Roadha Mihaaru
އިންޓެލް އިދާރާތަކުގައި ބޮޑެތި ބާގަނޑުތަކެއް!

އިންޓެލިޖެންސް އިދާރާތަކުގައި ބާގަނޑުތަކެއް، މައުލޫމާތު ބަދަލެއް ނުކުރޭ!

10 ޖުލައި 2021

މިދިޔަ މެއި 6 ގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލައާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ތައްޔާރު ކުރި އިންކުއަރީ ރިޕޯޓުން އެނގިގެން ދިޔަ އެއް ކަމަކީ އެމަނިކުފާނަށް ނުރައްކާ އޮތްކަން އެނގި ތިބެ އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެމަނިކުފާނަށް އެކަށީގެންވާ ހިމާޔަތެއް ނުދެވޭ ކަމެވެ. މިކަމާ ހެދި، ހަމަލާ ދިން ރެއިން ފެށިގެން އިންޓެލިޖެންސް އިދާރާތަކަށް ފާޑުކިޔަމުން ދިޔަ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މިދިޔަ މެއި 6 ގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލައާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ތައްޔާރު ކުރި އިންކުއަރީ ރިޕޯޓުން އެނގިގެން ދިޔަ އެއް ކަމަކީ އެމަނިކުފާނަށް ނުރައްކާ އޮތްކަން އެނގި ތިބެ އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެމަނިކުފާނަށް އެކަށީގެންވާ ހިމާޔަތެއް ނުދެވޭ ކަމެވެ. މިކަމާ ހެދި، ހަމަލާ ދިން ރެއިން ފެށިގެން އިންޓެލިޖެންސް އިދާރާތަކަށް ފާޑުކިޔަމުން ދިޔަ އެވެ.

ޓެރަރިޒަމްގެ ގާނޫނުގައިވާ ގޮތުން އިންޓެލިޖެންސް އެއް ކުރާ ފަސް އިދާރާއަކީ ސިފައިންނާއި، ފުލުހުންނާއި، އެމްއެމްއޭ އާއި ކަސްޓަމްސް އަދި އިމިގްރޭޝަނެވެ. އިންޓެލިޖެންސް މައުލޫމާތު އެއް ކުރުމާއި ދިރާސާ ކުރުމުގެ ގާބިލުކަން ގާއިމްކޮށް، އެއް ކުރާ މައުލޫމާތުތައް ދެން ހުރި އިދާރާތަކަށް ދޭން ވާނެ ކަމަށް ގާނޫނުގައިވެ އެވެ.

ނަމަވެސް އިންކުއަރީން ހާމަވީ އެއް މުއައްސަސާ އާއި އަނެއް މުއައްސަސާއާ ދެމެދު މައުލޫމާތު ބަދަލު ކުރާނެ ގޮތުގެ އުސޫލުތަކެއް ހަދާފައި ނެތް ކަމެވެ. ބައެއް މުއައްސަސާތަކުގެ އެތެރޭގައި މައުލޫމާތު ދައުރު ކުރާނެ ގޮތުގެ އުސޫލުތަކެއް ނެތްކަން ވެސް އެނގިގެން ދިޔަ އެވެ.

ނިޒާމުގައި ނުބައްދައި ހުރި ގިނަ ބާގަނޑުތަކެއްގެ ސަބަބުން މައުލޫމާތު ބަދަލު ނުކުރެވި، ރައީސް ނަޝީދަށް ދިން ހަމަލާ ކުރީބައިގައި ހުއްޓުވޭ ގޮތެއް ނުވެ އެމަނިކުފާނުގެ ފުރާނަފުޅު ނުރައްކަލަށް ހުށަހެޅިގެން ދިޔަ އެވެ.

