Roadha Mihaaru
ތަހުގީގަށް ހާޒިރުވާން އަންގައި މެމްބަރުން ދޫކޮށްލައިފި

ޖުމްހޫރީ މައިދާނުން ހައްޔަރުކުރި މެމްބަރުން ތަހުގީގަށް ހާޒިރުވާން އަންގައި ދޫކޮށްލައިފި

20 ޖުލައި 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި ޖުމްހޫރީ މައިދާނަށް އެއްވުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިދިކޮޅު މަޖިލިސް މެންބަރުން ތަހުގީގަށް ބަޔާން ދޭން ފުލުސް އޮފީހަށް ހާޒިރުވާން ޗިތް ހަވާލުކުރުމަށް ފަހު މިރޭ ދޫކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި ޖުމްހޫރީ މައިދާނަށް އެއްވުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިދިކޮޅު މަޖިލިސް މެންބަރުން ތަހުގީގަށް ބަޔާން ދޭން ފުލުސް އޮފީހަށް ހާޒިރުވާން ޗިތް ހަވާލުކުރުމަށް ފަހު މިރޭ ދޫކޮށްލައިފި އެވެ.

ޕީޕީއެމްގެ ރަޖިސްޓްރާ އަހުމަދު ހަމްދާން "މިހާރު" އަށް ވިދާޅުވީ އެ މެމްބަރުން ދޫކޮށްލީ ގްރީން ޒޯނަށް އެއްވި މައްސަލައިގެ ބަޔާން ނެގުމަށް އަންނަ ހަފުތާގައި ފުލުހަށް ހާޒިރުވާން ޗިޓު ހަވާލުކުރުމަށްފަހުގައި ކަމަށެވެ.

އެއްވެ އުޅުން މަނާ ސަރަހައްދަކަށް އެއްވެ މުޒާހަރާކޮށް އަދި ފުލުހުންގެ ގާނުނީ ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި މިއަދު ޖުމްހޫރީ މައިދާނުން ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ތެރެއިން މަޖިލީހުގެ ހަތަރު މެމްބަރުންނަކީ ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ.

އެ ބޭފުޅުންގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ.

ގާނޫނުގައިވާ ގޮތުން، ގްރީން ޒޯނަކީ އެއްވުން މަނާ ސަރަހައްދެކެވެ. ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލަން ވަގުތު ކުޑަތަން ވެފައި ވާއިރު ޕީޕީއެމް/ޕީއެންސީން ބުނަމުން ދަނީ އެ ކޯލިޝަންގެ ކެންޑިޑޭޓަކީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ކަމަށެވެ. އެ މަނިކުފާނުގެ މި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވިޔަސް އަންނަ މަހުގެ ހަތް ވަނަ ދުވަހު، އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމުގެ ކުރިން އެ މައްސަލަ ނިމެނޭ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އަދި ކްރިމިނަލް ކޯޓުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ އެހެން ދައުވާއެއް ޔާމީންގެ މައްޗަށް އުފުލައި އެ މައްސަލަ މިހާރު ވަނީ ނިމުމަކާ ހަމަޔަށް ގޮސްފަ އެވެ.