Roadha Mihaaru
ވަކިން ކޮމިޓީއެއް ނުހެދޭނެ، ފިޔަވަޅު އަޅާނަން: ޝިޔާމް

ވަކިން ކޮމިޓީއެއް ނުހެދޭނެ، ފިޔަވަޅު އަޅާނަން: ޝިޔާމް

22 ނޮވެމްބަރ 2023

ޕާޓީގެ އުސޫލުތަކާ ހިލާފަށް ވަކި ކޮމިޓީތަކެއް ނުހެދޭނެ ކަމަށާއި އެކަމުގައި ލީޑަޝިޕުން ފިޔަވަޅު އަޅާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕާޓީގެ އުސޫލުތަކާ ހިލާފަށް ވަކި ކޮމިޓީތަކެއް ނުހެދޭނެ ކަމަށާއި އެކަމުގައި ލީޑަޝިޕުން ފިޔަވަޅު އަޅާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ޕީޕީއެމްގެ ކޮންގްރެސް އިން ފާސްކޮށް އެ ޕާޓީ ހިންގުމުގެ ގަވައިދެއް ކަނޑައަޅާފައި ވަނިކޮށް، އޭގެ ބޭރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތީ ކޮމިޓީއެއް އެކުލަވައިލެއްވި މައްސަލައިގަ އެވެ.

ޔާމީން ނެންގެވި ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. އިދާރީ ގޮތުން އެ ކޮމިޓީގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. ޕާޓީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު މި ކޮމިޓީގައި ނުހިމެނެ އެވެ.

އެކަމާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވީ އެ ކޮމިޓީ އަކީ ލީޑަޝިޕަށް އެއްވެސް ވަރަކަށް އެނގިގެން އެކުލަވާލި ކޮމިޓީއެއް ނޫން ކަމަށާއި އުސޫލުތަކުގެ ބޭރުން އެފަދަ ކޮމިޓީއެއް ނުވެސް އުފެއްދޭނެ ކަމަށެވެ.

"އެހެން ކޮމިޓީއެއް ނުހެދޭނެ، މިއީ އިންސްޓިޓިއުޝަނެއް. ހަމަ މަސްމާރުކޭޓް ކައިރީގައި ބަޔަކު ތިބެފައި ވެސް ބުނަންވީ ކޮމިޓީއެއް ހަދައިފީމޭ. އެއީ އުސޫލެއް ނޫން،" ފިޝަރީޒް މިނިސްޓަރު ކަން ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ސްޓިއަރިން ކޮމިޓީއެއް ހެދީ އެއްވެސް ގޮތަކަށް ލީޑަޝިޕަށް އެންގުމެއް ނެތި އެވެ. ޕާޓީގައި އިންތިހާބީ ލީޑަޝިޕަކާއި ސެނެޓެއް އޮއްވައި، އޭގެ ބޭރުން ކޮމިޓީއެއް ހަދަން ޕާޓީގެ ގަވައިދު ވެސް ތަން ނުދޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލީޑަޝިޕުން މިކަން ބަލާނަން. މިކަމުގައި ސެނެޓް މެންބަރުން ބައިވެރިވާ ނަމަ، އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން ކުރިއަށް ގެންދާނަން އަދި އޭގެ ފަހުން އަޅަން ޖެހޭ ފިޔަވަޅެއް ވެސް އަޅާނަން،" ޝިޔާމް ވިދާޅުވި އެވެ.

ޔާމީން އުފެއްދެވި ކޮމިޓީން ރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ޕީޕީއެމްގެ އޮފީހުގައި ބާއްވައިފަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމާ ގުޅޭ މައުލޫމާތު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު އަދި ތަރުޖަމާނު ހީނާ ވަލީދަށް ދީފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެ ކޮމިޓީން އިއުލާން ކުރީ ހީނާގެ އިސްތިއުފާ އާއި ތޮލާލު މަގާމުން އަމިއްލަ އަށް އެކަހެރިވެފައިވާ ކަމެވެ.

އެކަމަކު، ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ދެ ބޭފުޅުން ވެސް ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.

އެއާ އެކު ޕީޕީއެމް/ޕީއެންސީ ސެނެޓްގެ ވަޓްސްއެޕް ގުރޫޕްގެ ތެރޭގައި ޕްރެސް ދެއްވަން އިސްކޮށް ހުންނެވި މަލީހަށް ވަަރަށް ބޮށަށް ނުރުހުން އަމާޒުވި އެވެ. އެ ގުރޫޕުން އޭނާ ބޭރު ވެސް ކުރި އެވެ. ސެނެޓްގެ މެންބަރުން ވަނީ ސެނެޓަށް ނޭނގި އެކަން ކުރުމުން ކުށްވެރިކޮށް މައްސަލަ ބަލަން ގޮވާލައްވައިފަ އެވެ.