Roadha Mihaaru
ޗުއްޓީއާ އެކު ކޮވިޑަށް ޓެސްޓް ކުރާ އަދަދު ރެކޯޑަކަށް!

ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދު އިތުރުވެ، ރެކޯޑަކަށް!

11 ޖުލައި 2021

ވެކްސިން ފުރިހަމަ ކުރުމަށް ފަހު، ކަރަންޓީނު ނުވެ ރަށްރަށް ދަތުކުރަން އެޗްޕީއޭ އިން ހުއްދަ ދިނުމާ އެކު ކޮންމެ ދުވަހަކު ކޮވިޑަށް ޓެސްޓްކުރާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވެކްސިން ފުރިހަމަ ކުރުމަށް ފަހު، ކަރަންޓީނު ނުވެ ރަށްރަށް ދަތުކުރަން އެޗްޕީއޭ އިން ހުއްދަ ދިނުމާ އެކު ކޮންމެ ދުވަހަކު ކޮވިޑަށް ޓެސްޓްކުރާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފަށައިފި އެވެ.

އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ފާއިތުވި ހަފުތާއެއްހާ ދުވަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4،000 މީހުން ޓެސްޓްކޮށްފައިވެ އެވެ. އެކަމަކު ހަމައެކަނި އިއްޔެ ޓެސްޓުކުރި މީހުންގެ އަދަދު ވަނީ އޭގެ ދެ ގުނަ އިތުރުވެފަ އެވެ.

އިއްޔެ ކޮވިޑަށް ޓެސްޓުކުރީ ޖުމްލަ 7،012 މީހުންނެވެ. އޭގެ ތެރެއިން މާލެއިން ޕޮޒިޓީވްވެފައި ވަނީ 23 މީހެކެވެ.

ޓެސްޓުކުރާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފަށާފައިވާ ކަމަށް ބެލެވެނީ ކަރަންޓީންނުވެ ދަތުރުކުރަން ހުއްދަދިނުމާއި ސްކޫލް ބޮޑު ޗުއްޓީ ފެށިފައިވުމުގެ އިތުރުން އީދު ޗުއްޓީ ވެސް ކުރިއަށް އޮތުމުން ރަށްރަށަށް ދާ މީހުން ގިނަވެފައި ވާތީ އެވެ.

ވެކްސިން ފުރިހަމަކުރި މީހުންނަށް ސަރުކާރުން ދިން ލުއިގެ ދަށުން، އެ މީހުން ވެކްސިން ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ ނަމަ، ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު މޮނިޓަރިންގައި ނެތް ރަށްތަކަށް ދަތުރުކުރެވޭނެ އެވެ.

ވެކްސިން ފުރިހަމަކުރި ނަމަވެސް އެ މީހުންނަށް ކަރަންޓީނު ނުވެ، ދަތުރުކުރެވޭނީ އެ މީހަކު ހުރި ރަށެއްގެ ޕޮޒިޓިވިޓީ ރޭޓް ފަހަކުން ދަށް ނަމަ އެވެ. މި ވަގުތު މާލޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ފަހަކުން ދަށުގައި ކަމުން، މާލޭގައި އުޅޭ މީހުންނަށް ކަރަންޓީނު ނުވެ، މޮނިޓަރިންގައި ނެތް ރަށްރަށަށް ދެވޭނެ އެވެ.

އެންމެފަހުގެ މައުލޫމާތުން އެނގޭ ގޮތުގައި 27 ރަށެއް އޮތީ މޮނީޓަރިންގަ އެވެ. އެ ރަށްރަކަށް ދެވޭނީ ކަރަންޓީނުވާ ގޮތަށެވެ.

ޕޮޒިޓިވިޓި ރޭޓް ފަހަކުން މައްޗަށް ހިނގައްޖެ ނަމަ، ހަތް ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭނެ އެވެ. އަދި އެ ރޭޓް 10 އިން މައްޗަށް ހިނގައްޖެ ނަމަ، މި ވަގުތު ފުރިހަމަކުރަމުންދާ ގޮތަށް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހެ އެވެ.

މިދިޔަ ހަފުތާގައި މުޅި ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޕޮޒިޓިވިޓީ ރޭޓު ހުރީ 2.7 ގަ އެވެ. މުޅި މަހުގައި ވެސް އެންމެ ދުވަހަކު ފިޔަވާ ހުރިހާ ދުވަހެއްގައި މުޅި ރާއްޖޭގެ ޕޮޒިޓިވިޓީ ރޭޓު ހުރީ 2 އިން ދަށުގަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވިތާ 60 ދުވަސް ނުވާ މީހުންނަށް ވެސް ކަަރަންޓީނު ވުމެއް ނެތި، ރަށްރަށަށް ދަތުރުކުރެވޭނެ އެވެ. ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންނަށް ވެސް 72 ގަޑިއިރު ނުވާ ނެގެޓިވް ނަތީޖާއަކާ އެކު ކަރަންޓީނުވުމެއް ނެތި ރަށްރަށަށް ދެވޭނެ އެވެ.