Roadha Mihaaru
އައިފޯން 12 އަށް މެގްސޭފް ބެޓެރިއެއް ނެރެފި

އައިފޯން 12 އަށް މެގްސޭފް ބެޓެރިއެއް ނެރެފި

15 ޖުލައި 2021

އައިފޯން 12 ނެރުމާ އެކު އެންމެ މައްސަލަ ބޮޑުވި ކަމަކީ ފޯނާ އެކު ޗާޖަރެއް ނެތުމެވެ. މި މައްސަލާގައި އެޕަލް އަށް ކުރިމަތިވި ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައިފޯން 12 ނެރުމާ އެކު އެންމެ މައްސަލަ ބޮޑުވި ކަމަކީ ފޯނާ އެކު ޗާޖަރެއް ނެތުމެވެ. މި މައްސަލާގައި އެޕަލް އަށް ކުރިމަތިވި ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވި އެވެ.

އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި ޗާޖަރު ހިމަނާފައި ނުވާތީ އެއީ ކަސްޓަމަރުންގެ ހައްގަކަށް އަރައިގަތުން ކަމަށް ބުނެ ބްރެޒިލުން ފާޅުކުރި ކަންބޮޑުވުންތަކަށް ފަހު ދެ މިލިއަން ޑޮލަރުން އެޕަލް ޖޫރިމަނާ ވެސް ކުރި އެވެ.

ޝަކުވާ ބޮޑުވި މި މައްސަލަ އަށް އެޕަލްގެ ޖަވާބަކީ އައިފޯން 12 ސީރީޒްގެ ފޯންތަކަށް ހާއްސަކޮށްގެން ނެރުނު މެގްނެޓިކް މެގްސޭފް ބެޓެރި ޕެކެވެ. އަގަކީ 99 ޑޮލަރު (1,526ރ.) އެވެ. މިއީ ފޯނުގެ ނުފުށުގައި ތަތްކޮށްލައިގެން ފޯނު ޗާޖްކޮށްލެވޭނެ އެއްޗެކެވެ. އައިފޯން 12 ސީރީޒްގެ ހުރިހާ ފޯނަކަށް ވެސް މި ބޭނުން ކުރެވޭނެ އެވެ.

މެގްސޭފް ބެޓެރި ޕެކް އެޕަލްގެ ވެބްސައިޓް މެދުވެރިކޮށް ގަނެވޭނެ އެވެ.

އެޕަލް އިން އައިފޯން 12 ނެރުނީ މިދިޔަ އަހަރު އެވެ. އެ ސީރީޒްގައި ހިމެނެނީ އައިފޯން 12، އައިފޯން 12 މިނީ، އައިފޯން 12 ޕްރޯ އަދި އައިފޯން 12 ޕްރޯ މެކްސް އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެޕަލް އިން އައިފޯން 13 ލޯންޗްކުރާނެ އެވެ.