Roadha Mihaaru
ނައިފަރުން މިހާތަނަށް 879 މީހުންނަށް ކޮވިޑް ޖެހިއްޖެ

ނައިފަރުގެ ހާލަތު ރަނގަޅެއް ނޫން، 879 މީހުންނަށް ކޮވިޑް ޖެހިއްޖެ

23 މެއި 2021

ޅ. ނައިފަރުން ކޮވިޑް ފެނި މޮނިޓަރިން އަށް ލިތާ، މިއަދަށް ދެ މަސްވެފައިވާއިރު، މިހާތަނަށް 879 މީހުންނަށް ބަލި ޖެހިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޅ. ނައިފަރުން ކޮވިޑް ފެނި މޮނިޓަރިން އަށް ލިތާ، މިއަދަށް ދެ މަސްވެފައިވާއިރު، މިހާތަނަށް 879 މީހުންނަށް ބަލި ޖެހިއްޖެ އެވެ.

ނައިފަރަކީ ރާއްޖޭގައި މިހާރު މާލެ ފިޔަވައި ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއް ރަށެވެ. އަދި މާލެ ފިޔަވައި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެސް އެ ރަށުންނެވެ. މިހާތަނަށް އެ ރަށުން ހަތަރު މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ގާތްގަނޑަކަށް ކޮންމެ ދުވަހަކުހެން އެ ރަށުން މީހުން ޕޮޒިޓިވްވެ އެވެ. އިއްޔެ ވެސް 13 މީހަކަށް ބަލި ޖެހުނެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 138 މީހުންނެވެ.

ހޮސްޕިޓަލުގެ މައުލޫމާތުތަކަށް ބަލާއިރު، 5،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އެ ރަށުން މިހާތަނަށް ވަނީ 4،185 ސާމްޕަލް ނަގައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުން ނެގެޓިވް އެވެ. އެކަމަކު ބަލިވާ މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު، ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކަށް ބަލި ޖެހެ އެވެ.

މީގެ ކުރިން ނައިފަރުން ގާތްގަނޑަކަށް މަދުވެގެން ތިރީހަކަށް މީހުންނަށް ބަލި ޖެހެ އެވެ. އެކަމަކު މި މަހުގެ 12އިން ފެށިގެން އެ އަދަދުތައް އައީ މަދުވަމުންނެވެ. ނަމަވެސް ސާމްޕަލްތަކުގެ ނަތީޖާތަކަށް ބަލާއިރު، ބަލިވާ މީހުންގެ އަދަދު ފަހަކުން ދަށުގައި ހަފުތާއެއް ވަންދެން ހުރެފައި، ޖެހިގެން އަންނަ ދުވަހު އެ އަދަދު 30އަށްވުރެ އިތުރުވެދާނެ އެވެ.

"މިގޮތަށް ދާކަމަށް ވާނަމަ ނޭނގެ ރަށުގެ ހާލަތު ރަނގަޅުވެ، މޮނިޓަރިންއިން ނެގޭނެ ދުވަހެއް ވެސް،" ރަށު ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ބަލި ކޮންޓްރޯލުކުރުމަށް ނައިފަރުގައި މިހާރު ދަނީ 12 ގަޑިއިރުގެ ކާފިއު ހިންގަމުންނެވެ. އެގޮތުން ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފަ އެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުމާއި ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށް ވެސް ވަނީ އަންގައިފަ އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު 70 ރަށެއް މިހާރު އޮތީ އަރާ ފޭބުން މަނާކޮށްފަ އެވެ.