ސިފައިންގެ ތެރޭގައި އިންޓެލްގެ މައުލޫމާތު ދައުރެއް ނުވޭ

ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ޑިފެންސް މިނިސްޓަރު މާރިޔާ އަށް ދެއްވުމުން އެކަން ސީރިއަސްކޮށް ނަގާފައި ނުވާތީ މާރިޔާ އަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ. އެ މައުލޫމާތު ޑިފެންސް މިނިސްޓަރާ ހިއްސާ ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް މާރިޔާ ވިދާޅުވެފައިވެ އެވެ. އެފަދަ މައުލޫމާތެއް ޑިފެންސް މިނިސްޓަރަށް ލިބުުމުން އެ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ކުރުން ގާނޫނު ލާޒިމު ނުކުރާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މާރިޔާ އަމަލު ކުރެއްވި ގޮތަކީ ވެސް ބައެއް މީހުން ދެކޭ ގޮތުގައި މައުލޫމާތު ހިއްސާ ކުރުމުގައި އިންޓެލިޖެންސް އިދާރާތައް ފެއިލްވި ކަމުގެ ހެއްކެކެވެ. އެއީ އޭނާއަށް ލިބުނު މައުލޫމާތު ސިފައިންގެ ދަށު ރޭންކުތަކާއި ކަމާ ބެހޭ ޑިޕާޓްމެންޓުތަކާ ވެސް ހިއްސާކޮށްފައި ނެތީމަ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ 241 ކޮމިޓީގެ އިންކުއަރީއަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ 241 ކޮމިޓީގެ އިންކުއަރީއަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

އިންކުއަރީގައި ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ، އެމްއެމްޑީއެފްގެ އެެތެރޭގެ ޑިޕާޓްމެންޓުތަކުގައި އަދި ޑިޕާޓްމެންޓުތަކުގެ ތެރޭގައި މައުލޫމާތު ދައުރު ކުރާނެ ގޮތުގެ އުސޫލެއް ހެދިފައި ނޯންނަ ކަމެވެ. އަދި ޑިޕާޓްމެންޓުތަކުގެ ތެރޭގައި އެންމެ އެދެވޭ ގޮތަށް މައުލޫމާތު ބަދަލުކުރެވިފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ. އެކަމުގެ ސަބަބުން މުވައްޒަފުންނަށް ޒިންމާ އަދާ ކުރެވޭނެ އަދި ޒިންމާ އުފުލަން ލާޒިމު ކުރާނެ ގޮތެއް ކަނޑައެޅިފައި ނެތް ކަމަށް ބުނެފައިވެ އެވެ.

އެފަދަ އުސޫލެއް އެކުލަވާލެވި އެއަށް ރަނގަޅަށް އަމަލު ކުރަމުން ގެންދިޔަ ނަމަ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު އެހެން މުއައްސަސާއަކަށް ދެވި އެ އަމަލެއް ހުއްޓުވުމުގެ ފުރުސަތު ފަހިވީސް ކަމަށް ރިޕޯޓުގައިވެ އެވެ.

"ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު މުއައްސަސާތަކުގެ މެދުގައި ބަދަލު ކުރެވި، އެ މުއައްސަސާގެ މައްޗަށް ގާނޫނު ލާޒިމު ކުރާ ކަމެއް ކުރަން ޖެހޭނެކަން ފާހަގަ ކުރެވެ އެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުރިން އެފަދަ އަމަލުތައް ހުއްޓުވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ." އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އިންކުއަރީގައި ފާހަގަ ކުރި އެއްކަމަކީ ކްލޯސް ޕްރޮޓެކްޝަން ޔުނިޓަކުން ދޭ މައުލޫމާތު ކޮމާންޑް ސްޓްރަކްޗާގެ މައްޗަށް ނުދާ ކަމެވެ. އަދި މަތީ ރޭންކުތަކުން ދަށު ރޭންކުތަކަށް ދޭން ޖެހޭ މައުލޫމާތު ނުފޯރާ ފަހަރު ވެސް ދާ ކަމަށް ބުނެފައިވެ އެވެ.

