Roadha Mihaaru
ފެލިވަރު ކްލަސްޓާ: އިތުރު 66 މީހަކު ޕޮޒިޓިވް

ފެލިވަރު ކްލަސްޓާ: އިތުރު 66 މީހަކު ޕޮޒިޓިވް

26 މާޗް 2021

މިފްކޯގެ މަސް ފެކްޓަރީ ހިންގާ އަދި އެތައް ސަތޭކަ މީހުން ވަޒީފާ އަދާކުރާ ޅ. ފެލިވަރުން އިތުރު 66 މީހަކަށް ކޮވިޑް-19 ޖެހިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިފްކޯގެ މަސް ފެކްޓަރީ ހިންގާ އަދި އެތައް ސަތޭކަ މީހުން ވަޒީފާ އަދާކުރާ ޅ. ފެލިވަރުން އިތުރު 66 މީހަކަށް ކޮވިޑް-19 ޖެހިއްޖެ އެވެ.

ފެލިވަރުން ކޮވިޑް ފެނުނީ މީގެ ދެ ތިން ދުވަސް ކުރިންނެވެ. ބަލި އުޅޭކަން އެނގުނީ ވެސް އަލާމާތްތަކެއް ހުރި އެތަނުގެ މުވައްޒަފަކު، އެ އަތޮޅު ނައިފަރު ހޮސްޕިޓަލަށް ގޮސް ޓެސްޓުކުރުމުންނެވެ.

އޭގެ ފަހުން، ފެލިވަރު މުވައްޒަފުން ހިމެނޭ ގޮތަށް ހދ. ކުޅުދުއްފުއްޓަށް ދިޔަ ނައިފަރު ބަޔަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެންވެ ފަހުން ކުޅުދުއްފުށި ވެސް ވަނީ މޮނިޓަރިންއަށް ލައިފަ އެވެ.

ޅ އަތޮޅު ހޮސްޕިޓަލުން ބުނިގޮތުގައި ފެލިވަރުން ޓެސްޓު ކުރި 88 ސާމްޕަލްގެ ތެރެއިން 66 ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ. ޓެސްޓު ކުރި ބައެއް ސާމްޕަލްގެ ނަތީޖާ އަދި ނުލިބެ އެވެ. އެހެންވެ، އެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ފެލިވަރާ ގުޅުން ހުރި ނައިފަރުގެ ދެ މީހަކު ޕޮޒިޓިވްވި ނަމަވެސް، އެރަށުން އިތުރު ބަޔަކަށް ބަލި ޖެހުނު ކަން ޔަގީނެއް ނޫނެވެ. އަދި ކުޅުދުއްފުށިން ޓެސްޓު ކުރި ހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވްވެފަ އެވެ.

މި ވަގުތު މޮނިޓަރިންއަށް ލާފައިވާ ނައިފަރުން މި މަހުގެ ދިހައެއްގެ ކުރިން އެހެން ރަށަކަށް ދިޔަ މީހަކު ނަމަ، ކަރަންޓީނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އަންގައިފަ އެވެ. އަދި ފެލިވަރުން، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެހެން ރަށަކަށް ދަތުރުކުރި މީހުން ވެސް ކަރަންޓީން ވާން ޖެހެ އެވެ.

ކޮވިޑްގެ ކޭސްތަކެއް ފެނިގެން، ރާއްޖޭގެ 13 ރަށެއް މިހާރު އޮތީ މޮނިޓަރިންގަ އެވެ.