ޅ. ނައިފަރުގައި ކޮވިޑުގެ ހާލަތު އޮތް ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ ރަށަށް އިތުރު އެހީތެރިކަން ބޭނުންވާ ކަމަށް، ނައިފަރު ދާއިރާގެެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
30 މާޗް 2021
ޅ. ނައިފަރުގައި ކޮވިޑުގެ ހާލަތު އޮތް ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ ރަށަށް އިތުރު އެހީތެރިކަން ބޭނުންވާ ކަމަށް، ނައިފަރު ދާއިރާގެެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
އެ އަތޮޅު ފެލިވަރުގައި މަސައްކަތްކުރާ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ މީހުންނާ ކޮންޓެކްޓްވި އިތުރު ބަޔަކު ނައިފަރުން ވަނީ ފެނިފަ އެވެ. ފެލިވަރުން ކޮވިޑް ޖެހުނު މުވައްޒަފުންގެ ތެރޭގައި ނައިފަރުގެ މީހުން ގިނަ އެވެ.
އޭގެ ފަހުން ނައިފަރުން ބަލި ޖެހުނު މީހުންގެ ޖުމުލަ 30 އަށް ވުރެ އިތުރުވެފައި ވެ އެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނައިފަރަކީ މީހުން ވަރަށް ބޮޑަށް ތޮއްޖެހިގެން ދިރިއުޅޭ ރަށަކަށް ވާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިފަދަ ހާލަތުތަކުގައި އަމަލުކުރަނީ އެ ކަހަލަ ރަށަކަށް އެންމެ ރަނގަޅު ގައިޑްލައިންތޯ ވިސްނާލަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ގެއަކުން ކޮވިޑަށް ޕޮޒިޓިވް ކޭސްއެއް ފެނި، ކޮންޓެކްޓް ޓްރޭސިން ހަދާއިރު އޮންނަނީ މުޅި ހިސާބުގެ ގެތަކުގެ މީހުން އައިސޮލޭޝަނަށް ދާންޖެހިފަ އެވެ.
ގޭބިސީއެއްގައި 10-15 މީހުން ތޮއްޖެހިގެން ދިރިއުޅޭއިރު އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓާލައި ތިބެން ޖެހުމުން ދިމާވާ މައްސަލަތައް މަދެއް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ، އެކި އިދާރާތަކުގައި މަސައްކަތް ކުރާ މީހުން އެއްކޮށްހެން އައިސޮލޭޝަނަށް ދާން ޖެހުމަކީ މިހާރު ނަތީޖާތައް އަންނަ ގޮތުން ދުރުގައިވާ ކަމެއް ނޫން ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ މުޅި ރަށް އެކީ ހުއްޓުމަކަށް އަތުވެދާނެ ކަމަށެވެ.
ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް ޓެސްޓު ކުރެވޭނެ ވަސީލަތް މި ވަގުތު ނެތުމަކީ ވެސް ހާލަތު އިތުރަށް ނުތަނަވަސް ކުރުވާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ސާމްޕަލް ނަގައި ސާމްޕަލްގެ ނަތީޖާ ނުލިބި އެތައް ދުވަހެއް އިންތިޒާރު ކުރަން ޖެހުމަކީ ވަކިވަކި ފަރުދުން އަދި މުޖުތަމައު ނަފްސާނީ ހާސްކަމުން ބަލިކަށިކޮށްލާ ކަމެއް. އަދި ރަށުގެ ހަގީގީ ހާލަތު ދެނެގަންނަން އޮތް ވަރަށް ބޮޑު ގޮންޖެހުމެއް،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގުޅައި ހާލަތު ބަދަލުކުރުމަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ވީހާ ވެސް އަވަހަކަށް ރަނގަޅު ފިޔަވަޅުތައް އެޅުމަށް ޝިޔާމް ގޮވައިލެއްވި އެވެ.
"ހުރިހާ ގެއެއްގައި ޓޭޕް ދަމައި މޮނިޓަރިންނަށް ލައި ރަށުގެ ރައްޔިތުން ގޭ ބަންދުކޮށް ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ބޭތިއްބުމަކީ ހައްލެއް ނޫން ކަމުގައި ދަންނަވަން. މި ވަގުތު ނައިފަރަށް އެހީތެރިކަން އިންތިހާއަށް ބޭނުންވޭ،" ޝިޔާމް ވިދާޅުވި އެވެ.
"ކޮވިޑް ޓެސްޓުކުރެވޭނެ ވަސީލަތް ވަގުތުން ގާއިމު ކުރަންޖެހޭ. ސިއްހީ އިތުރު މަސައްކަތްތެރިން ބޭނުންވޭ. ތަންފީޒީ އިދާރާތަުގެ އިންސާނީ ވަސީލަތް އިތުރުކުރަންޖެހޭ."
ކޮވިޑް:19- ހަތަރު މަސް ފަހުން ނައިފަރު ހުޅުވާލައިފި
ހަތަރު މަސް ފަހުން ނައިފަރު އާންމު ހާލަތަށް ގެންނަނީ
ނައިފަރުން މިހާތަނަށް 879 މީހުންނަށް ކޮވިޑް ޖެހިއްޖެ
24 ގަޑިއިރުގެ ތެރޭގައި ކޮވިޑުގެ ދެ ވަނަ މަރު
ރަށްރަށުގައި ކޮވިޑް ކޭސްތައް އަދިވެސް ވަނީ އިތުރު
ކޮވިޑް: ނައިފަރާއި ހުރާގައި ފިޔަވަޅުތައް ވަރުގަދަކޮށްފި
ފެލިވަރު ކްލަސްޓާ: އިތުރު 66 މީހަކު ޕޮޒިޓިވް
ނައިފަރުން ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ކޮވިޑް-19: ކުރެއްދު އާއި ވ. ތިނަދު އަށް އަރައި ފޭބުން މަނާ
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