"މިފަދަ ނިޒާމެއް އޮތް ނަމަ، އަދި އަމަލު ކުރަން ޖެހޭ އުސޫލުގެ ތެރެއިން ރަނގަޅަށް އަމަލު ކުރަމުން ގެންދިޔަ ނަމަ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު މުއައްސަސާތަކުގެ މެދުގައި ބަދަލު ކުރެވި، އެ މުއައްސަސާގެ މައްޗަށް ގާނޫނު ލާޒިމު ކުރާ ކަމެއް ކުރަން ޖެހޭނެކަން ފާހަގަ ކުރެވެ އެވެ." ރިޕޯޓު
ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެ މަނިކުފާނަށް އަމާޒުކޮށް، ބޮމެއް ގޮއްވައިލުމަށް ފަހު މާލޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަތިޔާރާއެކު ފޯރިމަރަނީ:-- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެ މަނިކުފާނަށް އަމާޒުކޮށް، ބޮމެއް ގޮއްވައިލުމަށް ފަހު މާލޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަތިޔާރާއެކު ފޯރިމަރަނީ:-- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ރައީސް ނަޝީދަށް ހަމަލާއެއް ދިނުން "އިމިނެންޓް" ނުވަތަ އެއީ ކޮންމެ ވަގުތެއްގައި ހިނގާފާނެ ކަމެއް ކަމަށް އެމަނިކުފާނުގެ ތްރެޓް އެސެސްމެންޓުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ތްރެޓް އެސެސްމެންޓާ ގުޅިގެން ޑީއައިއެސްއިން ދީފައިވާ އެއްވެސް ރެކޮމެންޑޭޝަނެއް ކްލޯސް ޕްރޮޓެކްޝަން ޓީމު ނުވަތަ ގާޑުންގެ ޓީމަށް އަންގައިފައެއް ނުވެ އެވެ. ބޮޑީ ގާޑުންނަށް އެންމެ އެކަށީގެންވާ މިންވަރަށް މަސްއޫލިއްޔަތު އަދާ ކުރެވޭ ވަރަށް އެ މީހުންނަށް މައުލޫމާތު ދީފައެއް ވެސް ނުވެ އެވެ.

"ރައީސް މުހައްމަދު ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގެ މެމްބަރުންގެ ތެރެއިން ވަކި މައުލޫމާތެއް އެނގެން ޖެހޭ މީހާއަށް އޭނާގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އެނގެން ޖެހޭ މިންވަރަށް އެ މައުލޫމާތު ދީފައި ނުވާކަން ފާހަގަ ކުރެވެ އެވެ." ރިޕޯޓުގައިވެ އެވެ.

މުއައްސަސާތައް އެއް ގަލަކަށް އަރައި މައުލޫމާތު ބަދަލެއް ނުކުރޭ

ޓެރަރިޒަމްގެ ނުރައްކަލެއް އުޅޭ ކަމުގެ މައުލޫމާތެއް ލިބުމުން މުއައްސަސާތަކަށް އެއް ހަށިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް އެ ނުރައްކަލެއް ހުއްޓުވުމުގެ ފުރުސަތު ލިބޭނީ ލިބޭ އިންޓެލިޖެންސް މައުލޫމާތު އަނެއް މުއައްސަސާއާ ހިއްސާ ކުރެވިގެންނެވެ. އެފަދަ މައުލޫމުތައް ބަދަލު ކުރުމަށް އެކަމާ ގުޅޭ އުސޫލެއް ވެސް މުހިންމެވެ.

އެފަދަ އުސޫލެއް ހެދުން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި މަތިކޮށްފައި އޮންނަނީ ހޯމް މިނިސްޓްރީ އަށެވެ. ނަމަވެސް، އިންކުއަރީގައި ފާހަގަކޮށްފައި ވަނީ އެފަދަ އުސޫލެއް އެ މިނިސްޓްރީން އެކުލަވާލާފައިވާ ނުވާ ކަމެވެ. އެހެންވެ، އެއް މުއައްސަސާއިން އަނެއް މުއައްސަސާ އަށް މައުލޫމާތު ދޭނެ ގޮތެއް ސީދާ ކަނޑައެޅި ލިޔެވިފައެއް ނޯވެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ 241 ކޮމިޓީގެ އިންކުއަރީއަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ 241 ކޮމިޓީގެ އިންކުއަރީއަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ މަޖިލިސް

މިކަމާ ގުޅިގެން އިންކުއަރީ އިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލު ކުރުމުން އޭނާ ވިދާޅުވެފައި ވަނީ އެއީ މިހާރު ކުރިއަށްދާ މަސައްކަތެއް ކަމަށެވެ. ނަމަވެސް، އެކަން ލަސްވާ އެއް ސަބަބުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ އިންޓެލިޖެންސް އެއް ކުރާ މުއައްސަސާތަކަށް ބައެއް ކަންކަމުގައި އެއްބަސްވުމަކަށް އާދެވިފައި ނެތުމެވެ.

