Roadha Mihaaru
ކޮވިޑް:19- ހަތަރު މަސް ފަހުން ނައިފަރު ހުޅުވާލައިފި

ކޮވިޑް-19: ހަތަރު މަސް ފަހުން ނައިފަރު ހުޅުވާލައިފި

08 ޖުލައި 2021

ޅ. ނައިފަރުގައި އާދަޔާ ހިލާފަށް ބާރު ސްޕީޑެއްގައި ކޮވިޑް ފެތުރޭތީ އެ ރަށަށް އަރައިފޭބުން މަނާކޮށްފައި އޮންނަތާ ހަތަރު މަސް ފަހުން، އެ ރަށް މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޅ. ނައިފަރުގައި އާދަޔާ ހިލާފަށް ބާރު ސްޕީޑެއްގައި ކޮވިޑް ފެތުރޭތީ އެ ރަށަށް އަރައިފޭބުން މަނާކޮށްފައި އޮންނަތާ ހަތަރު މަސް ފަހުން، އެ ރަށް މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ.

ކައުންސިލްގެ ނައިބު ރައީސް އަހުމަދު އަބްދުﷲ ވިދާޅުވީ އެޗްޕީއޭއިން އަންގައިގެން ރަށުގެ އެކި ހިސާބުތަކުން ރެންޑަމް 250 ސާމްޕަލް ނެގި ކަމަށެވެ. އެ ހުރިހާ ސާމްޕަލެއް ނެގިޓިވްވެ، އިތުރަށް ބަލަންޖެހޭ ކަންތައްތަކަށް ފަހު މޮނިޓަރިންގެ ހާލަތު އުވައިލީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އަހުމަދު ވިދާޅުވީ، ނައިފަރުގެ މޮނިޓަރިންގެ ހާލަތު އުވައިލިކަން އެޗްޕީއޭ އިން މީގެ ހަފުތާއެއް ވަރު ކުރިން އެންގި އެވެ. ރަސްމީކޮށް، ލިޔުމުން އަންގާފައިވަނީ މިއަދެވެ.

ކޮވިޑު-19 ގައި އެންމެ ހާލަތު ގޯސްވި އެއް ރަށް، ނައިފަރުން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ނައިފަރަށް އަރައިފޭބުން މަނާކުރީ މާޗު 23 ގަ އެވެ. އެ ފިޔަވަޅު އުވައިލިއިރު އެ ރަށުން 921 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އޭގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.

"ރަށުގައި ކޮވިޑްގެ އެންމެ ބަލި މީހެއް މިހާރު މި ހުރީ. ފާއިތުވި ދުވަސްތަކުގައި ވަރަށް ދަތީގައި މި އުޅުނީ،" އަހުމަދު ވިދާޅުވި އެވެ.

ނައިފަރުގެ ހާލަތު ގޯސްވާން ފެށުމުން ހާއްސަ ފިޔަވަޅުތަކެއް އަޅަން އެޗްޕީއޭއިން އޭރު އެންގި އެވެ. އޭގެ ތެރޭގައި ވަކި ވަގުތެއްގައި ބޭރަށް ނުކުމެ އުޅުން މަނާކުރުމާއި ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓުތައް ބަންދުކުރުން ހިމެނެ އެވެ. އެެކަމަކު ބަލި ޖެހޭ މީހުންގެ އަދަދު ދަށް ވާން ފެށުމުން އޭގެ ލުއިތައް ކުރިން ދީފައި ވެ އެވެ.

"މަހަށް ދިއުމުގެ ހުއްދަ ވެސް މި ލިބުނީ މީގެ ދެ ހަފުތާއެއް ވަރު ކުރިން. މިހާރު ކެފޭތަކާއި ރެސްޓޯރެންޓާއި ފިހާރަތަށް ހުޅުވައި މަގުތަކަށް މީހުން ނުކުމެ އުޅޭ. ދަތި ހާލަތަށް ފަހު ރަށަށް ދިރުން އަންނަން ފަށައިފި،" އަހުމަދު ވިދާޅުވި އެވެ.

ނައިފަރުން މިހާތަނަށް 2،869 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އިއްޔެގެ ނިޔަލަށް ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 856 އަށް އަރަ އެވެ.