Roadha Mihaaru
އިންޑިއާއިން ގަނެދިން ހަތަރު ވެހިކަލް ހަވާލުކޮށްފި

އިންޑިއާ އިން ގަނެދިން ހަތަރު ވެހިކަލް ކަރެކްޝަންސްއާ ހަވާލުކޮށްފި

14 ޖުލައި 2021

އިންޑިއާ ސަރުކާރުގެ އެހީގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ހޯދާފައިވާ ވެހިކަލްތަކެއް އެ އިދާރާއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންޑިއާ ސަރުކާރުގެ އެހީގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ހޯދާފައިވާ ވެހިކަލްތަކެއް އެ އިދާރާއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޖަލުތައް ބަލަހައްޓާ އިދާރާ އަށް ބޭނުންވާ އުޅަނދުފަހަރު ހޯދަން އިންޑިއާ އިން އަށް މިލިޔަން ރުފިޔާގެ އެހީއެއް ހަމަޖައްސާފައިވާ ކަމަށާއި އެ ފައިސާ އިން މިހާތަނަށް ތިން ވޭނާއި ކާރެެއް ގަނެފައިވާ ކަަމަށެވެ.

އިންޑިއާ އިން ކަރެކްޝަނަލް ސާވިސް އަށް ދިން ފައިސާ އިން ސްޕީޑް ބޯޓެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. ވެހިކަލްތައް ހޯދަން އިންޑިއާ އިން އެހީވީ ކަރެކްޝަަނަލް ސާވިސްގެ މަސަައްކަތްތައް ފުރިހަމަ ގޮތުގައި ކުރުމާއި ދަތުރުކުރުމުގައި ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ކަަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އިންޑިއާގެ އެހީގެ ފައިސާ އިން ހޯދާނީ އެންމެ ސްޕީޑް ބޯޓު ކަމަށް ފޮރިން މިނިސްޓްރީން ބުންޏަސް އިންޑިއާ ހަ އިކޮމިޝަނުން ބުނީ ދެ ސްޕީޑް ބޯޓު ހަދިޔާ ކުރާނެ ކަމަށެވެެ.

ކަރެކްޝަނަލް ސާވިސް އަށް އެއްގަމާއި ކަނޑުއުޅަނދު ގަތުމަށް ހަރަދުކުރީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ އަށް އެހީވާން އިންޑިއާ އިން ކަނޑައަޅާފައިވާ 200 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ކަމަށް ވެސް ހައި ކޮމިޝަނުން މިއަދު ބުންޏެވެ.

އިންޑިއާގެ ހިލޭ އެހީ އިން ރާއްޖޭގައި ކުދި އަދި މެދުފަންތީގެ 30 މަޝްރޫއު މިހާރު ވެސް ހިންގަމުން އަންނަ ކަމަށާއި އެ އެހީގެ ބޭނުމަކީ އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖެ ކުރިއެރުވުން ކަމަށް ވެސް އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

ވެހިކަލްތައް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށް ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރި އަބްދުﷲ ޝާހިދާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރާއި ކަމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ބައިވެރިވެވަޑައިގަތެވެ.