އިމްރާން ވިދާޅުވެފައި ވަނީ އިންޓެލިޖެންސް ބަދަލު ކުރާ އިދާރާތަކުގެ މެދުގައި ލީޑު ނަގާނެ އިދާރާއެއް ކަނޑައެޅުމާ މެދު އިދާރާތަކުގެ މެދުގައި ދެބަސްވުމާއި ބަހުސް އޮތުމަކީ އުސޫލު ލަސްވާ އެއް ކަން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނާއި ސިފައިންނާއި ކައުންޓާ ޓެރަރިޒަމް ސެންޓަރާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އެބަ ހުއްޓެވެ. އެއިން ކޮންމެ އިދާރާއެއް ވެސް ލީޑު ނަގަން ވިއްދާލައިފަ އެވެ. ނަމަވެސް، ލީޑު ނަގާނީ ފުލުހުން ކަމަށް އިމްރާން މިހާރު ވަނީ ނިންމަވައިފަ އެވެ.

ވަކި އުސޫލެއް ނެތް ނަމަވެސް، މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ގެޒެޓު ކުރި ޓެރަރިޒަމާ ބެހޭ އާންމު ގަވައިދުގައި ޓެރަރިޒަމްއާ ބެހޭ އިންޓެލިޖެންސް މައުލޫމާތު ބަދަލު ކުރުމާ ބެހޭ ބާބެެއް ވަނީ ހިމަނައިފަ އެވެ. އިމްރާން ވިދާޅުވެފައި ވަނީ އެ ބާބުން ބާރުލިބިގެން މުއައްސަސާތަކުގެ މެދުގައި މައުލޫމާތު ބަދަލު ކުރާނެ ގޮތުގެ އޮނިގަނޑެއްގެ ޑްރާފްޓެއް ލީޑު އެޖެންސީ ކަމަށްވާ ފުލުހުން އެކުލަވާލައިފައިވާ ކަމަށެވެ.

ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެ މަނިކުފާނަށް އަމާޒުކޮށް، ބޮމެއް ގޮއްވައިލުމަށް ފަހު މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަތިޔާރާއެކު ފޯރިމަރަނީ:-- ފައިލް ފޮޓޯ: ނިޝާން އަލީ

ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެ މަނިކުފާނަށް އަމާޒުކޮށް، ބޮމެއް ގޮއްވައިލުމަށް ފަހު މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަތިޔާރާއެކު ފޯރިމަރަނީ:-- ފައިލް ފޮޓޯ: ނިޝާން އަލީ

ނަމަވެސް، އެ އޮނިގަނޑު ވެސް ނުނިމިގެން އުޅެނީ ދެބަސްވުންތަކާ ހެދި އެެވެ. އޭގައިވާ ބައެއް ކަންކަމާ މެދު އަދިވެސް މުއައްސަސާތަކަށް އެއްބަސް ނުވެވޭ ކަންކަން ހުރި އިރު ލީޑު އެޖެންސީއެއްގެ ގޮތުގައި ފުލުހުން އޮތުމަކީ ވެސް އިމްރާން ވިދާޅުވި ގޮތުގައި އަދިވެސް ބަހުސް ކުރެވެމުންދާ ކަމެކެވެ.

ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރަށް ލިބިވަޑައިގަތެވެ. އެކަނިކުފާނަށް ފާރަލިކަން ވެސް ސިފައިންނަށް އެނގެން އެބަ އޮތެވެ. އިންޒާރުތަކާ ހެދި އެކަނިކުފާނަށް ހަމަލާއެއް ދިނުމަކީ "އިމިނެންޓް" ކަމެއް ކަމަށް ވެސް އޮތީ ލަފާ ކުރެވިފަ އެވެ. އެ ހުރިހާ ކަމެއް އެނގި ތިބެވެސް އެކަށީގެންވާ ރައްކާތެރި ކަމެއް ނުދެވުނެވެ. ބައެއް އާންމުން ވެސް ދެކޭ ގޮތުގައި ހުރިހާ ކަމެއް ވެސް އަތުން ދޫވީ މައުލޫމާތު ހިއްސާ ނުކުރެވުމުންނެވެ.