Roadha Mihaaru
މެދުއިރުމަތީގައި އަނެއްކާ ކޮވިޑްގެ ނުރައްކާ ބޮޑުވަނީ

މެދުއިރުމަތީގައި އަނެއްކާވެސް ކޮވިޑުގެ ނުރައްކާ ބޮޑުވަނީ

15 ޖުލައި 2021

މެދުއިރުމަތީގައި ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު، އަށް ހަފުތާ ވަންދެން ދަށަށް ދިޔުމަށް ފަހު، ބައެއް ގައުމުތަކުގައި އަނެއްކާވެސް އެ އަދަދުތައް މައްޗަށް ދާން ފަށައިފި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއްޔެ ބުނެފި އެވެ.

މެދުއިރުމަތީގައި ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު، އަށް ހަފުތާ ވަންދެން ދަށަށް ދިޔުމަށް ފަހު، ބައެއް ގައުމުތަކުގައި އަނެއްކާވެސް އެ އަދަދުތައް މައްޗަށް ދާން ފަށައިފި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއްޔެ ބުނެފި އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ކޮވިޑް-19ގެ ވަބާ އަނެއްކާ ފެތުރެން ފެށީ، ކޮވިޑް ޖައްސާ ވައިރަހުގެ ޑެލްޓާ ބާވަތުގެ ވައިރަސް ފެތުރެން ފެށުމާ ގުޅިގެންނެވެ. މެދުއިރުމަތީގައި ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަސް މިހާރު އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ، އެ ސަރަހައްދުގައި ކޮވިޑް ވެކްސިން ޖެހުމުގެ ކަންތައް މަޑުޖެހިފައި ހުރި ގައުމުތަކުގަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނާ ގޮތުގައި މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަސް މިހާރު އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ، ލީބިޔާ، އީރާން، އިރާގު އަދި ތޫނިސްގަ އެވެ. އޭގެ އިތުރު ލެބަނަން އާއި މޮރޮކޯގައި އާދަޔާ ހިލާފު ބާރުމިނެއްގައި ކޮވިޑް ފެތުރެމުން އަންނަ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.

އަންނަ ހަފުތާގައި މުސްލިމުންގެ ބޮޑު އީދު ފާހަގަކުރުން ހުރިހާ އިސްލާމީ ގައުމުތަކެއްގައި އޮންނަ އިރު، އީދު ފާހަގަކުރުމުގެ ތެރޭގައި ގިނަ ބަޔަކު އެއްތަންވެ އުޅުމުގެ ފުރުސަތު އޮތުމުން، ވެކްސިން ޕްރޮގްރާމް ރަނގަޅަށް ކުރިއަށް ނުދާ ގައުމުތަކުގައި އަނެއްކާވެސް ކޮވިޑްގެ އިތުރު ރާޅެއް ފެތުރިގެން ދިޔުމުގެ ފުރުސަތު އެބަ އޮތެވެ.

މެދުއިރުމަތީގެ ބައެއް ގައުމުތަކަކީ، ލިޔަންކިޔަން ދަންނަ ނިސްބަތް ދަށް ގައުމުތަކަށް ވުމުން ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުންނާއި، ބައެއް ގައުމުތައް ހަނގުރާމައިގެ ތެރޭގަޔާއި ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި އޮތުމުން، ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ޒަރޫރީ ފިޔަވަޅުތައް އެޅުމަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. އެހެންކަމުން އީދުގެ އެއްވުންތަކުގައި އެކަމަށް ސަމާލުކަން ނުދީފި ނަމަ، އެފަދަ ގައުމުތަކުގައި އަނެއްކާ ވެސް ހަލުވިކަމާ އެކު ކޮވިޑް ފެތުރިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިންޒާރު ކުރެ އެވެ.

އެ ޖަމިއްޔާ އިން ބުނާ ގޮތުގައި، މުޅި އެފްރިކާ އާއި ހުޅަނގު އެފްރިކާ ސަރަހައްދުގައި ވެސް، އާބާދީގެ ނިސްބަތުން ބަލާއިރު، ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު، މިހާރު އެންމެ މަތީ މޮރޮކޯގަ އެވެ. އޭގެ އިތުރުން ޖޫން މަހުގެ ތެރޭގައި އީރާނުގައި ދުވާލަކު ކޮވިޑަށް ޕޮޒިޓިވް ރޭޓާ އަޅައި ބަލާއިރު، ޖުލައި މަހުގެ ފުރަތަމަ ހަފުތާ އިން ފެށިގެން އެ އަދަދު ވަނީ ދެ ގުނަ އިތުރުވެފަ އެވެ.