް މެޗެއް،" ޝާޒް ބުންޏެވެ. "އެހެންވީމަ ނެރެވެން އޮތް އެންމެ ވަރުގަދަ ސްކޮޑެއް ނެރެގެން މެޗު ކާމިޔާބު ކުރުން ވިސްނުމަކީ. އަނެއްކާ ބެންގަލޫރަކީ ވެސް ތަޖުރިބާކާރު މޮޅު ޓީމެއް."

އޭއެފްސީ ކަޕު ޕްލޭއޮފް އަށް އީގަލްސް ދަތުރުކުރީ، ޕްރިލިމިނަރީ މަރުހަލާގެ ފުރަތަމަ ބުރުގައި މިދިޔަ އޭޕްރީލް މަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އާދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގައި އީގަލްސް ވާދަކުރަން ހަމަޖެހިފައި އޮތީ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އެ ޓީމަށް ދަތުރު ކުރުމުގެ ހުއްދަ ނުލިބި އަދި އަމިއްލަ ގައުމުގައި މެޗު ކުޅުމުގެ ހުއްދަ ވެސް ނުލިބި ބަންގްލަދޭޝްގައި ތާށިވުމުން އޭއެފްސީ ނިންމީ އަބަހާނީ މުބާރާތުން ވަކި ވެފައިވާ ކަމަށެވެ. އެގޮތަށް ނިންމައި އީގަލްސް ޕްލޭއޮފް ބުރަށް ޕްރޮމޯޓުކުރި އެވެ.

މިދިޔަ އަހަރު އޭއެފްސީ ކަޕު ކޮލިފިކޭޝަންގައި ރާއްޖޭގެ މާޒިޔާ އަތުން ބަލިވެ ގުރޫޕް ސުޓޭޖުން ޖާގަ ނުލިބުނު ބެންގަލޫރު މި އަހަރު ކޮލިފިކޭޝަން ފެށީ ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުންނެވެ. އެ ބުރުގައި ނޭޕާލްގެ އާމީ ކްލަބު ބަލިކޮށް ޕްލޭއޮފް ބުރުން ބަންގަލޫރު ޖާގަ ހޯދި އެވެ. އެ ޓީމުން ވަނީ 2016 ވަނަ އަހަރު އޭއެފްސީ ކަޕުގެ ފައިނަލުގައި ކުޅެފަ އެވެ.

ރާއްޖޭގައި ކުޅޭ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖުން މިހާރު ވެސް ޖާގަ ހޯދާފައި ވަނީ، ރާއްޖޭގެ މާޒިޔާ، ބަންގްލަދޭޝްގެ ބޮށުންދަރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. ގުރޫޕުގެ ފަހު ޖާގަ ލިބޭނީ ބެންގަލޫރާއި އީގަލްސް ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. ގުރޫޕް ސްޓޭޖު މެޗުތައް އޮންނާނީ އޮގަސްޓް 18-24 އަށެވެ.