Roadha Mihaaru
ދުވެލި އެންމެ ބާރު ރޭލު ޗައިނާގައި

ދުވެލި އެންމެ ބާރު ރޭލު ޗައިނާގައި

23 ޖުލައި 2021

މިހާތަނަށް އުފެއްދި ދުވެލި އެންމެ ބާރު ރޭލު ޗައިނާގައި އަންގާރަ ދުވަހު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާތަނަށް އުފެއްދި ދުވެލި އެންމެ ބާރު ރޭލު ޗައިނާގައި އަންގާރަ ދުވަހު ދައްކާލައިފި އެވެ.

ޗައިނާގެ ގިންޑާއޯ ސިޓީގައި ތައާރަފުކުރި ރޭލަކީ ގަޑިއަކު 600 ކިލޯމީޓަރު (373 މޭލު) ގެ ރާސްތާއަކަށް ދަތުރުކުރާ އެއްޗެކެވެ.

މި މެގްލެވް ބްލެޓް ޓްރެއިން ނުވަތަ "މެގްނެޓިކް ލެވިޓޭޝަން" އަކީ ޗައިނާގެ ސަރުކާރުގެ ކުންފުނި ޗައިނާ ރެއިލްވޭ ރޯލިން ސްޓޮކް ކޯޕަރޭޝަން (ސީއާރްސީސީ) ގެ އުފެއްދުމެކެވެ. އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އަދި ޗީފް އިންޖިނިއަރު ލިއަންގް ޖިއަނީން ވިދާޅުވީ ދުވެލި ހަލުވި ރޭލަކީ ނޮއިސް ޕޮލިއުޝަން ހައްލުކޮށްދިނުމުގެ އިތުރުން ހައި ސްޕީޑް އެހެން ރޭލުތަކާ ހިލާފަށް މަރާމާތުކޮށް ބަލަހައްޓަން ވެސް ވަރަށް ހަރަދު ކުޑަ އެއްޗެއް ކަމަށެވެ.

ޗައިނާ އިން ފުރަތަމަ މެގްލެވް ބްލެޓް ޓްރެއިންގެ ޕްރޮޓޯޓައިޕް ދައްކައިލީ 2019 ގަ އެވެ. އޭރު ބުނެފައި ވަނީ އަމާޒަކީ ހުރިހާ މެޓްރޮޕޮލިޓަން ސަރަހައްދުތައް ތިން ގަޑިއިރުގެ ރޭލު ދަތުރަކުން ގުޅައިލުން ކަމަށެވެ.

ޗައިނާ އަކީ ދުވެލި ބާރު ރޭލުތަކަށް ވަރަށް ބޮޑަށް އިސްކަންދޭ ގައުމެކެވެ. އެ ގައުމުގައި ރޭލު ދަތުރުގެ އެވްރެޖް ސްޕީޑް އާންމުކޮށް އުޅެނީ ގަޑިއަކު 350 ކިލޯމީޓަރުގަ އެވެ. އެކަމަކު ވައިގެ މަގުން ނަމަ އެވްރެޖް ސްޕީޑަކީ ގަޑިއަކު 800-900 ކިލޯމީޓަރެވެ.

ޗައިނާ އިން މިހާރު ވެސް ނަނީ މެގްލެވް ބްލެޓް ޓްރޭން ކަހަލަ އިތުރު ރޭލު ނެޓްވޯކް ގާއިމުކުރުމުގެ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ޝަންހާއީ އާއި ހަންގްޒޫ އަދި ޗެންޑޫ އާއި ޗޮންގިން ގުޅުވައިދޭ ނެޓްވޯކް ހިމެނެ އެވެ.