Roadha Mihaaru
މާލޭގެ ކާފިއު ދެ މަސް ފަހުން މާދަމާ އުވާލަނީ

މާލޭގެ ކާފިއު ދެ މަސް ފަހުން މާދަމާ އުވާލަނީ

07 ޖުލައި 2021

ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދުގައި މެއި 12 ގައި އިއުލާނުކުރި ކާފިއު މާދަމާ އިން ފެށިގެން އުވާލަން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދުގައި މެއި 12 ގައި އިއުލާނުކުރި ކާފިއު މާދަމާ އިން ފެށިގެން އުވާލަން ނިންމައިފި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރިން ކާފިއު ހިންގަމުން އައީ ކޮންމެ ދުވަހެއްގެ ހަވީރު 6 އިން ފަތިހު 4 އަށެވެ.

މިހާރު އޮތް ގޮތުން ކާފިއު ވަގުތު ބޭރުގައި އުޅެވޭނީ ހާއްސަ ހުއްދައަކާ އެކުގަ އެވެ. ނަމަވެސް ކާފިއު އުވާލުމާ އެކު އެ ހުއްދަ ވެސް ހޯދާކަށް ނުޖެހޭނެ އެވެ. އަދި ކާފިއު އުވާލުމާ އެކު، ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތު ވެސް އިތުރު ކުރެވޭނެ އެވެ.

ކާފިއު އުވާލައި ބޮޑު ލުޔެއް މި ދެނީ މާލޭ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު މާބޮޑަށް ގޯސްވުމާ އެކު ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފަތިހު 4 އަށް ކާފިއު ހިންގުމަށް ފަހު ދިން ލުއިތަކަށް ފަހުގަ އެވެ. އޭރު ގެއިން ބޭރަށް ނުކުތުމަށް ފުލުހުންގެ ހުއްދަ ހޯދަން ޖެހެ އެވެ. އަދި ކޮންމެ ގެޔަކުން ވެސް ބޭރަށް ދާން ހުއްދަ ލިބެނީ ކަނޑައަޅާފައިވާ ވަކި ވަގުތެއްގައި ދެ މީހަކަށެވެ.

އެކަމަކު ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާތީ ސަރުކާރުން ވަނީ ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފަ އެވެ. މިއަދު ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަކުރި މީހުންނަށް އެމީހުންގެ ރަށަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭނެކަން އިއުލާންކޮށްފަ އެވެ. ދަތުރުގެ ކުރިން އެމީހުން ވެސް ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހެ އެވެ.