Roadha Mihaaru
ކޮވިޑްގެ އެހެން ކްލަސްޓާއެއް، މި ފަހަރު ފެލިވަރުން

ކޮވިޑްގެ އެހެން ކްލަސްޓާއެއް، މި ފަހަރު ފެލިވަރުން

25 މާޗް 2021

ކޮވިޑް-19ގެ ބަލިމަޑުކަން މިހާރު އޮތް ރ. އުނގޫފާރަށް ދަތުރުކުރި މީހުންގެ ތެރެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވަމުން ދާއިރު ޅ. އަތޮޅުން ކޮވިޑްގެ އެހެން ކްލަސްޓާއެއް އުފެދިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19ގެ ބަލިމަޑުކަން މިހާރު އޮތް ރ. އުނގޫފާރަށް ދަތުރުކުރި މީހުންގެ ތެރެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވަމުން ދާއިރު ޅ. އަތޮޅުން ކޮވިޑްގެ އެހެން ކްލަސްޓާއެއް އުފެދިއްޖެ އެވެ.

މި ކްލަސްޓާގައި ހިމެނޭ ފުރަތަމަ މީހާ ކޮވިޑަށް ޕޮޒިޓިވްވީ، މަސް ފެކްޓަރީ ހިންގާ، ޅ. ފެލިވަރުންނެވެ. އޭނާއަކީ އެތަނުގައި މަސައްކަތް ކުރާ އެ އަތޮޅު ނައިފަރުގެ މުވައްޒަފެކެވެ. އެނގިފައިވާ ގޮތުގައި ބަލީގެ އަލާމާތްތައް ފެނުމުން، އޭނާ ޑޮކްޓަރަށް ދައްކަން ދިޔައީ ނައިފަރަށެވެ. ބަލި ޖެހިފައިވާ ކަން އެނގުނީ، އެތަނަށް ގޮސް ޓެސްޓު ހެދުމުންނެވެ.

އެއާއެކު ފެލިވަރަށް އަރައިފޭބުން މިހާރު ވަނީ މަނާކޮށްފަ އެވެ. އެތަނުގައި ތިބި 102 މުވައްޒަފެއްގެ ސާމްޕަލް ވެސް ވަނީ ނަގައިފަ އެވެ.

ފެލިވަރު ކްލަސްޓާ ބޮޑުވީ، ހދ. ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ދިޔަ، ނައިފަރު ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. ދެ އާއިލާ ހިމެނޭ ގޮތަށް، ޖުމުލަ ހަ މީހަކު އެ ދުވަހު ކުޅުދުއްފުއްޓަށް ދިޔަ ކަމަށް ވެ އެވެ. އެ ދެ އާއިލާގައި ވެސް ފެލިވަރުގައި މަސައްކަތް ކުރާ މީހުން ތިބި އިރު، އޭގެ ތެރެއިން ހަތަރު މީހަކަށް ވަނީ ބަލިޖެހިފަ އެވެ.

"ފެލިވަރުގައި މަސައްކަތް ކުރާ މީހަކު ޕޮޒިޓިވްވިކަން އެނގުމުން އަޅުގަނޑުމެން އެ މީހުންގެ ޓެސްޓު ހެދީ. ހެދި އިރު އެ މީހުންނަށް ވެސް ވަނީ ބަލިޖެހިފައި،" ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވި އެވެ.

ބަލި ޖެހުނު ދެ މީހުންނަކީ ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް މީހުންނެވެ.

ޑޮކްޓަރަށް ދައްކަން ކުޅުދުއްފުއްޓަށް ދިޔަ ބައެއްގެ ތެރެއިން ކޮވިޑް ފެނުމާއެކު، އެ ރަށަށް ވެސް މިހާރު ވަނީ އަރައި ފޭބުން މަނާކޮށްފަ އެވެ.

ދާއޫދު ވިދާޅުވިގޮތުގައި، ކުޅުދުއްފުށިން މިހާތަނަށް 70 ސާމްޕަލް ނަގައި، ބައެއް ސާމްޕަލް މިހާރު ޓެސްޓު ކުރަން ވަނީ ފޮނުވައިފަ އެވެ.

އުނގޫފާރަށް ދަތުކުރި ނައިފަރުގެ މީހަކު ޕޮޒިޓިވްވެގެން، މީގެ ތިން ދުވަސް ކުރިން ފެށިގެން އެ ރަށަށް އަރައިފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ. އޭނާއާ ގުޅުން ހުރި 49 ސާމްޕަލް ވަނީ ނަގައިފަ އެވެ. މިހާތަނަށް ނަތީޖާ ލިބުނު އެއްވެސް ސާމްޕަލެއް އަދި ޕޮޒިޓިވްވެފައެއް ނުވެ އެވެ.

ފެލިވަރުން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވި މީހާއަށް މިހާރު ފަރުވާ ދެމުން ދަނީ ކޮވިޑް ފެސިލިޓީއެއްގަ އެވެ.

ރާއްޖޭގެ ރަށްތަކުން މިހާރު ކޮވިޑް ފެންނަމުންދާ ވަނީ ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ކޮވިޑްގެ ބަލިމަޑުކަން އޮތުމުން މިހާރު ވެސް 13 ރަށަކަށް ވަނީ އަރައި ފޭބުން މަނާކޮށްފަ އެވެ.