Roadha Mihaaru
މުއާހަދާތަކަށް އިހުތިރާމްކޮށް ހަބަރު ފަތުރަން އެދިއްޖެ

މުއާހަދާތަކަށް އިހުތިރާމްކޮށް ހަބަރު ފެތުރުމުގައި ގައުމީ މަސްލަހަތު އިސްކުރަން އެމްއެމްސީން އިލްތިމާސްކޮށްފި

08 ޖުލައި 2021

ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމްކޮށް ހަބަރާއި މައުލޫމާތު ފެތުރުމުގައި ގައުމީ މަސްލަހަތު އިސްކުރަން ސަމާލުކަން ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމްކޮށް ހަބަރާއި މައުލޫމާތު ފެތުރުމުގައި ގައުމީ މަސްލަހަތު އިސްކުރަން ސަމާލުކަން ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފި އެވެ.

ޑިޕްލޮމެޓުންނާ ބެހޭގޮތުން ލިޔާ ހަބަރުތަކުން އެ ކައުންސިލަށް ލިބެމުންދާ ޝަކުވާތަކާ ގުޅިގެން ނެރުނު ބަޔާނުގައި އެމްއެމްސީން ބުނީ ރާއްޖޭގައި ތިބޭ ބޭރުގެ ޑިޕްލޮމެޓުންނާއި އެމްބަސީތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ ހަބަރުތައް ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ހާރިޖީ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި ކަނޑައެޅިގެން ދޮގު ހަބަރު ފެތުރުމަކީ އެއްވެސް މީޑިއަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ގައުމުތަކާ މެދު އޮންނަ ގުޅުމަށް ބުރޫއެރުން އެކަށީގެންވާ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

"މިފަދަ ކަންކަމަކީ އޭގެ ސަބަބުން ރާއްޖެ އާއި ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުމަށް ބުރޫއަރައި ވަކި ގައުމަކާ މެދު އާއްމު ރައްޔިތުން ދެކޭ ގޮތް ބަދަލުވުމުގެ ސަބަބުން ޖުމްލަ ގޮތެއްގައި ގައުމަށް ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެކެވެ،" ބަޔާނުގައި ވެ އެވެ.

އެހެންވެ، ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ ހައްގު ހަމަގޮތުގައި ބޭނުންކުރުމަށާއި އެމްއެމްސީގެ ގާނޫނާ ގަވައިދު އަދި ކޯޑް އޮފް އެތިކްސްއާ އެއްގޮތްވާ ގޮތުގެ މަތިން ޒިންމާދާރުކަމާ އެކު ހަބަރުތައް ފެތުރުމަށް އެ ކައުންސިލުން އިލްތިމާސްކޮށްފައިވެ އެވެ.

ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމުކޮށް ހަބަރު ފަތުރަން އިލްތިމާސްކުރިއިރު، އިންޑިއާއާ ގުޅޭގޮތުން މި ފަހުން ނޫހެއްގައި ޝާއިއުކުރި ހަބަރެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނުން ވަނީ ފޮރިން މިނިސްޓްރީގައި އެދިފަ އެވެ. އޭގެ ފަހުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެ މައްސަލަ ބަލައިދިނުމަށް އެމްއެމްސީ އަށް އަންގައިފަ އެވެ.

އިންޑިއާގެ ހައި ކޮމިޝަނާއި އެތަނުގެ އިސްވެރިންގެ ކަރާމަތަށް "ހަމަލާދޭ" ކަމަށް އެ ތަނުން ގަބޫލުކުރާ މީޑިއާގެ ލިޔުންތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތައް ލިޔުނު މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅައިދޭން އެދިފައި އޮތީ ޑިޕްލޮމެޓުންގެ ރައްކާތެރިކަމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް"ގެ 29 ވަނަ މާއްދާއާ ހަވާލާދީ އެވެ.

އެ މާއްދާގައި ބުނަނީ، ޑިޕްލޮމެޓިކް މިޝަން ހުންނަ ގައުމުން ޑިޕްލޮމެޓުންނަށް ހާއްސަ ރައްކާތެރި ކަމެއް ދޭން ޖެހޭނެ ކަމަށެވެ. ޑިޕްލޮމެޓުގެ ޒާތަށާއި މިނިވަން ކަމަށް އަދި ކަރާމަތަށް ދޭ ހަމަލާތަކުން ދިފާއުކުރަން މިޝަން ހުންނަ ގައުމުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައި އޮވެ އެވެ.