Roadha Mihaaru

ހޮޓަލަކަށް ބުކިން ހަދައިގެން ކަމަށް ބުނެ އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 248 މީހަކު ފޮނުވާލައިފި

ހޮޓަލެއްގައި ބުކިން ހަދާފައިވާ ކަމަށް ދައްކައިގެން ރާއްޖެ އެތެރެވާން އުޅުނު 248 މީހަކު އިއްޔެ އަނބުރާ ފޮނުވާލި ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.

ފޭކް ބުކިންގައި 248 މީހަކު ރާއްޖެ އެތެރެވާން އުޅެފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

16 ޖުލައި 2021

ހޮޓަލެއްގައި ބުކިން ހަދާފައިވާ ކަމަށް ދައްކައިގެން ރާއްޖެ އެތެރެވާން އުޅުނު 248 މީހަކު އިއްޔެ އަނބުރާ ފޮނުވާލި ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.

ކޮންޓްރޯލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެއަކީ މިގޮތަށް ފޭކް ބުކިން ހަދައިގެން ރާއްޖެއަށް އެތެރެވާން އުޅުނު ގިނަ ބަޔަކު ފޮނުވާލަން ޖެހުނު ދުވަހެއް ކަމަށެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމުން ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އިއްޔެ އަކީ ދެކުނު އޭޝިއާ އިން ރާއްޖެއަށް ޓޫރިސްޓުން އައުމަށް ހުޅުވާލި ދުވަހެ އެވެ. ރާއްޖެއަށް ދެކުނު އޭޝިއާއިން އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. އަނބުރާ ގައުމަށް ފޮނުވާލީ ކޮން ގައުމެއްގެ މީހުންނެއް ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.

އިމިގްރޭޝަންގެ އާ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް އަންނަ ހުރިހާ ޓޫރިސްޓުން ވެސް ކުރިއާލައި ހޮޓެލް ބުކްކުރަން ޖެހޭނެ އެވެ. އަދި އަންނަ ހުރިހާ ޓޫރިސްޓުން ވެސް ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަންޖެހޭނެ އެވެ.

ހަނަފީ ވިދާޅުވީ ކޮވިޑްގެ ސަބަބުން އިމިގްރޭޝަންގެ އުސޫލުތަކަށް އަންނަ ބަދަލުތައް ހުރިހާ ދަތުރުވެރިން ފުރިހަމައަށް ބެލުމަށް އެދޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ފެތުރެން ފެށުމުން މިދިޔަ އަހަރުގެ މާޗް މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު ބޯޑަރު ހުޅުވީ މިދިޔަ އަހަރުގެ ޖުލައި 15 ގަ އެވެ. އިއްޔެ އަކީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިތާ އެއް އަހަރުވީ ދުވަހެވެ.