Roadha Mihaaru
ޔާމީން މިނިވަންވާން ޖެހޭނީ ޑީލަކުން ނޫން: އާދަމް

ނިޒާމުގެ މަޝްވަރާއަކަށް ނުދާނަން، ޔާމީން މިނިވަން ވާން ޖެހޭނީ ޑީލަކުން ނޫން: އާދަމް ޝަރީފް

07 ޖުލައި 2021

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު އިދިކޮޅު ކޯލިޝަނުން މަޝްވަރާއަކަށް ނުދާނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވާން ވާންޖެހޭނީ ޑީލެއްގެ ދަށުން ނޫން ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު އިދިކޮޅު ކޯލިޝަނުން މަޝްވަރާއަކަށް ނުދާނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވާން ވާންޖެހޭނީ ޑީލެއްގެ ދަށުން ނޫން ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި، އާއްމުންގެ މީހަކު ކުރި ޕޯސްޓަކަށް ރައްދު ދެއްވައި، މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން އޮތީ ވެރިކަމުގެ ނިޒާމު ކަނޑައަޅާފައި ކަމަށެވެ. އެ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާ އަށް އޭނާ ނުދާނެ ކަމުގެ ޔަގީންކަން އާދަމް ޝަރީފް ދެއްވި އެވެ.

"ޕީޕީއެމް ޕީއެންސީ އެއް ވެސް [ނިޒާމު ބަދަލުކުރުމުގެ މަޝްވަރާއަށް] ނުދާނެ،" އޭނާ ވިދާޅުވި އެވެ.

ބޮމުގެ ހަމަލައިން ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ އަށް އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު "އާސްކް ސްޕީކާ" ޕްރޮގްރާމުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރާނީ ޕީޕީއެމާ ގުޅިގެން ކަމަށާއި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކަމަށް ޔާމީން ވެސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ޕީޕީއެމަކީ ވެސް ބަރުލަމާނީ ނިޒާމާ ބީރައްޓެހި ޕާޓީއެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް "މިހާރު" އަށް އިއްޔެ ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ނަޝީދާއެކު މަޝްވަރާ އަށް ދާން ތައްޔާރަށް ތިބި ކަމަށެވެ. އެކަމަކު މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ޔާމީން މިނިވަންކުރަން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޕީޕީއެމަކީ އަބަދުވެސް ވާހަކަ ދައްކާނެ ޕާޓީއެއް ކަމަށާއި ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވެސް އެ ޕާޓީ އޮތީ ތައްޔާރަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުން ފަދަ ބޮޑެތި މައްސަލަތަކުގައި މަޝްވަރާ ކުރަން ޖެހޭނީ ޕާޓީތަކުގެ ލީޑަރުން ކަމަށާއި ޕީޕީއެމްގެ ފަރާތުން މަޝްވަރާ ކުރަން ޖެހޭނީ ސީދާ ޔާމީންއާ ކަމަށް އޭނާ ވިދާޅުވި އެވެ. "މަޝްވަރާ އަށް އަބަދުވެސް ފުރުސަތު އޮންނާނެ. ފުރަތަމަ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ސިޔާސީ ހުކުމް ބާތިލް ކޮށް އެ މަނިކުފާނު މިނިވަންކުރޭ،" މިހާރު ގޭބަންދުގައި ހުންނެވި ޔާމީނާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވި އެވެ.

ޔާމީން، ޕީއޭ ހިންގެވި ދުވަސްވަރު ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓުގައި އެ މަނިކުފާނާއި އެ ޕާޓީ އޭރު ތާއިދުކުރީ ބަރުލަމާނީ ނިޒާމަށެވެ. އެ ނިޒާމަށް ދެން ތާއިދުކުރީ އެމްޑީޕީން އެކަންޏެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނު އޭރު ހިންގެވި ޑީއާރުޕީން ތާއިދުކުރީ ރިޔާސީ ނިޒާމަށެވެ.

ގާނޫނުއަސާސީ އެކުލަވައިލުމުގެ ކުރިން ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން އޯގަސްޓް، 18، 2007 ގައި ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސަންޓް މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކޮށްފަ އެވެ.